ދުނިޔެ

ތުރުކީ، ޔޫއޭއީ 50.7 ބިލިއަން ޑޮލަރުގެ ޑީލެއް ހަދައިފި

ތުރުކީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް 13 ޑީލެއްގެ މައްޗަށް އެކުލެވޭ ގޮތަށް 50.7 ބިލިއަން ޑޮލަރުގެ އެއްބަސްވުން ތަކެއްގައި ސޮއިކޮށްފި އެވެ.

މިއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގަލްފުގެ ތިން ގައުމަކަށް ކުރެއްވި ދަތުރުގައި -- ޔޫއޭއީއަށް ވަަޑައިގެން ހެއްދެވި ޑީލްތަކެކެވެ.

މި ދަތުރުގައި އުރުދުޣާން އާއި ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އައްނަޙްޔާން ބައްދަލުކުރައްވައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވި އެވެ.

މި އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި ގުޅެނީ ދެ ގައުމުގެ އިގުތިސާދާ އެވެ. އޭގެ ތެރޭގައި ހަކަތަ އާއި ދަތުރުފަތުރު، ފަތުރުވެރިކަން، ސިއްހަތު، ރިއަލް އެސްޓޭޓް، އިމާރާތްކުރުން އަދި އީކޮމާސް ފަދަ ބާރުގަދަ މައުލޫތައް ހިމެނެ އެވެ.

އުރުދުޣާން މި ދަތުރަށްފަހު ބަޔާނެއް ދެއްވައި ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ އެކު ގުޅުން ގާތްކުރުމަށް ތުރުކީ ވައުދުވެ ވަޑައިގަންނަވާ ކަމަށެވެ. އަދީ ޔޫއޭއީއާ އެކު އިގުތިސާދީ ހުރިހާ ދާއިރާއަކުން ތުރުކީ އެއްބާރުލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔޫއޭއީގެ ރައީސްވެސް ވަނީ ހަމަ ދާދި އެއް މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ތުރުކީއާ އެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގާތްކަން އާވެ، އާ މިސްރާބަކަށް އަމާޒު ހިފިއްޖެ ކަމަށެވެ.

އުރުދުޣާން އަދި ވިދާޅުވީ ޖުަލައި 25 – 28 ގައި ތުރުކީގެ އިސްތަންބޫލްގައި އޮންނަ އިންޓަނޭޝަނަލް ޑިފެންސް އިންޑަސްޓްރީ ފެއާގައި ޔޫއޭއީ ބައިވެރިވާނެ ކަމަށެވެ. އަދި މި ފެއާގައި ޔޫއޭއީއާ އެކު އިތުރު އެއްބަސްވުންތަކެއް ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ދަތުރުގައި އުރުދުޣާން ވަނީ ތުރުކީގައި ފަރުމާކުރި ކަރަންޓް ކާރެއް ޔޫއޭއީގެ ރައީސަށް ހަދިޔާކުރައްވާފަ އެވެ.

ޔޫއޭއީން ވެސް އުރުދުޣާންއަށް ވަރަށް ގާތްކޮށް ހިއްތަވައި އެ ގައުމުގައ މެހެމާނުންނަށް އަރުވާ އެންމެ މަތީ ޝަރަފު -- "އޯޑާ އޮފް ޒައިދު" އަރުވާފައިވެ އެވެ. އަދި އަބޫދާބީ އިންޓަނޭޝަނަލް ބުކް ފެއާގެ ޚާއްސަ މެހެމާނެއްގެ ޝަރަފު ވެސް ވަނީ އުރުދުޣާންއަށް ދެއްވާފަ އެވެ.

ގަލްފު ގައުމުތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރެއްގައި އުރުދުޣާން އެންމެ ފުރަތަ ވަޑައިގަތީ ސައުދީ އަށެވެ. އެއަށްފަހު ގަތަރަށެވެ. ދަތުރު ނިންމަވާލައްވާނީ ގަތަރަށް ވަޑައިގަތުމަށް ފަހު އެވެ.