ދުނިޔެ

ސައުދީ މަތިންދާބޯޓުތައް ދިމިޝްގަށް އެހީ އުފުލަނީ

ސީރިއާއަށް އެހީ ބަރާކޮށްގެން ސައޫދީން ހަތަރު މަތިންދާބޯޓެއް ހިނގައްޖެ އެވެ. މިއީ ސީރިއާގައި އެކުލަވާލީ އަހުމަދު ޝަރާއުގެ ވެރިކަން ސައުދީން ބަލައިގަތް ކަމުގެ ހެއްކެކެވެ.

ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ދިގު ވެރިކަން ވެއްޓުމާ ގުޅިގެން އެންމެ ބޮޑު އުފަލެއް ލިބިފައި ވަނީ ތުރުކީ އަށާއި ސައުދީއަށެވެ. އަދި އަވައްޓެރި ގަތަރަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެސް ވަނީ އުފާކުރާ ކަމަށް ބުނެފަ އެވެ.

ސީރިއާ އަލުން އާބާދުކޮށް ތަރައްގީކުރަން ކުރާ މަސައްކަތްތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސައޫދީއަށް ކަމަށް -- އަސަދު ސަރުކާރު ވަންޓާލުމުގައި ހުރިހާ ރޭވުންތަކެއް ރޭއްވެވި އަދި މިހާރު ސީރިއާގެ ލީޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރާއު ވިދާޅުވި އެވެ.

ތުރުކީން ވެސް ވަނީ ސީރިއާ ތަރައްގީކުރަން ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި ސީރިއާގެ ސިފައިން ތަމްރީންކުރާނީ ވެސް ތުރުކީން ކަމަށް އެ ގައުމުން ބުންޏެވެ.

ސައޫދީގެ ޕްރެސް އޭޖެންސީން ބުނި ގޮތުން ދިމިޝްގަށް އުފުލާ އެހީ އަކީ ކިންގް ސަލްމާންގެ ފަރާތުން ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމެކެވެ. މި ފްލައިޓްތަކުން އުފުލާފައި ވަނީ ކާބޯތަކެތީގެ އިތުރުން އަސާސީ އެހެނިހެން ބޭނުންތަކަށް ހާޖަތުޖެހިދާނެ ތަކެއްޗެވެ.

ސައުދީން ޚަބަރު އޭޖެންސީން ބުނި ގޮތުން ދިމިޝްގަށް މިހާރު ފޮނުވަމުން ގެންދާ އެހީ އަކީ އަލަށް ފޮނުވާ ސާމާނެއް ނޫނެވެ. ސީރިއާގައި 2011 ގައި ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ، އެ ގައުމަށް ސައުދީން އެހީ ފޮނުވާ ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުންޏެވެ.