މޯލްޑިވިއަން

ގައުމީ އެއާލައިން ބޭރު ބަޔަކާ އެކު ޖޮއިންޓް ވެންޗާ ހަދަނީ

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) އެއް ހަދަން ވާހަކަ ދައްކަވަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގައުމީ އެއާލައިން ރަނގަޅު ކުރަން ބޭރު ކުންފުންޏަކާއެކު ޖޭވީ ހަދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރައްވަނީ ކޮން ކުންފުނިތަކަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އެކަމަކު ދެ ފަރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެެއީ މެދުއިރުމަތީގެ ދެ ކުންފުނިކަން ރައީސް ޔަގީންކޮށްދެއްވި އެވެ.

ރައީސް ވިދާޅުވީ ޖޭވީއެއް ހެދުމުގެ އިތުރުން ގައުމީ އެއާލައިންގެ ސީޕްލޭންގެ ހިދުމަތް ވަރުގަދަ ކުރަން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ގައުމީ އެއާލައިނެއް އޮންނަން ޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް އެފަދަ ކުންފުންޏެއް އޮތުމުން ލިބޭ ފައިދާތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މިމައްސަލާގައި ރައީސް އެހާ ތަފްސީލް ކޮށް ވާހަކަދައްކަވާފައެއް ނުވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު ވެސް ގައުމީ އެއާލައިން ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. އަދި އޭގެފަހުން ކޮވިޑްގެ ހާލަތު ކުރިމަތިވުމުން ލިބުނު ގެއްލުންތަކުން އަދިވެސް އެ ކުންފުންޏަށް އަރައިގަނެވިފައި ނުވާ ކަމަށެވެ.

ގައުމީ އެއާލައިން ޖޭވީއެއް ހަދަން މަޝްވަރާ ކުރާ ކަމަށް ސަރުކާރުން ބުނިއިރު، މި އަހަރުގެ ބަޖެޓުގައި ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 400 މިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ. ނަމަވެސް ޕްރައިވެޓައިޒް ކުރާނީ ކޮން ކުންފުނިތަކެއް ކަމެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.