ރިޕޯޓް

ތާރީހަށްޓަކައި އާ ރަންވޭގެ ވާހަކަ

ދުއްވަމުން ދިޔަ ބަހުގެ ފުރޮޅު ގަނބައި ގަތުމާއެކު ބަހުގެ އިންޖީނު ނިވާލި އެވެ. މި ހިސާބުން މަންޒިލަށް ދާން އޮތް ރާސްގެ ބާކީބައި ފުރިހަމަ ކުރަން ޖެހޭނީ ހިމުން މަށިވެލީގެ ދޮން ފަސް ގަނޑުމަތީގައި ފައި މަގުގަ އެވެ. ދުރުން ބަލާއިރު މިތަނުގެ ދިގުމިން އޮތީ ލޮލުކޮޅަށް ގެއްލިފަ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ޒަމާނީ ރަންވޭ އެޅި ސަރަހައްދު މީގެ ހަ އަހަރު ކުރީގައި އޮތް ގޮތެވެ. ރާއްޖޭގެ އިގްތިސޯދު "ހިމަ ނަރެއް" ގެ މަތީގައި ހުއްޓިފައި ވަނިކޮށް މިތަން ހެދުމާއެކު ފުންނޭވާއެއް ލި އެވެ. އެންމެ ޒަމާނީ "ކޯޑް-އެފް" ސްޓޭންޑަޑުގެ މި ރަންވޭ ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެ ނުހުޅުވި އޮތްނަމަވެސް އިއްޔެ އިން ފެށިގެން "ޓެކްސީ ވޭ" އެއްގެ ގޮތުގައި ހިދުމަތް ދޭން ފެށުންވެސްވީ ރާއްޖޭގެ އިގްތިސޯދަށް ފުން ނޭވާއެއް ލާން ލިބުނު ފުރުސަތަކަށެވެ.

މި ރަންވޭ، ޓެކްސީވޭ އަކަށް ބޭނުން ކުރީމަ ލިބޭނެ ފަސޭހައަކީ ކޮބައި ހެއްޔެވެ؟ ރަންވޭ އަށް ބޯޓު ޖައްސަން ފެށޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ރަންވޭއެއްގެ ގޮތުގައި މި ތަން ބޭނުން ކުރަން ފެށީމަ ލިބޭނެ ފަސޭހައަކީ ކޮބައި ހެއްޔެވެ؟

"މިއީ ބޮޑު ފަސޭހައެއް. މި ބަދަލުން ވީއައިއޭގެ ހިދުމަތް ދިނުމަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެ،" އެންމެ ރަންވޭއެއް އޮތުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް އެންމެ ގާތުން ފެންނަ އެއް ބޭފުޅަކު ކަމަށްވާ ވީއައިއޭގެ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ގެ ވެރިޔާ، އިބްރާހިމް ހަމީދު ޓަވަރުގައި ހުންނަވާ ވިދާޅުވި އެވެ.

މި ޓަވަރުގައި ހުރެ ބަލައިލުމުން ރީތިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ހިންގާ ބިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއު ފެނެ އެވެ. މި ބޮޑު މަަސައްކަތުން ވެސް އެންމެ ޗާލުކޮށް ފުރިހަމަ ވެފައި އޮތްތަން ފެންނަ އެއް މަސައްކަތްތަކީ މަޝްހޫރު ބާޓްނެސްޓް ސްޓޭޑިއަމް އާއި ޝަންހާއީ އެއާޕޯޓު ތަރައްގީ ކުރި، ޗައިނާގެ ބީޔޫސީޖީ ކުންފުނިން އެންމެ ޒަމާނީ ޓެކްނޮލޮލީގެ އެހީގައި އަޅައި ދިން 373 މިލިއަން ޑޮލަރު ރަންވޭ އެވެ. ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރުގެ މި ރަންވޭ އެ ކުންފުނިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަލުވިކަމާއެކު ނިންމައިލުންވީ ރާއްޖެ އަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ. ސަބަބަކީ ހަލުވިކަމާއެކު އެނދުތައް އިތުރު ވަމުންދާ ޓޫރިޒަމް ސިނާއަތުގެ އެކްސްޕީރިއަންސް ރަނގަޅު ކުރަން މި މުހިންމު ބިނާގެ ބޭނުންތެރިކަން ބޮޑުކަމެވެ.

ރާއްޖެ ޖައްސަން އަންނަ ބޯޓު ފަހަރު އެންމެ ރަންވޭއެއް އޮތުމުން "ރަންވޭ ކްލިއަ" ނުވާތީ ނުޖެއްސި އޮންނަން ޖެހުން މިތަން ބޭނުން ކުރަން ފެށުމުން ކުޑަވެގެންދާނެ އެވެ. އަދި އެއް ރަންވޭ ބަންދު ކުރަން ޖެހިއްޖެނަމަ މުޅި އިގްތިސޯދު ހުއްޓިގެން ދިއުން ފަދަ "ޑިޒާސްޓާ" އަކުން ރާއްޖެއަށް ހަމަ ނޭވާއެއް ލެވެން އަންނަނީ މި ރަންވޭ އަށް ފްލައިޓު ޖައްސަން ފެށުނު ދުވަހަކުންނެވެ.

އޭޓީސީގެ ހެޑް، ހަމީދު ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ކުރިން ގަޑިއަކު އަށް ބޯޓު ޖެއްސުނު ނަމަވެސް މި އަދަދު 16 އަށް އިތުރު ވެގެންދާނެ އެވެ.

"މި ބަދަލުން ފްލައިޓެއް ޖެއްސައި ރަންވޭ ކްލިއާވާން ނަގާ ވަގުތު ހަތް މިނެޓުން ދެ މިނެޓަށް އަވަސް ވާނެ. ފުރުން 10 މިނެޓުން ފަސް މިނެޓަށް އަވަސް ވާނެ،" ހަމީދު ވިދާޅުވި އެވެ.

ކުޑަ ބަދަލުން އަންނާނެ އަވަސްކަން

  • ފްލައިޓް ޖެއްސުން: ހަތް މިނެޓުން ދެ މިނެޓަށް
  • ފްލައިޓް ފުރުން: 10 މިނެޓުން ފަސް މިނެޓަށް
  • ދެ ފްލައިޓް ދެމެދުގެ ދުރުމިން: ކުރިން 26 މޭލު، މިހާރު 10 މޭލު
  • ކުރިން ގަޑިއަކު ޖެއްސެނީ 8 ފްލައިޓް
  • މިހާރު ގަޑިއަކު 16 ފްލައިޓް ޖެއްސޭނެ

ދެ މިލިއަން ފަސިންޖަރުން އިން ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން މި ރަންވޭ ހަދައި ނިމިފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މިތަން ހިދުމަތަށް ނުގެނެވިގެން އުޅެނީ ނުފޫޒުގަދަ ޓީއެމްއޭގެ ބައެއް އިމާރާތްތައް ނުނެގިގެންނެވެ.

ރަންވޭ ހުޅުވީމަ ޖެއްސޭ ފްލައިޓް 32 އަށް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ޕްލޭން ކޮށްފައިވާ ގޮތުން އާ ރަންވޭ ސަރަހައްދުގައި ހުރި އިމާރާތްތައް ޑިމޮލިޝް ކޮށް އަންނަ އަހަރުގެ ކުރީކޮޅު އާ ރަންވޭ ހުޅުވޭނެ ކަމަށެވެ.

ނަމަވެސް، އެ އިމާރާތްތައް ޑިމޮލިޝް ނުކޮށްލިނަމަވެސް "ވަގުތީ- ދާއިމީ" ގޮތަކަށް އިއްޔެ އިން ފެށިގެން އާ ރަންވޭ ވަނީ ހިދުމަތަށް ނެރެވިފަ އެވެ. މި ރަންވޭ މިހާރު ބޭނުން ކުރަނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. މި ބަދަލުގެ ސަބަބުން މިހާރުގެ ރަންވޭގައި ޖައްސާފައި އަންނަ ބޯޓު ފަހަރު ރަންވޭގެ ކޮޅަށް ނުގޮސް އާ ރަންވޭއަށް ވަދެ ޕާކު ކުރަން ދިއުމުގެ ފުރުސަތު ފަހިވެ އެވެ. މިކަމުގެ ސަބަބުން މަތީގައި ބޯޓުތައް މަޑުކޮށް ނުފުރިގެން ކިޔޫގައި އޮންނަ އޮތުން ބޮޑުތަން މަދުވެގެންދާނެ އެވެ. ރަންވޭގެ ހަގީގީ ބޭނުން ކުރަން ފެށޭނީ މިތަނަށް ބޯޓު ޖައްސަން ފެށުމުންނެވެ. އޭރުން ގަޑިއަކު 32 ފްލައިޓަށް ހިދުމަތް ދިނުމުގެ ގާބިލްކަން އިތުރު ވެގެންދާނެ އެވެ.

ޓެކްނޮލޮޖީން ޕައިލޮޓުންނަށް ހަމަނޭވާ

އާ ރަންވޭގެ ވާހަކަ ދައްކާއިރު މިތަނަކީ ކިހާ ފެންވަރެއްގައި ހެދި ތަނެއް ތޯ ބަލަން ޖެހެ އެވެ. އަދި މިތަނުގައި ހުރީ ކޮން ޓެކްނޮލޮޖީއެއް ހެއްޔެވެ؟

މިހާތަނަށް ވީއައިއޭ ތަރައްގީ ކުރުމުގެ އެންމެ ބޮޑު މަޝްރޫއެއް ހިންގި އެއް ބަޔަކީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏެކެވެ. އެ ކުންފުނިން ރަންވޭގެ ބަދަލުގައި ބޮޑަށް ވިސްނުން ހުރީ ޕެސެޖަރު ޓާމިނަލް އަޅާށެވެ. އެ ކުންފުނިން މި މަސައްކަތް ފެށީ މިހާރު އާ ރަންވޭ ހުރި ސަރަހައްދުގެ ބައެއްގަ އެވެ. އެހެންވެ އެ ޓާމިނަލް އޭރު ނިންމިނަމަ އިތުރު ރަންވޭ އަކަށް މި އެއާޕޯޓުގައި އޮތް ފުރުސަތު ހަނިވާނެ ކަމަށް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މައި އެއާޕޯޓުގެ ރަންވޭ ދުވަސްވެ ބާވެފައިވުމުން އިތުރު ރަންވޭއަކަށް އޮތީ ނުހަނު ބޭނުންވެފަ އެވެ.

އާ ރަންވޭއަކާ ހަމައަށް ދިޔައިރު، އެކި ދުވަސްވަރުގެ މަތިން ރަންވޭ މަރާމާތު ކުރަން ގިނަ މަސައްކަތް ތަކެއް ދިޔައީ ކުރަމުންނެވެ. މި މަސައްކަތުގައި ބައެއް ވަގުތުތަކުގައި އެއާޕޯޓް ބަންދު ކުރަން ޖެހުނެވެ. ނަމަވެސް އާ ރަންވޭއެއް އެޅުންވީ މައި އެއާޕޯޓަށް މުހިންމު ކަމަކަށެވެ. މި ތަން ހަދާފައިވަނީ އެންމެ ޒަމާނީ ގިނަ ޓެކްނޮލޮޖީގެ އެހީގަ އެވެ. އެ ހިމަނައިގެންނެވެ.

މީގެ އެއް ބަޔަކީ އާ ރަންވޭގައި ބޯޓު ޖައްސާ ނަގަން، ހާއްސަ ދެ އިންސްޓޫމަންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ހުރުމެވެ. މި އައިއެލްއެސް އެޕްރޯޗް ދެ ކޮޅުގައި ހަރުކުރުމުން މޫސުން ގޯސްވާ ދުވަސްވަރު ޖައްސައި ނެގުމާއި ރަންވޭގެ ދެކޮޅުން ބޯޓު ޖައްސަައި ނަގަަން ފަސޭހަ ވެގެންދެ އެވެ. މިކަމުގެ ސަބަބުން މޫސު ގޯސް ދުވަސްތަކުގައި ވެސް ޑިލޭ މަދުވެގެންދާނެ އެވެ. މި ރަންވޭއާއެކު އޭޓީސީގެ ހިދުމަތްދޭން ވެސް ބޮޑު ތަނުން ފަސޭހަވެގެންދެ އެވެ.

ބޯޓުތައް ވައިގެ ތެރޭގައި ކިޔޫގައި ބައިތިއްބައިގެން ދިވެހި ކުޅަދާނަ އޭޓީސީ އޮފިސަރުން ކުރާ ބުރަ މަސައްކަތް ތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެ އެވެ. ނަމަވެސް މި ރަންވޭގެ އެންމެ ފުރިހަމަ ބޭނުން ކުރެވޭނީ އެ ތަނަށް ބޯޓު ޖައްސަން ފެށުނު ދުވަހަކުންނެވެ. އެކަން ކުރެވެން އޮތީ މަސައްކަތް ހަލުވިކޮށް "ކޮންބިނޭޝަން" ގިނަ މަސައްކަތް ތަކެއް ފުރިހަމަކޮށްގެންނެވެ.