ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ސީޕްލޭން ޓާމިނަލްގެ ހެނގަރު ބޭނުން ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގައި ހަދާފައިވާ ހެނގަރު, ބޯޓު މަރާމާތުކޮށް ބަލަހައްޓާ ބައި- ބޭނުން ކުރަން ފަށައިފި އެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ހެނގަރުގައި ސީޕްލޭންތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހުޅުލެ ފަޅު ހިއްކައިގެން ޑޮކް އާއި ހެނގަރު ހަދަން 14،000 އަކަމީޓަރު ބިން ހާއްސަކޮށްފައިވެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިތަން އޮޕަރޭޝަނަށް ގެނައުމުގެ ސަބަބުން ހިދުމަތަށް އިތުރު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"މި ތަނުގެ [ހެނގަރު] ސަބަބުން އެފިޝެންސީ ރަނގަޅު ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގެ ހެނގަރު ބޭނުން ކުރަން ފެށިއިރު މިތަނުގެ ބޭނުން މިވަގުތު ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި ޓީއެމްއޭއިންނެވެ. ފަސްދޮޅަހަަށްވުރެ ގިނަ ބޯޓު އޮންނަ މި ކުންފުނީގެ ބޯޓުތައް މިހާރު މަރާމާތުކޮށް މެއިންޓަނަންސް ކުރަނީ މިތަނުގަ އެވެ.

އެޕްރީލް އެކެއްގައި އެއްކޮށް ހުޅުވޭނެ

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ސީޕްލޭން ޓާމިނަލް މިހާރު ހުރީ ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ އެތަނުން ހިދުމަތް ދޭން އަންނަ ކުންފުނިތަކުގެ ލައުންޖުތައް ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރާނީ އެ ކުންފުނިތަކުން އަމިއްލައަށް އެ މީހުންގެ ފަރުމާތަކަށެވެ. މި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމައި އެޕްރީލް އެއްވަނަ ދުވަހު ޓާމިނަލް އެއްކޮށް ހުޅުވަން އެމްއޭސީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ލައުންޖުތަކުގެ މަސައްކަތް ކުރަމުންދާއިރު އޮޕަޓަރުން ނިންމާ ވަރަކުން އެ މީހުން އެތަނަށް ބަދަލު ވަމުންދާނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ ލައިންޖުތަކާއި ހިދުމަތްތައް

  • ޓީއެމްއޭ: އެއް ލައުންޖު
  • މަންޓާ އެއާ: ފަސް ލައުންޖު
  • އެކްސްކްލޫސިވް ރިސޯޓް ލައުންޖު: 45
  • އެމްއޭސީއެލް ބިޒްނަސް ލައުންޖު: އެކެއް
  • އެމްއޭސީއެލް ކޮމަން ލައުންޖު: ދޭއް
  • ސްޓާފް ކެންޓީން: އެކެއް
  • ފްލައިޓް ކައިރިކުރާ ޑޮމް: 47
  • ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނަށް ޖާގަ އޮންނާނެ
  • ބޯޑިން ގޭޓް: 32

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29، ޖެނުއަރީ 2018 ގަ އެވެ. އާ ސީ ޕްލޭން ޓާމިނަލެއް ތަރާއްގީ ކުރަން ހިންގި ބޮޑު މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ 2015 ޖޫންގަ އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހަދާފައިވާ އާ ރަންވޭވެސް މިމަހުގެ ވަނީ ހިދުމަތަށް ގެނެސްފަ އެވެ.