ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިހާރު އުޅުއްވަނީ ގަލްފުގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ސައޫދީ އަރަބިއްޔާގަ އެވެ.
އުރުދުޣާން އަށް މަރުހަބާ ދެންނެވުން އޮތީ ޖިއްދާގައި ހުންނަ އައްސަލާމް ގަނޑުވަރުގަ އެވެ. މި ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވަނީ އުރުދުޣާން އަށް ވަރަށް އޯގާވެރިކޮށް ހިއްތަވައި ސަލާންގަލާން ކުރައްފާވަ އެވެ.
ރަސްމީ މަޝްވަރާތަކަށްފަހު އެމްބީއެސް އައްސަލާމް ގަނޑުވަރުން އުރުދުޣާންއާ އެކު ނުކުމެ ވަޑައިގެން ބޭރުގައި ކުޑައިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު -- ގަނޑުވަރު ކުރިމަތީގައި އޮތް ހުދުކުލައިގެ ކާރަކަށް އުރުދުޣާންއާ އެކު އަރާވަޑައިގެން، ސައޫދީގައި އުރުދުޣާން ހުންނަވާ ހޮޓަލަށް ވަނީ ގެންގޮސްދެއްވާފަ އެވެ.
މިއީ މުހައްމަދު ބިން ސަލްމާންގެ ކިބައިން ފެނިގެންދިޔަ ވަރަށް ރީތި ސިފައެއް ގޮތުގައި ޚަބަރުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.
އުރުދުޣާން ސައޫދީއަށް ވަޑައިގެން މި އުޅުއްވަނީ މެއި 28 ގައި ތުރުކީގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ގަލްފަށް ކުރައްވާ ފުތަމަ ދަތުރުގެ ބައެއްގެ ގޮތުގަ އެވެ. ސައުދީއަށް ފަހު އުރުދުޣާން ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށާއި ގަތަރަށެވެ.
ސައޫދީ އާއި ތުރުކީއާ ދެމެދު ކުރި ރަސްމީ މަޝްވަރާތަކުގެ ވަރަށް ކުޑަ މިންވަރެއް ފިޔަވައި އިތުރު އެއްވެސް ވާހަކައެއް އަދި މީޑިއާތަކަކަށް ނުލިބެ އެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި -- އެއްގައުމުން އަނެއް ގައުމުގައި އިންވެސްޓްކުރުމާ ބެހޭ ގޮތުން ވެސް ވަލީއަހުދާއި އުރުދުޣާން މަޝްވަރާކުރެއްވި ކަމަށް ސައޫދީގެ ނޫސް އޭޖެންސީން ބުނެ އެވެ.
އުރުދުޣާން ވަނީ ތުރުކީގައި އުފައްދާ ކަރަންޓް ކާރުގެ ދެ ކާރު -- ސަލްމާން ރަސްގެފާނަށާއި ވަލީއަހުދު އެމްބީއެސް އަށް ހަދިޔާކުރައްވާފަ އެވެ.
އުރުދުޣާން އާއި އެމްބީއެސްގެ މަޝްވަރާތަކުގައި ދުނިޔޭގެ މަސްރަހަށް ބައްލާވާލެއްވި ކަމަށް ނޫސް އޭޖެންސީން ބުނެ އެވެ. އެހެން ނަމަވެސް ވަކި ދިމާއަކަށް ފޯކަސްކޮށް މަޝްވަރާތައް އާންމުކޮށްފައެއް ނުވެ އެވެ.
ތުރުކީ އާއި ސައުދީއާ ދެމެދު ހަކަތަ އާއި ރައްކާތެރިކަން އަދި އުފެއްދުންތެރިކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
މުހައްމަދު ބިން ސަލްމާން އާއި އުރުދުޣާންއާ ދެމެދު ކުރެވުނު މަޝްވަރާތަކުން ވަރަށް މަދު މިންވަރެއް ނޫނީ ދުނިޔެއަށް -- ދުވަހަކު ވެސް ނޭނގިދާނެ އެވެ.