ވިޔަފާރި

ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓު ކުޑަނުކޮށް، އަންނަ އަހަރަށް 10 މިލިއަން ޑޮލަރު

ޓޫރިޒަމް މާކެޓިން ބަޖެޓުގެ ގޮތުގައި އަންނަ އަހަރަށް ވެސް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަމަޖައްސައިފި އެވެ.

އަންނަ އަހަރަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓޫރިޒަމް ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ވާނީ ދީފައި. ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ ވާނީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ބަޖެޓަށް ދީފައިވާ 10 މިލިއަން ޑޮލަރަކީ 2018 ވަނަ އަހަރުގެ ކުރިއާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ. ކުރިން ރާއްޖޭގެ މާކެޓިން ބަޖެޓުގެ ގޮތުގައި ދެނީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) އެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ތަކެއް ވެސް ކުރަން ވަނީ ނިންމާފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ މަސައްކަތް އަލުން ފަށަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރު ކުރުމުގެ ގޮތުން އިންވެސްޓް މޯލްޑިވްސްގެ މަސައްކަތް ފުޅާ ކުރަން ވެސް ނިންމާފައިވެ އެވެ.