މޯލްޑިވިއަން

"ޖާގަ ނުލިބުން ހައްލު ކުރަން މަސައްކަތް ކުރަން"

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޖާގަ ނުލިބޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފި އެވެ.

ސްކޫލް ބަންދާ ދިމާކޮށް އަތޮޅުތަކަށް ޗުއްޓީއަށް ދާން ބޭނުންވާ މީހުންނަށް މޯލްޑިވިއަންއިން ޖާގަ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުނެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ ސޭލްސް މެނޭޖާ ރަފާހާ އިބްރާހިމް ވިދާޅުވީ މި ދުވަސް ކޮޅަކީ ޕީކް ސީޒަން ކަމަށާއި ރާއްޖެއިން ބޭރުން ވެސް ވަރަށް ގިނަ މީހުން ރާއްޖެއަށް އަންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ޖާގަ ނުލިބެނީ ސީޒަންގެ ގޮތުން ކަމަށެވެ.

ޖާގަ ނުލިބުމުގެ އެތައް ޝަކުވާތަކެއް މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ވެސް ލިބެމުންދާކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ޑިމާންޑާ އެއްވަރަށް ސަޕްލައިކުރަން މެނޭޖްމެންޓުން މަސައްކަތް ކުރަމުންދަނީ ފްލައިޓްތައް އިތުރު ކުރަން ވެސް މަޝްވަރާ ކުރަމުން ދަނީ." ރަފްހާ ވިދާޅުވި އެވެ.

މާލީ ގޮތުން ގެއްލުމުގެ ވަޅުގަނޑަކަށް ވެއްޓިފައިވާ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓު ތަކެއް ގްރައުންޑްވެ، އެހެން އެއާލައިންތަކުގެ ބޯޓުތަށް ޗާޓަރަށް ނަގައިގެން އުދުހުންތައް ދަނީ ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި 99.6 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 25.3 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހަށް ބަލާނަމަ އެ ކުންފުންޏަށް 124.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.