އެމްއޭސީއެލް

އީ-ޗެކިން ހިމަނައި ކައުންޓަރުތައް އިތުރު ކުރަނީ

ވީއައިއޭ ގައި އަންނަ އަހަރު އީ-ޗެކިން ތައާރަފް ކޮށް، ޗެކިން ކައުންޓަރުތަކުގެ އަދަދު އިތުރު ކުރާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެ އެވެ.

ގޯޑަން މިހެން ވިދާޅުވީ އިއްޔެ ރާއްޖެއަށް މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ އައުމާ ގުޅިގެން ބޭއްވި ހަފުލާފައި ވާހަކަފުޅު ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި އޮތް މި ދަނޑިވަޅުގައި ވެސް ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ، އެއާޕޯޓުގެ ޑިމާންޑު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށާއި ކޮވިޑްގެ ކުރިން އެއާޕޯޓަށް މީހުން އައި މިންވަރަށް މިހާރު އަންނަން ފަށާފައިވާ ކަމަސް ވެސް ގޯޑަން ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ.

ގޯޑަން ވިދާޅުވި ގޮތުގައި ވީއައިއޭގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އަންނަ އަހަރުގެ މެދުތެރޭގައި އީ ޗެކިންގެ ހިދުމަތް ތައާރަފްކޮށް، ޗެކިން ކައުންޓަރު ތަކުގެ އަދަދު ވެސް އިތުރުކުރަނީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.