ޓޫރިޒަމް

22 ގައުމަކުން 35 އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

ރާއްޖެއަށް 22 ގައުމަކުން 35 އެއާލައިނަކުން ދަތުރުތައް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީގެ ނިޔަލަށް 35 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ. ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް 22 ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 308،367 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ނުވަ ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 39،262 ފަތުރުވެރިން
  • އިންޑިއާ - 33،561 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 28،876 ފަތުރުވެރިން
  • އިޓަލީ - 28،876 ފަތުރުވެރިން
  • ޖަރުމަނު - 19،914 ފަތުރުވެރިން
  • ފްރާންސް - 14،338 ފަތުރުވެރިން
  • އެމެރިކާ - 12،718 ފަތުރުވެރިން
  • ޗައިނާ - 8،854 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 8،854 ފަތުރުވެރިން
  • ޕޮލެންޑް - 6،013 ފަތުރުވެރިން

ފަތުރުވެރިކަމުގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރަނީ އެމެރިކާއިންނެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 168 ރިސޯޓާއި 883 ގެސްޓްހައުސް އާއި 153 ސަފާރީ އުޅަނދުގެ އިތުރުން 13 ހޮޓާ ހިންގަ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 59،930 އެވެ.