ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖެއަށް 82،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވިފަހުން މިހާތަނަށް 82،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 82,902 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 465,749 އަށް އަރާފަ އެވެ.

ހުޅުވިފަހުން އައި ޓޫރިސްޓުން

  • ޖުލައި (15 އިން 31 އަށް) 1,701
  • އޮގަސްޓް މަހު 7,628
  • ސެޕްޓެމްބަރު މަހު 9,538
  • އޮކްޓޫބަރު މަހު 21,515
  • ނޮވެމްބަރު މަހު 35,759
  • ޑިސެމްބަރު (1 އިން 4 އަށް) 6,761

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައި ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އަދި ލޮކްޑައުންނަށްފަހު ބޯޑަރު ހުޅުވި ފަހުން ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އެ ގައުމުންނެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް

  • ރަޝިއާ 17,404
  • އިންޑިއާ 10,318
  • އިނގިރޭސިވިލާތް 5,703
  • އެމެރިކާ 5,488
  • ޔޫއޭއީ 4,842
  • ޖަރުމަނު ވިލާތް 3,999
  • ޔޫކްރެއިން 2,896
  • ފްރާންސް 2,331
  • ސްޕެއިން 2,198
  • ބްރެޒިލް 2,168

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާއިރު، ދުވާލެއްގެ މައްޗަށް އަންނަ މީހުންގެ އަދަދު ވެސް ވަނީ މަތިވާން ފަށާފަ އެވެ. ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އާދެ އެވެ. އަދި އާއްމު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް މަތިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޖެނުއަރީ އިން މާޗް މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑު ކުރަނީ 7.9 ދުވަހު އެވެ. ނަމަވެސް މިހާރު އެވްރެޖު ސްޓޭ ވަނީ 9.2 ދުވަހަށް ދިގުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ޓޫރިސްޓުން ގެންނަ ކަނޑައަޅާފައިވާ ޓާގެޓު ކަމަށްވާ 500،000 ޓޫރިސްޓުން މި އަހަރުގެ 25 ވަނަ ދުވަހު ހަމަވާނެ އެވެ. އަދި ބޯޑަރު ހުޅުވިފަހުން ގެންނަން ޓާގެޓު ކުރި އެއް ލައްކަ ޓޫރިސްޓުންގެ ނަމްބަރު ވެސް މި މުއްދަތުގައި ހަމަވާނެ ކަމަށް ލަފާ ކުރެވެ އެވެ.