ވީއައިއޭ ނުނިންމާ އިތުރު ޓެކުހެއް، ސުމެއްނު!

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި މިހާތަނަށް ކުރި އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ އެނބޫދޫފަޅުގައި ހަތް ރަށް ހިއްކައިގެން ހެދި "ކްރޮސްރޯޑް މޯލްޑިވްސް" އެވެ. އެތައް ބިލިއަން ޑޮލަރުގެ މި މަޝްރޫއާއެކު އެ ކުންފުނިން ރާއްޖެ އައި މައިގަނޑު ސަބަބަކީ އޭރުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ބިޔަ މަޝްރޫއެއް ފަށާފައި ވުމެވެ. ދިވެހި ގިނަ ކުންފުނިތަކަކުން މަސައްކަތް ކުރި މި މަޝްރޫއަށް ފައިސާ އޮއްސި ސަބަބަކީ ވީއައިއޭ މި އަހަރު ހުޅުވުމެވެ. ނަމަވެސް އެކަމެއް ނުވި އެވެ.

އޭގެ ބަދަލުގައި މައި އެއާޕޯޓުން މިހާރު ފެނިގެން ދަނީ ވަރަށް "ޑެސްޕަރޭޓް" މަންޒަރެކެވެ. އެކަށީގެންވާ ވަރަށް މީހުން އަންނަ ދުވަހެއްގައި ނަމަ މިހާރު މި އެއާޕޯޓަކީ "އުނގުޅޭ ބާޒާރެ" އް ފަދަ ތަނެކެވެ. ހިތް އުފާކޮށްލަން އަންނަ މެހުމާނަށް ފެންނަ "ފަސްޓް އިމްޕްރެޝަން" ވަނީ ބޮޑު ފޫއްސަކަށް ވެފަ އެވެ. ރާއްޖެއިން ހިދުމަތް ހޯދާ މީހުނަށް ވީއައިއޭއަކީ ހޫނު "އަވަނެއް" ފަދަ ތަނެކެވެ. އެއާޕޯޓުގެ ހާލަތު މިގޮތަށް އޮތްއިރު އުންމީދާއެކު ފެށި ބިޔަ މަަޝްރޫއުގެ ދުވެލި މިހާރު އޮތީ ބަރަވެލި އިސްޕީޑުގަ އެވެ. -- ނުރުހޭ މީހުން ނުރިހިގެން ތިބޭށެވެ. މިއީ ހަގީގަތެވެ.

އަންނަ އަހަރު އެއާޕޯޓު ނިންމާނެ ކަމަށް ބުނެ، މި ސަރުކާރުން ތާރީހެއް ދިން ނަމަވެސް އެ ތާރީހަށް ވެސް މަސައްކަތެއް ނުކުރެވެ އެވެ. އެކަމަކު އެއާޕޯޓް ނުނިމުނަމަވެސް ފުރާ މީހުންގެ އަތުން ނަގާ ޓެކްސް އަންނަ އަހަރު ބޮޑު ވާނެ އެވެ. މިހާރު ފާސްކޮށްފައިވާ ގޮތުން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ވާނެ އެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. ނަމަވެސް އެއާޕޯޓް ސާވިސް ޗާޖު ނެގުން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި ޑިޕާޗާ ޓެކުހެއްގެ ގޮތު އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން ދެން ވެސް ނަގާނީ 12 ޑޮލަރެވެ. ނަމަވެސް އެ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ދެން ނާގާނީ 30 ޑޮލަރެވެ.

ބޭރަށް ދަތުރުކުރާ ނަމަ ނަގާނެ އިތުރު ޓެކްސްތައް

  • ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

ހިދުމަތް ފުރިހަމަ ނުކޮށް އިތުރު ފީއެއް ނެގުން ނޫނީ ނަގާފީއެއް ބޮޑު ކުރުން މިއީ ދުނިޔެ ދަންނަ ކޮން އުސޫލެއް ހެއްޔެވެ؟ އެއާޕޯޓުގައި ހަދާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށް ދޭ ހެއްޔެވެ؟ މިއިން ދުވަހަކު މިއިން ނިމޭނެ ހެއްޔެވެ؟

"އެއާޕޯޓު މޫނުމަތީގައި ކްރޭން ތަކެއް އުފުލި ފެންނަން ހުއްޓަސް މިހާރު އެތަކެތި މަސައްކަތް ނުކުރޭ، މިވަރުގެ ބޮޑު މަޝްރޫއެއް ޓައިމް ލައިނަށް ނިންމަން ކުރަން ޖެހޭ ވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރޭ،" އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ މަސައްކަތް ގާތުން ބެއްލެވުމުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅަކު ވިދާޅުވި އެވެ. އޭނާގެ ނަން ކަނޑާލީ ވަޒީފާއަށް ދީފާނެ ގެއްލުމުން އޭނާ ހިމާޔާތް ކޮށްދޭން ވެގެނެވެ.

ދުނިޔެއަށް ވަރަށް މަޝްހޫރު ޗައިނާގެ "ބާޑްނެސްޓް" ސްޓޭޑިއަމާއި ބީޖިންގް އެއާޕޯޓު އެޅި ޗައިނާގެ މަޝްހޫރު ބީޔޫސީޖީ އިން ކުރިއަށް ގެންދާ މި މަސައްކަތުގައި މައިގަނޑު ހަތަރު ބައެއް ހިމެނެ އެވެ. އެއް ބަޔަކީ އާ ރަންވޭއެއް އެޅުމާއި އާ ޕެސެންޖަރު ޓާމިނަލެއް ހެދުން އަދި ތެޔޮ ރައްކާކޮށް، ކާގޯ ޓާމިނަލެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަކީ ސީޕްލޭން އަށް ބަރޯސާ ގައުމަކަށްވުމުން އާ ސީޕްލޭން ޓާމިނަލެއް ވެސް ވަނީ އަޅާފަ އެވެ.

ސީޕްލޭން ޓާމިނަލް ނިމިފައި އޮންނަތާ ދެ އަހަރު ވެގެންދާއިރު އެތަން ނުހުޅުވެ އެވެ. އަދި ރަންވޭ ނިމިފައި އޮންނަތާ ވެސް ދެ އަހަރު ވެފައިވާއިރު އެތަން ހުޅުވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. އާ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް ފެށިފައި އޮތަސް މިހާރު ފެންނަނީ އެތަން "ގާވެފައި" ވާތަނެވެ.

މިހާރު ރާއްޖޭގެ ކޮންމެ ކަމެއް "ކޮވިޑުގެ ބޮލު" ގައި އަޅުވައިގެން ތިބޭ ގޮތަށް މި މުހިންމު ބިޔަ ބޮޑު މަސައްކަތް ވެސް ވަނީ އެ ކޮވިޑް ވައިރަހުގެ ބޮލަށް ކަނޑާލާފަ އެވެ.

ކޮވިޑުގެ ސަބަބުން މި މަސައްކަތް މި ވަރުގެ ސްލޯ ކަމެއް އައުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ މި ވަރަށް ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި މަސައްކަތެއްގައި "ތަޅު" އެޅުވިގެން ތިބުމުން ލިބެމުންދާ ގެއްލުން އިންތިހާއަށް ބޮޑުވާތީ އެވެ. ސައޫދީ ބިންލާދިން އަށް ކޮންޓްރެކްޓް ދީފައިވާ 300 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ދުވެއްޔަށް ބަލާއިރު ސަރުކާރުން ވައުދުވި ގޮތަށް ދެން ނިންމަން ބޭނުންނަމަ މިތަނުގައި ހުއްޓުމެއް ނެތި 10،000 މީހުން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. އަދި އަންދާޒާ ކުރެވޭ ގޮތުގައި ދުވާލަކު އެންމެ މަދުވެގެން ހަތަރު މިލިއަނެއްހާ ޑޮލަރުގެ މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ޕެސެންޖަރު ޓާމިނަލް ނިންމޭނެ އެއްވެސް މަގެއް ނެތް ކަމަށް މިފަދަ ބިޔަ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވާ ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

އަހަރަކު ހަތް މިލިއަން މީހުނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ ޓާމިނަލް ހަދަނީ ދިވެހި ވަންނަ ގޮތަކަށް ކަމަށް ބުންޏަސް މިހާތަނަށް ވެސް މިތަނުގެ ކުރެހުމެއް ފެނުނު ދިވެއްސަކު ނެތެވެ.

ކޮންމެ ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމް ބާއްވާ މި ސަރުކާރުން މި ޕެސެންޖަރު ޓާމިނަލް ހުންނާނެ ގޮތުގެ ހިޔާލުތައް ރައްޔިތުންގެ ގާތުން އަހާ ނުލަނީ ކީއް ވެގެންބާ އެވެ؟ ޓާމިނަލް ނިމެންވާއިރަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފި ހެއްޔެވެ؟ މި ކަމުގައި އިންޑަސްޓްރީއާ މަޝްވަރާ ކުރަމުން ދޭ ހެއްޔެވެ؟ ނޫނީ ޓާމިނަލް އަޅާނެ ފައިސާ ނެތީ ހެއްޔެވެ؟ މި މަސައްކަތް މަޑުޖެހުމާ ސަރުކާރުން ތަންފީޒު ކުރަން އުޅޭ ޕްރައިވެޓައިޒޭޝަން ސިޔާތަކާ ގުޅުމެއްވޭ ހެއްޔެވެ؟ ވީއައިއޭ ވެސް ޕްރައިވެޓައިޒް ކުރަނީ ހެއްޔެވެ؟ މި ވަގުތަކީ އެއާޕޯޓް ޕްރައިވެޓައިޒް ކުރަން އެންމެ ރަނގަޅު ވަގުތު ހެއްޔެވެ؟

ވީއައިއޭ ޕްރައިވެޓައިޒް ކުރުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެކެވެ. އެހެން ނޫންނަމަ އެ ތަނުގައި އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ވެރިން ބޮޑެތި ފޯރަމްތަކެއް ނުބާއްވާނެ އެވެ. އެކަންބޮޑުވުން އެ ބޭފުޅުންގެ މެދުގައި އޮތީ އެކަން ކުރަން ބޭނުންވެ އެކަމާ އުޅޭތީ އެވެ. ސަރުކާރުން އަދި ނުބުންޏަސް އެކަމަށް ދަނީ ތައްޔާރު ވަމުންނެވެ.

އާއްމު ގިނަ ބަޔަކު ވަގުތު ހޭދަކުރާ ޕްބަލިކް ފޯރަމް "ކްލަބް ހައުސްގައި" ދާދިފަހުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި މޯލްޑިވްސް އެއާޕޯޓްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯކަން ކުރެއްވި އަލީ ހުސެއިން ދީދީ (އަލިދީ) ވިދާޅުވި ގޮތުގައި މި ވަގުތަކީ އެއާޕޯޓުގެ ހިއްސާ ވިއްކަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފިސަރުކަން ކުރެއްވި އަލީ ރިފާއު ވިދާޅުވި ގޮތުގައި ވީއައިއޭގައި މިހާރު ނިންމާފައި ހުރިތަންތަން އަވަހަށް ހުޅުވައި ހިދުމަތަށް ގެނައުން ވަރަށް މުހިންމެވެ. އަދި ވީއައިއޭގެ މަސައްކަތް ފެށިފައި ވަނީ ފައިސާ ހޯދޭނެ ގޮތުގެ ހިސާބު ރަނގަޅަށް ޖަހައިގެނެވެ. އާ ޓާމިނަލާއި ރަންވޭ އާއި ސީޕްލޭން ޓާމިނަލް ފަދަ ތަންތަން ހިންގަން ފެށުމުން ބޮޑު ފައިދާއެއް ލިބޭނެ އެވެ. އަދި މިހާރު ވީއައިއޭ ހިއްސާ ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަނީ ޓާމިނަލް ހަދަން އިތުރު ފައިސާ ހޯދާން ވެގެން ކަމަށް އޭނާ ވަނީ އެ ފޯރަމްގައި ތުހުމަތު ކުރައްވާފަ އެވެ.

"ވެގެން އުޅޭ ގޮތް ވަރަށް ސާފު. ފައިސާ ހޯދަން އޮތީ ޓާމިނަލްގެ މަސައްކަތުން. އަޑު އަހައިފިން އެ [އާ ޕެސެންޖަރު ޓާމިނަލް] އިން ވޭރިއަޝަނެއްގެ ގޮތުގައި 200 މިލިއަން ޑޮލަރެއް އެރި ވާހަކަ،" އަލީ ރިފާއު ވިދާޅުވި އެވެ. ރިފާއު ދެއްކެވި އެ ވާހަކައިގެ މާނައަކީ ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ 200 މިލިއަން ޑޮލަރު ބޭނުން ވެގެން އުޅޭ ވާހަކަ އެވެ.

އެމްއޭސީއެލްގެ މިހާރުގެ މެނޭޖުމަންޓަށް ބަލާއިރު ގައުމީ ވިސްނުމެއްގައި މި މަސައްކަތް ނިންމުގެ ވިސްނުމެއް ނެތެވެ. މުޅި ވިސްނުން ވަނީ "ގާދޫކޮލުން ބޭރު" ކޮށްފަ އެވެ. މިހާރު އެ ކުންފުނީގައި އަތް ގަދަކުރަމުން ގެންދަނީ މުޅިން އެހެން ވިސްނުމެކެވެ. އިނގިރޭސި އެމްޑީއެއް ގެނައުމާއެކު އިސް މަގާމުތަކަށް ހަމަ ޖައްސަމުން ގެންދަނީ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންކޮޅެއްގެ ވަކި ސާކަލްއަކާ ގުޅިފައިވާ ވެސް ބޭރު މީހުންނެވެ.

ތަޖުރިބާކާރުންގެ ނަަޒަރުގައި ވީއައިއޭ ހިންގަން ބޭނުންނަމަ ތަޖުރިބާހުރި ބޭފުޅުނާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން ރާއްޖެއަށް ވަރަށް ބޮޑެވެ.

ގައުމީ އެއާލައިންގެ އެމްޑީގެ މަގާމާއި އެމްއޭސީއެލްގެ އެމްޑީކަން ފުރުއްވި ބަންދު އިބްރާހިމް ސަލީމް ވިދާޅުވި ގޮތުގައި ވީއައިއޭއިން ރަނގަޅު ނަތީޖާއެެއް ނެރެވޭނީ އެ ތަޖުރިބާކާރުން ހިމެނޭ ބޯޑެއް އެކުލަވާލައި ރަނގަޅަށް ތަރުތީބު ވެގެނެވެ.

"މިހާރު ބޯޑު އޮތީ ވަރަށް ވީކްކޮށް... ކުންފުނީގެ ކަންކަމަށް ވަގުތު ދޭން ޖެހޭ، ބޯޑު މެމްބަރުން އަބަދު އުޅެން ޖެހޭ، ކޮމިޓީތައް ހިންގަން ޖެހޭ، ހުރިހާ ފީލްޑެއްގެ މީހުން ބޯޑުގައި ތިބެން ޖެހޭ. ޑިރެކްޓަރުންގެ މަސްއޫލިއްޔަތުގެ ޒިންމާ އެއްބައޮތް ރަންވޭ ބޭނުން ނުކޮށް އޮތީ ކީއްވެގެން ތޯ ބެލުމުގައި" ބަންދު ވިދާޅުވި އެވެ.

މިހާރު ބޯޑު އޮތީ ވަރަށް ވީކްކޮށް... ކުންފުނީގެ ކަންކަމަށް ވަގުތު ދޭން ޖެހޭ، ބޯޑު މެމްބަރުން އަބަދު އުޅެން ޖެހޭ، ކޮމިޓީތައް ހިންގަން ޖެހޭ، ހުރިހާ ފީލްޑެއްގެ މީހުން ބޯޑުގައި ތިބެން ޖެހޭ. ޑިރެކްޓަރުންގެ މަސްއޫލިއްޔަތުގެ ޒިންމާ އެއްބައޮތް ރަންވޭ ބޭނުން ނުކޮށް އޮތީ ކީއްވެގެން ތޯ ބެލުމުގައި
ބަންދު ސަލީމް | އެމްއޭސީއެލް ކުރީގެ އެމްޑީ

މައި އެއާޕޯޓު ނުނިމުނަސް އެހެން އެއާޕޯޓުތަކުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެ އެވެ. އެ މަސައްކަަތައިގެން ސަރުކާރުން އެބައުޅެ އެވެ. ހާއްސަކޮށް ހާނިމާދޫ ޕްރޮޖެކްޓާއެކު އުދުހި ނުގަނެވިގެން ސަރުކާރު ހީވަނީ މޮޔަވެގެން އުޅޭހެނެވެ. އޭގެ ބަދަލުގައި ވީއައިއޭ ފެންނަނީ ދޮންދަރިއެއް ގޮތަށް އަޅާނުލައި ބާއްވާފައި އޮތް ތަނެވެ. އެހެން ނަމަވެސް ހަގީގަތަކީ ޓޫރިޒަމްގެ ރަންޔޫބޫލީގެ 50 ވަނަ އަހަރު، އަންނަ އަހަރު ފުރޭއިރު އިތުރަށް ޓޫރިޒަމް ކުރިއަރުވަން މި އެއާޕޯޓުގެ މުހިންމުކަން ވަރަށް ބޮޑު ކަމެވެ. ދިވެހި އިގްތިސޯދު ތެދު ދުއްވައިގަނެވޭނީ ވިއައިއޭގެ ޕްރޮޖެކްޓް ނިންމައިގެން ކަމެވެ.