ދުނިޔެ

އިރުމަތީ ލީބިޔާގައި ފެންބޮޑުވެ 3،000 މަރު

އިރުމަތީ ލީބިޔާއަށް އެރި ބާރުގަދަ ތޫފާނެއްގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން 3،000 މީީހުން މަރުވެފައިވާ ކަމަށް ވަގުތީ ހެލްތު މިނިސްޓަރު އުސްމާން އަބްދުލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ޖަލީލް ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ހާލުގައި ޖެހުނީ އައްސޭރި ފަށުގެ އަވަށްތަކަށެވެ.

މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު ވީނުވިއެއް ނޭނގި ގެއްލިފައިވަނީ ކިތައް މީހުންކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލީބިޔާގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް އޮފިޝަލުން ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ ގެނބިގެން މަރުވި މީހުންނެވެ. ހާލުގައި ޖެހި އެހީއަށް ބޭނުންވާ މީހުން 7،000 އަރާފައިވާއިރު، މި އަދަދު ވެސް ބޮޑުތަން އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އެ ޖަމާއަތުގެ ހަތަރު އޮފިޝަލަކުވެސް ވަނީ މަރުވެފަ އެވެ.

ފެންގަނޑު ބޮޑުވުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އަދި ބޮޑެތި ގަސްތައް ބިމުން އުފުރިގެން ގޮސްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އެކުލަވާލާފައި އޮންނަ އެއްބައިވަންތަކަމުގެ ސަރުކާރުގެ ވެރިޔާ އަބްދުލް ހަމީދު ދަބިބާ ވިދާޅުވި ގޮތުގައި، ލީބިޔާގައި ހިތާމަ ފާޅުކުރުމަށް ތިން ދުވަސް ހާއްސަކުރާނެ އެވެ.

ލިބިއާގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު މޮރޮކޯއަށް އެރި ބާރުގަދަ ބިންހެލުމެއްގައި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ދެ ގައުމަށް އެހީތެެރިވުމަށް ސައޫދީ އަރަބިއްޔާ އާއި ތުރުކީ އަދި ގަތަރު ފަދަ މުއްސަނދި ގައުމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސައޫދީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މީހުން ސަލާމަތްކުރުމަށާއި ފަރުވާ ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ބޭސް އަދި ކާބޯތަކެތި މި ދެ ގައުމަށްވެސް ފޮނުވާނެ އެވެ.

މެދުއިރުމަތީގެ އަރަބި އެހެން ގައުމުތަކުންވެސް ވަނީ ލީބިޔާ އާއި މޮރޮކޯއަށް އެހީތެރިވާނެ ކަމަށް ބުނެފަ އެވެ.