ކޮވިޑް-19އާ ގުޅިގެން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް މިއަދު ފަށައިފި އެވެ.
ޗައިނާގެ 198 ފަތުރުވެރިންނާއެކު މިއަދު މެންދުރު ރާއްޖެ އައި ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ވަނީ ވޯޓާ ސެލިއުޓެއްދީފަ އެވެ.
ފަތުރުވެރިންނަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިންގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މީގެ ކުރިން ބުނި ގޮތުގައި ބެއިޖިން ކެޕިޓަލް އެއާލައިނުން ރާއްޖެއަށްކުރާ ދަތުރުތަކުގައި ބޭނުންކުރަނީ 306 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.
އޭގެ އިތުރުން ޗައިނާ އީސްޓާން އެއާލައިން އާއި ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަން ނިންމާފައިވަނީ މިމަހުގެ 28 އިން ފެށިގެން މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު އެވެ. މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ 232 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.
ޗައިނާގެ ބައެއްގެ ގޮތުގައި ބަލާ ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފަހަރު އެވެ. މި ދަތުރުތައް މިމަހުން ފެށިގެން މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މި އެއާލައިނުން ބޭނުންކުރަނީ 292 ފަސެންޖަރުންގެ ބޯޓެވެ.
ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޗައިނާގެ ބޯޑަރުތައް ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް 92،839 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.