ވިޔަފާރި

އެއާލައިންތަކުން އަމަލު ކުރަންޖެހޭ އުސޫލު އާއްމުކޮށްފި

Jun 28, 2020

ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ގައި ހުޅުވާއިރު، އެއާލައިން ތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އިން ކަނޑައަޅައިފި އެވެ.

އެމްއޭސީއޭ އިން ބުނި ގޮތުގައި ދަތުރުމަތީގައި ހުރިހާ ފަސިންޖަރުން ތިބެން ޖެހޭނީ މާސް އަޅައިގެނެވެ. ފްލައިޓް ތެރޭގައި ބަލީގެ މައުލޫމާތާއި ސޭފްޓީ ގައިޑްލައިން އާއްމު ކުރަން ޖެހޭނެ އެވެ. އަދި އެ އުސޫލުގައިވާ ގޮތުން ކޮވިޑް-19 އިގެ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެ މައުލޫމާތެއް އިމިގްރޭޝަންއާ ވަގުތުން ހިއްސާ ކުރަން ޖެހޭނެ އެވެ.

މި އުސޫލަށް އިންޓަނޭޝަނަލް އެއާލައިންތަކުގެ އިތުރުން ޑޮމެސްޓިކް އެއާލައިން ތަކުން ވެސް އަމަލު ކުރަން ޖެހެ އެވެ.

ރާއްޖޭން ފުރާ މީހުން އިމިގްރޭޝަން ކައުންޓަރަށް ދާއިރު، އަތުގައި ކޮވިޑް-19 ގެ ޓެސްޓްގެ ނަތީޖާ ދައްކުވައިދޭ މައުލޫމާތު އޮންނަން ޖެހެ އެވެ. މީގެ އިތުރުން ފުރުމުގެ 24 ގަޑިއިރު ކުރިން "އޮންލައިން ހެލްތް ޑިކްލަރޭޝަން ފޯމް" ފުރަން ޖެހެ އެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ހިނދެއްގައި ވީހާ އަވަހަކަށް އެޗްޕީއޭއަށް އަންގަން ޖެހޭނެ އެވެ.

ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ހުޅުވާލާއިރު ދުނިޔޭގެ ބޮޑެތި އެއާލައިން ތަކުން ވަނީ ބޯޓު ޖައްސަން އެއާޕޯޓުން ޖާގަ ހޯދަން އެދިފަ އެވެ. މިހާތަނަށް 10 ފަރާތަކުން ޖާގައަށް އެދިފައިވެ އެވެ.

ސަރުކާރުން ވަނީ ބޯޑަރު ހުޅުވުމަށް ފަހު މި އަހަރު 900،000 ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ. އެ އަދަދަށް އަޔަސް އެއީ މިދިޔަ އަަހަރާ އަޅާ ބަލާއިރު 50 ޕަސެންޓް ދަށްވުމެކެވެ.