އެމްއޭސީއެލް

އާރަންވޭއާއެކު ކޮންމެ ދެ މިނެޓުން ފްލައިޓެއް ޖެއްސޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭނުން ކުރަން ފެށި، އާ ރަންވޭއާއެކު ކޮންމެ ދެ މިނެޓަކުން ފްލައިޓެއް ޖެއްސުމުގެ ގާބިލްކަން ލިބިއްޖެ އެވެ.

ބޮޑު ހަރަދެއްކޮށްގެން ވީއައިއޭގައި ތަރައްގީ ކުރި އާ ރަންވޭގައި ފްލައިޓް ޖައްސަން ނުފެށި ނަމަވެސް މިއަދުން ފެށިގެން މިތަން ޓެކްސީވޭއެއްގެ ގޮތުގައި ވަނީ ބޭނުން ކުރަން ފަށާފަ އެވެ. މީގެ ސަބަބުން ވީއައިއޭ އަށް އަންނަ ފްލައިޓް މަތީގައި ނުޖެއްސި އޮންނަން ޖެހޭ ވަގުތު ބޮޑުތަން ކުޑަ ވެގެންދާނެ ކަމަށް އެމްއޭސީއެލްގެ އެއާ ޓްރެފިކް ކޮންޓްރޯލު (އޭޓީއާރް) ގެ ވެރިޔާ އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް އިނގޭ ތޯ. މިހާރު ރަންވޭ ތްރޫ [ގަޑިއަކު ޖެއްސޭ ފްލައިޓް] އުޅެނީ ގަޑިއަކު އަށް ފްލައިޓުގަ. މިހާރު މި އައި ބަދަލުން ގަޑިއަކު ޖެއްސޭ ފްލައިޓް 16 އަށް ވުރެ އިތުރު ވެގެން ދާނެ،" އޭޓީސީގައި ހިދުމަތް ކުރައްވާތާ 32 އަހަރު ވެފައިވާ ތަޖުރިބާކާރު، ހަމީދު އޭޓީސީ ޓަވަރުގައި ހުންނަވާ، އަވަސް އަށް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން މިއަދުން ފެށިގެން އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމާއެކު މިހާރުގެ މުސްކުޅި ރަންވޭގައި ޖައްސާފައި އަންނަ ބޯޓު ފަހަރު ރަންވޭ ކޮޅަށް ނުގޮސް، އާ ރަންވޭ ތެރެ އަށް ވަދެ ބޯޓު ޕާކު ކުރަން ފުރުސަތު ފަހިވާނެ އެވެ.

ހަމީދު ވިދާޅުވީ މިހާރު ބޯޓެއް ޖައްސަން އަންނަނީ 26 މޭލުގެ ޑިސްޓެންސެއް ދެ ބޯޓުގެ ދެމެދުގައި ބަހައްޓައިގެން ކަމަށާ ނަމަވެސް މި ބަދަލާއެކު މި ޑިސްޓެކްސް ވެސް 10 މޭލަށް ކުޑަ ވެގެންދާނެ ކަމަށެވެ.

"މި ބަދަލުން ފްލައިޓެއް ޖެއްސައި ރަންވޭ ކްލިއާވާން ނަގާ ވަގުތު ހަތް މިނެޓުން ދެ މިނެޓަށް އަވަސް ވާނެ. ފުރުން 10 މިނެޓުން ފަސް މިނެޓަށް އަވަސް ވާނެ،" ހަމީދު ވިދާޅުވި އެވެ.

ކުޑަ ބަދަލުން އަންނާނެ އަވަސްކަން

  • ފްލައިޓް ޖެއްސުން: ހަތް މިނެޓުން ދެ މިނެޓަށް
  • ފްލައިޓް ފުރުން: 10 މިނެޓުން ފަސް މިނެޓަށް
  • ދެ ފްލައިޓް ދެމެދުގެ ދުރުމިން: ކުރިން 26 މޭލު، މިހާރު 10 މޭލު
  • ކުރިން ގަޑިއަކު ޖެއްސެނީ 8 ފްލައިޓް
  • މިހާރު ގަޑިއަކު 16 ފްލައިޓް ޖެއްސޭނެ
  • ރަންވޭގައި ފްލައިޓް ޖައްސަން ފެށީމަ: ގަޑިއަކު 32 ފްލައިޓް ޖެއްސޭނެ

މި ބަދަލު އައިނަމަވެސް އާ ރަންވޭގައި ފްލައިޓް ޖައްސަން ފެށޭނީ ރަންވޭ ކައިރީގައި ހުރި އިމާރާތްތައް ނެގުމުންނެވެ. މި ބަދަލު ގެނައުމުން ވީއައިއޭ އަށް ގަޑިއަކު ޖެއްސޭ ފްލައިޓުގެ އަދަދު 32 އަށް އިތުރު ވެގެންދާނެ އެވެ.

ދެ އަހަރު ނުހުޅުވި ދިގު އިންތިޒާރެއް

އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަނަށް ބޯޓު ޖައްސަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތާނގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު -- 5.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެ އެވެ. މި އަގުބޮޑު އިމާރާތް ނިންމިތާ ދެ އަހަރުވާން ކައިރިވާއިރު ވެސް އެތަން ހުޅުވިފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލް މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު -- 616 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ ވީއައިއޭގެ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ބީޔޫސީޖީ އިންނެވެ.