ހަބަރު

ރައީސް އިފްތިތާހުކޮށްދެއްވި ޕްރޮޖެކްޓުން އެއާޕޯޓުގެ މައްސަލަތައް ހައްލުވާނެ: އާދިލް

ރައީސް ޔާމިން އަބުދުލް ގައްޔޫމް މިދިޔަ ހަފުތާގެ ތެރޭގައި އިފްތިތާހްކޮށްދެެއްވި ޕްރޮޖެކްޓެ ސަބަބުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އަށް މިހާރު ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލުކުރެވިގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓާ އާދިލް މޫސާ ވިދާޅުވެއްޖެ އެވެ. އެޕްރޮޖެކްޓަކީ 400 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

އާދިލް މިހެން ވިދާޅުވީ އައިއެންއައިއޭ އަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކޭކެއް ފަޅަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިކޭކް ފެޅީ ފިނޭޏްސް މިނިސްޓަރު އަބުދުﷲ ޖިހާދާއި މިއަދު އުފަންދުވަސް ފާހަގަކުރާ އެމްއޭސީއެލްގެ މުވައްޒަފުން އަދި އިސްވެރިންނެވެ.

އާދިލް ވިދާޅުވީ މި ޕްރޮޖެކްޓުން އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބުމުގެ އިތުރުން ދުރު ރާސްތާއަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ޑިވެލޮޕް ކުރަމުން ދަނީވެސް މިހާރު ހުރި ވަރުގެ ތިންގުނަ ކެޕޭސިޓީ ބޮޑު ފިޔުލް ތާންގީތަކެއް ކަމަށެވެ.

"ކުރިއަށް މިއޮތް 25 އަހަރު ތެރޭގައިވެސް އެއާޕޯޓަށް މިހާރު ޕްލޭން ކުރެވިފައި ހުރިގޮތުން އަންނަ ބައެއް ފްލައިޓްތަކާއި ފިޔުލް ކެޕޭސިޓީ ގާއިމްކުރެވިއްޖެ. މިހާރު މިގާއިމްކުރާ އެއާޕޯޓަކީ މިވަގުތުން ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި ލޯންގް ޓާމް ވިސްނުމެއް. މިޕރޮޖެކްޓަކީ ތަރައްގީގެ ކޮމްޕޯނެންޓެއް،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އަވަސް މުސްތަގްބަލެއްގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ. އަލަށް ތަރައްގީ ކުރާ ޓާމިނަލް އިން 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. މަސައްކަތް ނިމޭއިރު އެއާޕޯޓުގެ އިތުރުން ކުންފުނީގެ މުއައްޒަފުންވެސް ކުރިއަރާނެ ކަމަށާއި ބޭރުން މީހުން ގެނެސްގެން ތަމްރީނުކުރަން ނިންމާފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އަކީ 2500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި އެއާޕޯޓުގެ ތަރައްގީއަށްފަހު 1500އެއްހާ އިތުރު ވަޒީފާ އުފެދޭނެ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

ކޭކު ފަޅަން ބޭއްވި މި ރަސްމިއްޔާތުގައި އަހަރީ ހާއްސަ ލަވައެއް އިފްތިތާހް ކުރުމުގެ އިތުރުން އައިއެންއައިއޭގެ ހިޒްޓްރީ ބޯޑުވެސް އިފްތިތާހްކޮށްފައިވެ އެވެ. މި ބޯޑު އިފްތިތާހް ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު އަދި އާދިލް އެވެ.