ތުރުކީގެ ނައިބު ރައީސް ޖޭވެތު ޔިލްމާޒް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީއާ ދޯހާގައި ބައްދަލު ކުރައްވައިފި އެވެ.
މިއީ ޖުލައި 17-19 ގައި، ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ގަލްފުގެ ގައުމުތަކަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ރަސްމީ ދަތުރަށް ތައްޔާރުވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންގެ މައިގަނޑު މަޝްވަރާ އަކީ ސަރަހައްދުގައި މަސްލަހަތު ދެމެހެއްޓުމަށް ތުރުކީ އަށާއި ގަތަރަށް ކުރެވެން ހުރި ކަންތައްތައް ބެލުމެވެ.
ތުރުކީ އާއި ގަތަރާ ދެމެދު ބަހުސްކުރެވެމުންދާ އިގުތިސާދީ އެޖެންޑާގައި -- ދެ ގައުމުން، ދެ ގައުމުގައި ކުރެވެން ހުރި އިންވެސްޓްމަންޓަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
އަދި އިގުތިސާދީ ގޮތުން ކުރެވޭ އިންވެސްޓްމަންޓް ތަކަކީ ދެމެހެއްޓެނިވި އަދި އިންވެސްޓްމަންޓްތައް ސިޔާސީ އެޖެންޑާތަކުން އެއްފަރާތް ކުރުމުގެ މުހިންމު ކަމާ މެދު ވެސް މަޝްވަރާ ކުރެވުނެވެ.
ޖޭވެތު ޔިލްމާޒް ގަތަރަށް ވަޑައިގަތީ އިގުތިސާދީ އެޖެންޑާއެއްގައި ކަމަށްވާތީ މި ދަތުރުގައި ތުރުކީގެ ފައިނޭންސް މިނިސްޓަރު މެހްމެތު ސިމްސެކްވެސް ބައިވެރި ކުރެއްވި އެވެ.
ގަތަރާއި ތުރުކީ އަކީ ސަރަހައްދީ ބައެއް މައްސަލަތަކުގައި މީގެކުރިން ފަރުދީ ވިސްނުމެއް ގެންގުޅުއްވި ދެ ގައުމެވެ. އެ ގައުމަކަށް އެންމެ ފައިދާ ބޮޑު ގޮތެއްގައި ދެ ގައުމު ދެމިއޮންނަން ހަދައިގެން ބައެއް ފަހަރު ހޮޔޮ ނަތީޖާއާ ހަމައަށް ވާސިލު ނުވެވިފައިވެސް އެބަހުއްޓެވެ.
އެހެން ނަމަވެސް، ރައީސް އުރުދުޣާން މިހާރު ގެންގުޅުއްވާ ސިޔާސަތަކީ ސަރަހައްދަށް އިސްކަން ދެއްވުމުގެ ސިޔާސަތެކެވެ. އަދި އަރަބި ގައުމުތަކާ ގުޅިގެން ތުރުކީގެ އިގުތިސާދު ކޮޅަށް ޖަހައި ދެމެހެއްޓުމުގެ ވިސްނުމެވެ.
ތުރުކީ މިހާރު ވަނީ ސައޫދީ އަރަބިއްޔާއާ އެކު އޮތް ގުޅުން ވެސް ހަރުދަނާ ކޮށްފަ އެވެ. ސައޫދީއާ ގުޅުން ކަނޑައިގެން ތުރުކީއަށް މޮޅެއް ނެތްކަން އުރުދުގާންއަށް ވެސް ވިސްނިވަޑައިގަތީ އެވެ.
ސައުދީއާ ގުޅުން ބަދަހިކުރުމާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މިސްރުގެ ގާތްކަން ވެސް ތުރުކީއަށް މިހާރު ވަނީ ލިބިފަ އެވެ. އަދި އަރަބި ސަފަށް ޚިޔާލު ހުށަހެޅޭ ގައުމެއްގެ ފެންވަރަށް ތުރުކީ މިހާރު އޮތީ ޕްރޮމޯޓް ވެސް ވެފަ އެވެ.