ރާއްޖެއަށް މިހާރު ދަތުރު ކުރަމުން ގެންދަނީ 18 އެއާލައިނަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން މިހާރު 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރި ނަމަވެސް މިދިޔަ މަހާ ހަމަ އަށް 25 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ކުރަމުން ދިޔަ އެވެ.
ރާއްޖެއަށް އުދުހެމުން ގެންދާ އެއާލައިންތަކުގެ އަދަދު މަދުވި ނަމަވެސް މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިން ތަކުން ދަނީ ދަތުރު ކުރަމުންނެވެ. މީގެތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ އެއާލައިންތައް ހިމެނެ އެވެ. އޭގެތެރޭގައި ޝެޑިއުލް ފްލައިޓްތަކާއި ޗާޓަރުތައް ވެސް ހިމެނެ އެވެ. މިހާރު ގިނަ އެއާލައިންތައް އަންނަނީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާއިންނެވެ.
ރަޝިއާ އިން ރާއްޖެ އަށް މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 95،670 އަށް އަރާފަ އެވެ.
ރާއްޖެ އަށް ދަތުރު ކުރާ އެއާލައިންގެ އަދަދު މަދުވެފައި މިވަނީ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްތައް ގޮސް އޮފް ސީޒަން ފެށުމާއި ކޮވިޑް-19 އިގެ އާ ރާޅެއް ރާއްޖޭގައި އުފެދި މި ބަލީގެ ނަމްބަރުތައް މަތި ވާން ފެށުމުންނެވެ. މިގޮތުން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި އިންޑިއާ މާކެޓު މިހާރު ވަނީ ބަންދު ކޮށްފަ އެވެ. މި މާކެޓުން ކުރިން ފަސް އެއާލައިނެއް ރާއްޖެއަށް ދަތުރު ކުރަމުން ދިޔަ އެވެ.