ދުނިޔެ

މޮރޮކޯ ބިންހެލުމުގައި 50،000 ގެދޮރު ބިމާހަމަ، އަދި ވާނީ އިތުރު: އޮފިޝަލުން

މޮރޮކޯއަށް މިދިޔަ ހުކުރު ދުވަހު އައި ބިންހެލުމުގައި 50،000 ގެދޮރު ވަނީ ބިމާހަމަވެފަ އެވެ. ރަސްމީ ލިޔުންތައް ބުނާ ގޮތުން މި އަދަދު އަދިވެސް ވާނީ އިތުރެވެ.

މޮރޮކޯގެ ރަސްގެފާނު -- މުހައްމަދު ހަވަނަ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި، ޝާހީ ކޯޓުން މިހާރު ކަނޑައަޅާފައިވަނީ ބިންހެލުމުގައި ކިރިޔާވެސް ގެއްލުމެއް ލިބުނުނަމަ -- އެ އާއިލާއަކަށް މަދުވެގެން 3،000 ޑޮލަރު (30،000 ދިރުހަމް) ދިނުމަށެވެ.

ބިންހެލުމުގެ ސަބަބުން ބިމާހަމަވި ކޮންމެ ގެއަކަށް 14،000 ޑޮލަރު (140،000 ދިރުހަމް) އަދި މަރާމާތަށްފަހު ކޮޅަށް ޖެހިދާނެ ކޮންމެ ގެއަކަށް 8،000 ޑޮލަރު (80،000 ދިރުހަމް) ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

މޮރޮކޯއަށް ލިބުނު ކުއްލި ގެއްލުންތަކާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން އޮތީ އެހީތެރިކަން ހުޅުވާލާފަ އެވެ.

ސައޫދީ، ޔޫއޭއީ، ގަތަރު އަދި ތުރުކީ ފަދަ އަރަބި އިސްލާމީ ސަފުގައި ހިމެނޭ މުއްސަނދި ގައުމުތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސައޫދީ އަރަބިއްޔާއިން ޑޮކްޓަރުންނާއި ބޭސް އަދި ސިއްހީ އެހެނިހެން އެހީތެރިކަން ވަނީ ވަގުތުން ފޮނުވާފަ އެވެ. ތުރުކީ ފަދަ ގައުމުތަކުން ހާލުގައި ޖެހުނު މީހުންނަށް ފޭލިގެ އާއި ކާބޯތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.

ރެޑް ކްރެސެންޓްގެ އިތުރުން އަރަބި އިސްލާމީ އަމިއްލަ ޖަމާއަތްތަކުން ވެސް މޮރޮކޯއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މުހައްމަދު ރަސްގެފާން ވިދާޅުވި ގޮތުގައި މޮރޮކޯގެ އެއްވެސް އާއިލާއެއް ހާލުގައި ޖެހުމަށް ދޫކޮށްނުލައްވާނެ އެވެ.

ވެއްޓި ބިމާ ހަމަވެފައިހުރި އިމާރާތްތަކުގެ ދަށުން މީހުންނާއި ތަކެތި ސަލާމަތްކުރުމަށް ސިފައިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ހަރަކާތްތެރިވަމުންދާއިރު، ޝާހީ އަމުރަށް އާންމުންގެ އެތައް ބަަޔަކުވެސް ދަނީ އެހީތެރިވަމުންނެވެ.

މި ހާދިސާގެ ހުރިކާ ކަމެއް ބަލައި ވަަރަށް ރަނގަޅަށް މޮނީޓަ ކުރުމަށް މުހައްމަދު ރަސްގެފާން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ. އަދި ދުވަހުން ދުވަހަށް -- ސީރިއަސް ހުރިހާ ކަމެއް ވަގުތުން ވަގުތަށް ރަސްގެފާނަށް އެންގެވުމަށް ވަނީ އަމުރުކުރައްވާފަ އެވެ.

ހާލުގައި ޖެހުނު މީހުންނަށް ކާންބޯންދިނުމަށްވެސް ރަސްގެފާން ވަނީ އިންތިޒާމްތަކެއް ހަމަޖައްސަވާފަ އެވެ. އެހީއަށް ބޭނުންވާ އެކަކުވެސް ބާކީނުކުރުމަށް އަދި އެހީ ލަސްނުކުރުމަށްވެސް ރަސްގެފާން އޮތީ ޝާހީ އަމުރަކުން އަމުރުކުރައްވާފަ އެވެ.