ޓޫރިޒަމް

23 ގައުމަކުން 43 އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

ރާއްޖެއަށް މިހާރު 23 ގައުމަކުން ޖުމްލަ 43 އެއާލައިނުން ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 23 ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ. އަދި އޮކްޓޫބަރު މަސް ނިމުނުއިރު 43 އެއާލައިނަކުން ދިޔައީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އަށް ގައުމަކުން ރާއްޖެއަށް މިހާރު ސީދާ ދަތުރުތައް ކުރެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 246،500 ފަތުރުވެރިން
  • ރަޝިއާ - 198،900 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 154،400 ފަތުރުވެރިން
  • ޖަރުމަނު - 137،500 ފަތުރުވެރިން
  • އިޓަލީ - 120،700 ފަތުރުވެރިން
  • އިންޑިއާ - 108،300 ފަތުރުވެރިން
  • އެމެރިކާ - 59،300 ފަތުރުވެރިން
  • ފްރާންސް - 46،800 ފަތުރުވެރިން
  • ސްޕެއިން - 41،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 35،400 ފަތުރުވެރިން

ފަތުރުވެރިކަމުގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރަނީ އެމެރިކާ އާއި ސްޕެއިނުންނެވެ.

ރާއްޖެއަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 9.2 ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،242 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 903 ގެސްޓްހައުސް އާއި 154 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.