މޯލްޑިވިއަން

މޯލްޑިވިއަން އިން އިތުރު އޭޓީއާރް ބޯޓެއް ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރް މަރުކާގެ އާ ބޯޓެއް އިތުރުކޮށްފި އެވެ.

މުޅިން އާ މި ބޯޓު މިއަދު ހަވީރު 5:30 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސިއިރު އެތަނުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން އެތަނުގައި ތިއްބެވި އެވެ.

ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން އެކި ތަންތަނުގައި ޖައްސަމުން މިއަދު ރާއްޖެ އައި ބޯޓަކީ 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ 90 ޕަސަންޓް ކަވަރުކުރަނީ މޯލްޑިވިއަން ކަމަށްވާތީ އެ އެއާލައިނަށް މިއަދު އިތުރުވި ބޯޓާ އެކު އެތެރޭގެ ދަތުރުތައް އިތުރަށް ފުޅާކުރެވޭނެތީ މިއަދަކީ އުފާވެރި ތާރީހީ ދުވަހެއް ކަމަށެވެ.

[އައިއޭއެސްގެ] ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފަހުކޮޅުން ފެށިގެން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށްޓަކައި
ވައިޑް ބޮޑީ އެއާކްރާފްޓު ހޯދުމުގެ ގޮތުން ވަރަށް އަވަހަށް ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށެވެ.

އޭޓީއާރްގެ ސަބްސިޑަރީ ކުންފުނި -- އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވިދާޅުވީ މޯލްޑިވިއަންއާ އެކު އެ ކުންފުނިން މީގެ ދެ އަހަރު ކުރިން މަސައްކަތް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިއަދު ރާއްޖެ ގެނައި ބޯޓަކީ އެންމެ ޒަމާނީ ވަސީލަތްތައް ހުރި ބޯޓެއް ކަމަށްވެސް ވިދާޅުވި އެވެ.

އައިއޭއެސް އިން އެންމެ ފުރަތަމަ އޭޓީއާރް ބޯޓެއް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ގައެވެ. އެފަހަރު 72 މީހުންގެ ޖާގައިގެ ދެ ބޯޓު ގެނެސްފައިވެ އެވެ. އެ ކުންފުނިން އޭޓީއާރް މަރުކާގެ ތިންވަނަ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީވެސް 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަން މިއަދު ރާއްޖެ ގެނައި އޭޓީއާރް ބޯޓާ އެކު އެ އެއާލައިންގެ އެއާކްރާފްޓާ ފްލީޓުގެ އަދަދު 15 ބޯޓަށް އިތުރުވާނެ އެވެ.