މޯލްޑިވިއަން

ގައުމީ އެއާލައިން ޖޭވީ ހަަދަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއްް އެއާލައިނާ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޖޮވިންޓް ވެންޗާ (ޖޭވީ) ހަދަން މަޝްވަރާ ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި މެދުއިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިން ހިމެނޭކަން އަވަސް އަށް އެނގިއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޯލްޑިވިއަން އިން ބޭރުގެ ކުންފުންޏަކާ އެކު ޖޭވީ ހަދަން މަޝްވަރާ ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާ ކުރަމުން ގެންދަނީ މެދުއިރުމަތީގެ ދެ ކުންފުންޏަކާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާ ކުރަނީ ކޮން އެއާލައިންތަކަކާ ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި ދަރަނި ބޮޑު އަދި ދައުލަތަށް މާލީ ގޮތުން ބޮޑު ބުރައެއް 2018ގެ ފަހުން އުފުލަން ޖެހިފައިވާ މޯލްޑިވިއަން އިން ޖޭވީ ހަދަން މަޝްވަރާ ކުރަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިންއާ އެވެ. މި އެއާލައިނުން ވަނީ މަޝްވަރާ ތަކަށް ފަހު ސަރުކާރަށް ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ.

އަވަސް އަށް ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވެސް މިފަދަ މަޝްވަރާ ތަކެއް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން އެއާލައިންތަކެއް ކަމެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ [ޖޭވީ] ހެދުމަކީ ވަރަށް ރަނގަޅު ނިންމުމެއް،" މިހާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖޮއިންޓް ވެންޗާ ހަދާނެ ވަކި ކުންފުންޏެއް އަދި ނިންމާފައިވާކަން އެނގިފައި ނެތް ކަމަށެވެ.

"މި ވަގުތު ގަވަރުމަންޓާއެކު މަޝްވަރާ ކުރަމުން އެދަނީ. ޕްރޮޕޯސަލް ލިބުމުން ސަރުކާރުން އެ ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރައްވާނީ،" މިހާދު ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ [ޖޭވީ] ހެދުމަކީ ވަރަށް ރަނގަޅު ނިންމުމެއް
އަހުމަދު މިހާދު | މޯލްޑިވިއަން އެމްޑީ

މެދުއިރުމަތީގެ ކުންފުންޏަކާއެކު ޖޭވީއެއް ހަދަން އުޅޭ ކަމަށް ރައީސް ވިދާޅުވިއިރު މި ސަރުކާރުގެ އިސްވެރިން ދާދިފަހުން ވަނީ ގާތްގާތުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ދަތުރުތަކެއްވެސް ކުރައްވާފަ އެވެ. އެންމެ ފަހުން މެދުއިރުމައްޗަށް ވަޑައިގަތް ބޭފުޅަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މި ސަރުކާރުގެ ވެރިން އެންމެ ގިނައިން މިފަހުން ދަތުރުކުރި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ.

ޔޫއޭއީއަކީ މެދުއިރުމަތީގެ އެންމެ ބޮޑު ދެ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސް އެއާލައިން ނިސްބަތްވާ ގައުމެވެ.

މޯލްޑިވިއަން އަކީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އަށް ވަނީ 25.3 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

މޯލްޑިވިއަން އިން ޖޭވީ ހަދަން ނިންމާފައިވާއިރު، މިއީ މި ސަރުކާރުން ޕްރައިވެޓައިޒް ކުރާނެކަން ރަސްމީކޮށް އިއުލާނު ކުރި ފުރަތަމަ ކުންފުންޏެވެ. ސަރުކާރު ކުންފުނިތައް ޕްރައިވެޓަައިޒް ކޮށްގެން 400 މިލިއަން ރުފިޔާ ހޯދަން މި އަހަރަށް ބަޖެޓުކޮށްފައިވެ އެވެ.