ޓޫރިޒަމް

22 ގައުމަކުން ސީދާ ދަތުރުތައް ރާއްޖެއަށް

ރާއްޖެއަށް މިހާރު 22 ގައުމަކުން ސީދާ ދަތުރުތައް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް އޭޝިއާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތަށް ޖުމްލަ 22 ގައުމަކުން ދަނީ ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.

މީގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައްވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަސް ނިމުނުއިރު ޖުމްލަ 40 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖެއަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 860 ގެސްޓްހައުސްގެ އިތުރުން 150 ސަފާރީ އުޅަނދާއި 14 ހޮޓާ ދަނީ ހިންގަމުންނެވެ.