ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ވީއައިއޭ ނުހުޅުވަ "ކޮވިޑް ފްރީޒޯން" ހެދިދާނެ ތަ؟

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ މާލެ އަތޮޅުގަ އެވެ. ރާއްޖޭން މި ބައްޔަށް 1،829 މީހުން ޕޮޒިޓިވް ވެފައިވާއިރު، ބަލި މީހުންގެ 98 ޕަސެންޓް ފެނިފައިވަނީ ކޮމިއުނިޓީ ސްޕްރެޑް ފުރަތަމަ ފެށުނު ވެރިރަށް މާލޭންނެވެ. އަދި މި ބަލި ފެތުރުމުގެ ބިރު އޮތުމާއެކު ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރު ކުރުން މަނާކޮށްފައިވާތީ، ރާއްޖޭގެ ބޮޑުބައި އޮތީ މި ވަގުތަށް ކޮވިޑް ނެތް ސަރަހަދުތަކެއްގެ ގޮތުގަ އެވެ. މިހާލަތުގައި އޮވެ ރާއްޖޭގެ އިގްތިސާދު ޖުލައި މަހު ހުޅުވާލާއިރު، މިއީ ބޮޑު ރާއްޖެ އަށް ނެގިދާނެ ފައިދާއެއްގެ ގޮތުގައި މާހިރުން ގަބޫލު ކުރެ އެވެ. ނަމަވެސް މި ފައިދާ ނެގެން އޮތީ ރާއްޖޭން ތަފާތު ވިސްނުމެއްގައި މަސައްކަތް ކޮށްގެންނެވެ. މިގޮތުން އެއް ވިސްނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނުހުޅުވައި ޓޫރިޒަމް ހުޅުވާލެވޭނެ ގޮތެއް ބެލުމެވެ.

މިއީ ރާއްޖެއަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ރާއްޖޭގައި މިގޮތަށް އޮޕަރޭޝަން ފެށޭ ފެންވަރުގެ އެހެން އެއާޕޯޓު ތަކެއް އެބަހުރި ހެއްޔެވެ؟ މީގެ ނަތީޖާ ކިހިނެއްވާނެ ހެއްޔެވެ؟

"ކޮވިޑް-19 އަށްފަހު ހުޅުވާލާއިރު ރާއްޖެ ވަރުގެ އެޑްވާންޓޭޖް އޮތް ތަނެއް ނެތް ދުނިޔޭގައެއް. އެކަމަކު އެ އެޑްވާންޓޭޖް ރާއްޖެ އިން ދުނިޔެ އަށް އަންގައެއް ނުދެވޭ. ވީއައިއޭއެއް ނޫން، އެހެން އެއާޕޯޓުތައް ވެސް ބޭނުން ކޮށްގެން ޓޫރިޒަމް ރާއްޖޭގައި ފެށިދާނެ،" ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް އަވަސް އަށް ވިދާޅުވި އެވެ.

ރާއްޖޭގައި 13 ވައިގެ ބަނދަރެއް އޮތްއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓް އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ނޫނީ ދެން ހުރީ ހުސް ޑޮމެސްޓިކް އެއާޕޯޓް ތަކެވެ. މިހާރުގެ ހާލަތުން މީގެ ތެރެއިން ބައިނަލް އަގުވާމީ ވައިގެ ފަތުރު ފަތުރުތަކަށް ހުޅުވާލަން އެންމެ ފަސޭހަވާނެ އެއް ތަނަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ. ނަމަވެސް ގޭން ވައިގެ ދަތުރު ފަތުރަށް ހުޅުވާލާނަމަ ދިމާވާނެ އެއް ޗެލެންޖަކީ ޓޫރިޒަމް އެންމެ ބޮޑަށް ފެތުރިފައިވާ އަތޮޅުތަކާ އައްޑޫ ދުރުވުމެވެ. ނަމަވެސް މިކަމުގެ ހައްލެއް އެބައޮތެވެ. އެއީ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓް މިވަގުތު އަވަސްކޮށް ވައިގެ ދަތުރު ފަތުރަށް ހުޅުވާލުމެވެ. މި ސަރައްހަދަކީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑުބައި އޮތް އަތޮޅެވެ. ޓޫރިޒަމްގެ އާމްދަނީ މާލެ އަތޮޅު ނަގާފަ އެންމެ ބޮޑު ހިއްސާއެއް ކުރާ އެެއް އަތޮޅެވެ. އެހެންވެ ސަރުކާރުން ވެސް މާލެ ނޫން އެހެން އެއާޕޯޓަކާއެކު ޓޫރިޒަމް ހުޅުވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބެލެވެ އެވެ.

މާމިގިލީގައި އެއާޕޯޓް ހިންގާ، ވިލާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި މާމިގިލި އެއާޕޯޓުގެ ފެސިލީޓީތައް ހުރީ އިންޓަނޭޝަނަލް ދަތުރު ތަކަށް ތައްޔާރަށް ކަމަށެވެ.

"ކުރިން ހިންގި ވަރާ ބަލާއިރު އަޅުގަނޑުމެންގެ ކެޕޭސިޓީ މިހާރު ވާނީ 200 ޕަސެންޓް އިތުރުކޮށްފަ. މިހާރު 120 މީހުންގެ ލައުންޖެއް ވެސް ހުންނާނެ. އެރައިވަލް ހޯލްއާއި އެހެން ފެސިލީޓީތައް ވެސް އެބަހުރި. އެހެންވީމަ ސަރުކާރުން ހުއްދަ ދޭއިރަށް އަޅުގަނޑުމެންނަށް ދަތުރުތައް ފެށޭނެ. އަޅުގަނޑު ސަރުކާރުގެ ބައެއް ފަރާތްތަކާ ބޭއްވި މީޓިންތަކުގައި އެ ބޭފުޅުންގެ ވެސް ހިޔާލު އެބަހުރި ވީއައިއޭ ނޫން އެހެން އެއާޕޯޓެއް މިހާލަތުގައި ހުޅުވައިގެން ހިދުމަތް ދޭން ފަށަން،" ނާޝިދު ވިދާޅުވި އެވެ.

ރާއްޖެ އަށް މިއީ އެޑްވާންޓޭޖެއް!

ވީއައިއޭ ނޫން ސަރަހައްދު ތަކެއް ޓޫރިޒަމަށް ހުޅުވާލައި ބޭނުން ކުރަން ފަަށައިފިނަމަ، ރާއްޖެއަކީ "ކޮވިޑް ފްރީ އެޓޯލް" ނުވަތަ "ކޮވިޑް ފްރީ ރިސޯޓް" ތަކެއްގެ ގޮތުގައި އިސްތިހާރު ކުރަން މަގު ފަހިވާނެ އެވެ. ކޮވިޑް-19 އަށްފަހު، މިގޮތަށް ދުނިޔޭގެ ބައެއް ގައުމު ތަކުން ދަނީ އިސްތިހާރު ކުރަމުންނެވެ. މިގޮތަށް ދުނިޔޭގެ ސަމާލުކަން ހޯދަމުން މިހާރު ދަނީ ކޮވިޑް ބަލި ފެތުރުން މައިތިރި ކުރުމަށްފަހު ނިއުޒީލޭންޑް އާއި އޮސްޓްރޭލިއާ އެވެ. ދެ ގައުމުގެ އެތެރެ ހުޅުވާލުމަށްފަހު ދެ ގައުމު ގުޅިގެން މިހާރު މަސައްކަތް ކުރަމުން ދަނީ ދެ ގައުމުގެ ދެމެދުގައި ދަތުރުތައް ފަށާށެވެ. ސިޔާސީ ގޮތުން ފިކުރު އެއްގޮތް އަދި އިގްތިސާދީ ގޮތުން ކުޅުން ބޮޑު ބަދަހި މި ގައުމުން ދުނިޔެ އަށް ދައްކާފައިވަނީ އެއީ "ކޮވިޑް ފްރީ ޒޯން" އެއް ކަމުގަ އެވެ. އެ މީހުން ބުނަމުން ދަނީ އެއީ "ޓްރެވަލް ބަބަލް" އެއް ކަމަށެވެ. ދުނިޔެ މިހާރު ގަބޫލު ވެސް ކޮށްފައިވަނީ އެގޮތަށެވެ.


ރާއްޖެ އަށް މި ފަދަ އެޑްވާންޓޭޖެއް ނެގިދާނެ ހަނި ނަމަވެސް މަގެއް އެބައޮތް ހެއްޔެވެ؟ ރާއްޖޭގެ ރަށްތައް އުފެދިފައިވާ "ވަން އައިލެންޑް" ކޮންސެޕްޓް މިހާލަތުގައި ދުނިޔެ އަަށް ކިޔައި ނުދެވެނީ ކީއްވެގެން ހެއްޔެވެ؟

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ، ހުސެއިން އަފީފު (ލަކްސް އަފީފު) ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ވަރުގެ ހެލްތު މެޝާސްތައް ނެގޭނެ ގައުމެއް ދުނިޔޭގައި ވެސް މަދުވާނެ ކަމަށާ، ނަމަވެސް މި ވާހަކަތައް ދުނިޔެ ކިޔައިދޭން ޖެހޭ ކަމަށެވެ.

"ބަހާމާސް ނޫނީ ސީޝެލްސް ފަދަ ގައުމު ތަކަށް ބެލިއަސް ބީޗްތަކަކީ ޕަބްލިކް ތަންތަން. އެކަމަކު ރާއްޖޭގައި މިއޮތީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް. އާއްމުންނެއް މި ބީޗް ތަކަށް ގޮހެއް ނޫޅޭނެ. ރިސޯޓްތަކުގެ ވިލާތައް މި ހުންނަނީ ދުރު ދުރުގައި. ހައިޖިން ގޮތުން ބެލިއަސް ރެސްޓޯރެންޓްތަކުގެ ފެންވަރު ވެސް މަތި،" އަފީފް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ "ލަކްސް" ގްރޫޕުގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ އަފީފު ވިދާޅުވި ގޮތުގައި މިފަދަ ޕެންޑެމިން ހާލަތެއް ނިމުނަމަށް އަންނައިރު، ހެލްތް ދާއިރާގެ މީހުންނާއެކު އިގްތިސާދީ މީހުން ވެސް މަސައްކަތް ކުރާނަމަ މި މައްސަލަތައް ނުކިކުންނާނެ ކަމަށެވެ.

ކުރިން ވާހަކަ ދެއްކެވި ވިލާ އެއާގެ އެމްޑީ ނާޝިދު ވިދާޅުވި ގޮތުގައި މިހާރު ބަލަންވީ ޓޫރިޒަމް ރީޖަންތައް ރައްކާތެރި ފިޔަވަޅުތަކާއެކު ހުޅުވާލަން ކަމަށެވެ.

"ޓޫރިޒަމް ހުޅުވާލާއިރު އެތެރޭގެ ކަނެކްޓިވިޓީ މަދު ވާނެ. އެހެންވީމަ ޓޫރިސްޓުން މާލެ ސަރަހައްދުގައި ގިނައިރު ތިބެން ޖެހޭނެ. އާއްމު ގޮތެއްގައި ދެ ގަޑިއިރު ވަރު އެއާޕޯޓުގައި މަޑު ކުރަން ޖެހޭ. މީގެ ބަދަލުގައި ރައްކާތެރިކަމާއި ޔަގީންކަމުގެ ގޮތުން ވެސް ގަން ނޫނީ މާމިގިލި ފަދަ އެއާޕޯޓަކުން ސީދާ ރިސޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެއްސީމަ. އަނެއްކާ ޓޫރިސްޓުންނަށްވެސް ހަރަދު ކުޑަ ވާނެ އެގޮތަށް ވިއްކީމަ. ޓޫރިސްޓުންނަ ށްވެސް ޔަގީންކަން ލިބިގެންދާނެ،" ނާޝިދު ވިދާޅުވި އެވެ.

ފަށާއިރު ޝެޑިއުލް ދަތުރުތައް ނުފެށޭނެ!

ޖުލައި މަހު ޓޫރިޒަމް ހުޅުވާލެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެކަން ދުނިޔެ އަށް ރަސްމީކޮށް އިއުލާނު ވެސް ކޮށްފަ އެވެ. މާހިރުންގެ ނަޒަރުގައި މިހާލަތުގައި ހުޅުވާލިއަސް ޝެޑިއުލް ފްލައިޓެއް އަންނަން ވަގުތު ނަގާނެ އެވެ. އެހެންވެ ހަމައެކަނި ވީއައިއޭ އަށް ފްލައިޓް ޖެއްސުމުގެ ބަދަލުގައި ޕްރައިވެޓް ޖެޓް ފަދަ އުޅަނދުތައް ޖެއްސޭ ހުރިހާ އެއާޕޯޓް ތަކެއް ވެސް މިވަގުތު ބޭނުން ކުރަން ޖެހެ އެވެ. ޕްރައިވެޓް ޖެޓުގެ އޮޕަރޭޝަނަކަށް ބަލާނަމަ ބައެއް ސާމާނު ހޯދައިގެން ނަމަވެސް އޮޕަރޭޝަން ފެށިދާނެ ތަންތަން އެބަހުއްޓެވެ. އެކަންކަމީ އެންމެ ގުޅިގެން ސަރުކާރަކަށް ފުރިހަމަ ކުރެވިދާނެ ކަންކަމެވެ.

މަންޓާ އެއާގެ ސީއީއޯ ހަލީލް ވިދާޅުވި ގޮތުގައި ޔޫރަޕުގެ ގައުމުތައް ހުޅުވާލިނަމަވެސް ބޯޑަރު ހުސްކޮށް ދަތުރު ކުރަން ފަށަން ދުވަސް ނަގާނެ ކަމަށެވެ.

"ގައުމުތަކުގެ އެތެރެ އަދި އެ ހުޅުވަނީ. އެ މީހުން އެހެން ގައުމުތަކަށް ދަތުރު ކުރުމާއި އިންޓަނޭޝަނަލް ދަތުރުތައް ފަށަން އަދި ދުވަސް ނަގާނެ. އެހެންވެ ފައިގެ ބޮޑުވައި އިނގިއްޔާ ހަމައިން ވިސްނައިގެން މިކަމެއް ނުވާނެ. ބޮޑުކޮށް ނިކަން ފުޅާކޮށް މިކަމާމެދު ވިސްނަން ޖެހޭނީ. ބިރު ގަންނަ ގޮތަށް ބޮޑު އަދަދު ޖަހައިގެން ސްޓޭޓްމަންޓް ހެދިއަސް ނިކަން ހައްލެއް ނުވާނެ،" ހަލީލް ވިދާޅުވި އެވެ.

ޝެޑިއުލް ފްލައިޓް ނައިނަމަވެސް ކޮންމެވެސް ވަރަކަށް ޗާޓަރުތަކާއި ޕްރައިވެޓް ޖެޓް އޮޕަރޭޝަނެއް ހުޅުވާލުމުން ފެށޭނެ ކަމަށް ބެލެވެ އެވެ. އެ ފަދަ ހާލަތެއްގައި ރާއްޖޭގައި ބޭނުން ކުރެވިދާނެ އޮތީ މާމިގިލި އެއާޕޯޓާއި މާފަރު އެއާޕޯޓް އަދި ކޫއްޑޫ އެއާޕޯޓާއި ސ. ގަމުގެ އިތުރުން ދ. އެއާޕޯޓެވެ. މި ތަންތަނަކީ ބައެއް ކުދިކުދި ބަދަލުތަކާއެކު ޖެޓް އޮޕަރޭޝަނެއް ކުޑަކޮށް ނަމަވެސް ފެށިދާނެ އަތޮޅު ތަކެވެ. އަދި ދ. އެއާޕޯޓާއި ކޫއްޑޫ ފަދަ ތަންތަނަކީ ޖެޓް އޮޕަރޭޝަނަށް ފުރިހަމަކޮށްފައިވާ އަމިއްލަ އެއާޕޯޓް ތަކެވެ.

ޕްރިސްޓީން އިންވެސްޓްމަންޓުން ހިންގާ ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި މި ވަގުތު ވީއައިއޭ ނުހުޅުވައި ވެސް ޓޫރިޒަމް ފެށިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ބޭނުންވާ އިކްއިޕްމަންޓާއި މީހުން ބޭނުވާނެ އެހެން ތަނެއްގައި ފަށާނަމަ. މާލެ އިން އިމިގްރޭޝަން އާއި ކަސްޓަމްސް ފަދަ މުވައްޒަފުން ގޮސް އެ ސަރަހައްދުތަކުގައި ތިިބެން ވާނީ. ބޭރުން މީހުން އަންނަން ވާނީ ކޮވިޑް-19 އަށް ޓެސްޓް ކުރެވި ނަތީޖާ ވެސް ލިބިގެން. އޭރުން ފެށިދާނެ. އެގޮތަށް ހެދީމަ ހުރިހާ ކޮވިޑް ފްރީ ރީޖަން ތަކެއް ހަދައި ފުރަތަމަ ހުޅުވިދާނެ. ސ. ގަމަށް އިންޓަނޭޝަނަލް ދަތުރުތައް މިހާރު ވެސް ފެށި ދާނެ. އޭރުން މާލެ ނޫން އެހެން ސަރަހައްދުތަކަށް މި ވަގުތު ފައިދާ ކުރާނެ. އެ ތަނުން މީހުން އެހެން ރީޖަން ތަކަށް ގެންދާ ގޮތްވެސް ހެދިދާނެ،" ވޮލްޑޯފް އެސްޓޯރިޔާ އިތާފުށި މޯލްޑިވްސްގެ އެއް އޯނަރު ކަމަށްވާ، ޖަނާހު ވިދާޅުވި އެވެ.

މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް އަށް ހުޅުވާލައިފިނަމަ އެއީ ރާއްޖޭގެ މެދު ތެރެ އެވެ. އަދި އައްޑޫނަމަ އެއީ ރާއްޖޭގެ ދެކުނެވެ. މި ދެ އަތޮޅުން ކޮންމެ ހިސާބެއް ފެށިނަމަވެސް ސީޕްލޭން އޮޕަރޭޝަނެއް ވެސް ފަށަން ޖެހޭނެ އެވެ. އެގޮތަށް ބަލާނަމަ މާމިގިލި އަދި އައްޑޫގައި ވެސް ސީޕްލޭން ވަސީލަތް ބޭނުންވާނެ އެވެ. މި ދެތަނުގައިވެސް ސީޕްލޭން ފެށޭނެ ވަސީލަތްތައް އެބަހުއްޓެވެ. މިއީވެސް ސަރުކާރާއި އިންޑަސްޓްރީ އިން ބޭނުންވެއްޖެނަމަ އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަމެވެ. އެހެންވެ ބަދަލުތަކެއް ގެނެސްގެން ވެސް ހުޅުލެ ނޫން ތަނަކުން ޓޫރިޒަމް ހުޅުވާލުން މިއީ ކުރެވިދާނެ ކަމެކެވެ. މިގޮތަށް މިކަން ކުރެވިއްޖެނަމަ ރާއްޖޭގައި ވެސް "ކޮވިޑް ފްރީ ޒޯން" އެބަހުރިކަން ދުނިޔެއަށް ބުނެދެވިދާނެ އެވެ. އެކަން ކުރެވޭނީ ހަމައެކަނި ނިއުޒިލޭންޑާއި އޮސްޓްރޭލިއާއަށް އެކަންޏެއް ނޫނެވެ.