ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސިލްކް އެއާގެ ދަތުރުތައް ފަށައިފި

Dec 2, 2020

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކް އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ސިންގަޕޫރުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓްއާ ދެމެދު އިއްޔެ ފެށި މި ފްލައިޓުގެ ދަތުރު ތަކާއެކު ހަފުތާއަކު ދެ ފްލައިޓް އޮންނާނެ އެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ސިލްކް އެއާގެ ދަތުރުތައް ފެށިއިރު، ރާއްޖެއާ ސިންގަޕޫރާ ދެމެދު "ޓްރެވަލް ބަބަލް" އެއް ހަދަން ދަނީ ތައްޔާރު ވަމުންނެވެ. ސިލްކް އެއާއިން މީގެ ކުރިން ވެސް ދަތުރު ކުރި އެވެ. މި ދަތުރުތައް ހުއްޓާލާފައި ވަނީ ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށުމާއެކު މާޗް މަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ނިޔަލަށް 25 ފްލައިޓަކުން ދަތުރު ފަށަން ދަނީ ތައްޔާރު ވަމުންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 32،241 ޓޫރިސްޓުން އައިސްފައިވެ އެވެ. މި މަހު ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިން ނެވެ. އެ ގައުމުން މިހާތަނަށް 16،285 މީހުން ވަނީ އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވި ފަހުން އައި ޓޫރިސްޓުންގެ 22.4 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިން ނެވެ. އެ ގައުމުން މިހާތަނަށް 8،690 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 5،312 ޓޫރިސްޓުން އައިސްފައިވާއިރު އެމެރިކާ އިން 2،212 ޓޫރިސްޓުން އައިސްފައިވެ އެވެ. ޔޫއޭއީން 4،471 ޓޫރިސްޓުން، ޖަރުމަނުން 3،626 ޓޫރިސްޓުން އަދި ޔޫކުރެއިން އިން 2،661 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ޓޫރިސްޓުންނެވެ. ސެޕްޓެންބަރު އައީ 9،538 ޓޫރިސްޓުންނެވެ. އޮގަސްޓްގައި 7،628 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު އައީ 1،752 ޓޫރިސްޓުންނެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 455،470 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ. ބޯޑަރު ހުޅުވި ފަހުން އައ 72،623 ޓޫރިސްޓުންނެވެ.