ރާއްޖޭގެ އިކޮނޮމީގެ މައި ބަދަ ކަމަށްވާ ޓޫރިޒަމް ދުއްވަން "ތެޔޮ އަޅާ" ތަނަނީ ރާއްޖޭގެ މައި އެއާޕޯޓެވެ. ހުޅުލެ އެއާޕޯޓުގެ ނަމުގައި ރާއްޖޭގެ މިނިވަން ކަމުގެ ބާނީ ރައީސް އިބްރާހިމް ނާސިރު ހުޅުއްވައި ދެއްވި މި އެއާޕޯޓަށް އެކި ޒަމާންތަކުގައި އެކި ނަންތައް ދިޔައީ ކިޔަމުންނެވެ. އަދި އެކި ދުވަސް ވަރު ތަރައްގީ ކުރަން މަޝްރޫއުތައް ވެސް ހިންގި އެވެ.
އެކަމަކު މި ތަން ތަރައްގީ ކުރަން މިހާރު ފަށާފައިވާ ބިޔަ މަޝްރޫއު ފެށިގެން ދިޔައީ 2016 ވަނަ އަހަރު އެވެ. ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ ބިޔަ މަޝްރޫއާއެކު ދިވެހިން ފަހުރުވެރިވާ އެއާޕޯޓެއް ފެންނާނެކަމުގެ މަލަމަތި މިވަނީ ފެންނަން ފަށާފަ އެވެ. ވީއައިއޭ އަށް 56 ފުރުން ފާހަގަ ކުރާއިރު މިތަނުގެ އުމްރާނީ ތަރައްގީގެ މޫނުމަތި އެއްކޮށް ކުރި އަށް އޮތް ދެ އަހަރު ދުވަހު ތެރޭގައި ބަދަލުވާނެ ކަމަށް ވީއައިއޭ ހިންގާ ދިވެހިންގެ ސައްތަ އިންސައްތަ ދިވެހި ކުންފުނި، އެމްއޭސީއެލް އިން ބުނެ އެވެ.
މުވައްޒަފުންގެ ބުރަ މަސައްކަތްތަކެއް
ވީއައިއޭ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަނުން އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ ވީއައިއޭ ބޮޑު ތަރައްގީއަކާ ދިމާލަށް ދަތުރު ކުރާއިރު މިހާތަނަށް އެއާޕޯޓް ދުއް އެންމެ ދަތި ދުވަސްތައް ކަމަށްވާ ކޮވިޑް-19 ގެ ހާލަތުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރަން ޖެހެ އެވެ.
"އަޅުގަނޑު ވަރަށް ފަހުރުވެރިވަން އެންމެ ދަތި ވަގުތު ދުނިޔޭގެ އެންމެ ރައްކާތެރި އެއް އެއާޕޯޓުގެ ގޮތުގައި ހިންގަން މުވައްޒަފުން ކުރި ބުރަ މަސައްކަތާ މެދު،" ގާތްގަނޑަކަށް 2،000 އަށްވުރެ ގިނަ ދިވެހިން މަސައްކަތް ކުރާ ވީއައިއޭގެ މުވައްޒަފުންނާ މުހާތަބުކޮށް ޑީއެމްޑީ ވިދާޅުވި އެވެ.
ކޮވިޑަށްފަހު އިކޮނޮމީގެ ދުވެލި ހަލުވިވެފައިވާއިރު ވީއައިއޭ ތަރައްގީ ކުރަމުންދާ ބޮޑު މަޝްރޫއުގެ ބައިތައް ވަނީ ނިންމަން ފަށާފަ އެވެ. މިތަނުގައި މިހާރު ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން މަތި ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. ކާގޯ ރައްކާ ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް އާ ކާގޯ ޓާމިނަލްއެއް ވަނީ ހަދާފަ އެވެ. އަދި އެއާޕޯޓަށް ކުރިމަތިވެފައިވާ އެންމެ ދަތި ކަމަށްވާ އާ ރަންވޭއެއް ހަދައި ހުޅުވަން ވަނީ ގާތްވެފަ އެވެ. މީގެ އިތުރުން ބޮޑު ސީޕްލޭން ޓާމިނަލްއެއް ދުނިޔޭގެ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވެ އެވެ.- މިހާއެކު މުޅި މަަޝްރޫއުގެ އަގު މަގުކޮށް ބަލާނަމަ އެއް ބިލިއަން ޑޮލަރު ފަހަނަ އަޅަ އެވެ.
ތަރައްގީގެ މަޝްރޫއުގެ ބައިތައް
- އާ ޕެސެންޖަރު ޓާމިނަލް
- އާ ރަންވޭ އެއް
- އާ ސީޕްލޭން ޓާމިނަލްއެއް
- ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓީ މަތި ކުުރުން
- ކާގޯ ރައްކާ ކުުރުން ޒަމާނީކޮށް ފެންވަރު ރަނގަޅު ކުރުން
- މި ސަރަހައްދުގެ އެއްވަނަ ވީވީއައިޕީ ޓާމިނަލް ހެދުން
ވީއިއޭގައި ހިދުމަތް ކުރާތާ 30 އަހަރާ ގާތްވެފައިވާ ތަޖުރިބާކާރު، ޑީއެމްޑީ ތޯހާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް މި އަހަރުގެ އަންނަ ކުއާޓަރުގައި އަދި އާ ރަންވޭގައި ބޯޓު ޖައްސަން ފަށަން ނިންމާފައިވަނީ އަންނަ ތިންވަނަ
ކުއާޓަރުގައި ކަމަށެވެ.
"މިހާރު އާ ވީވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި މިވަނީ ހުޅުވިފަ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް މިވަނީ
ފެށިފަ،" މި ސަރަހައްދުގެ ގައުމެއްގައި ހަދާ އެންމެ ފުރިހަމަ އެއް ވީވީއައިޕީ ޓާމިންގެ މަސައްކަތާ ބެހޭ ގޮތުން ތޯހާ ވިދާޅުވި އެވެ. "މީގެ އިތުރުން އާ ރަންވޭ މިހާރު ވަނީ ބޭނުން ކުރަން ފަށާފައި."
މުވައްޒަފުންނަށް އުފާވެރި ހަބަރެއް
އޭނާ އިތުރަށް ވިދާޅުވީ އާ ކާގޯ ޓާމިނަލް އާއި ފިއުލްފާމް ވެސް މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ
ކަމަށެވެ.
މީގެ އިތުރުން ތޯހާ ވަނީ އެ ކުންފުނީގެ މުވައްޒަފުންނަަށް އުފާވެރި ހަބަރެއް ވެސް ދެއްވާފަ އެވެ. މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމުގެ ޕްލޭނެއް ވެސް އޮތްކަން ހާމަ ކުރައްވާފަ އެވެ.
"ހުރިހާ ޑިވްލޮޕްމަންޓްތަކާއެކު އެއާޕޯޓުގެ ފެންވަރު ރަނގަޅުވެގެންދާނެ. އުންމީދު ކުރަނީ ދާދި އަވަހަށް އެއާލައިންތަކާއި އިންޑަސްޓްރީގެ ބައިވެރިންނަށް އެންމެ ޒަމާނީ ކުރިއަރާފައިވާ ފެންވަރުގެ ހިދުމަތްތަކެއް ދޭން ފެށޭނެ ކަމަށް."