ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު 600-72 ގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ދަތުރު މިއަދު އައްޑޫ ސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އެއާލައިނަށް ގެނައި އޭޓީއާރު 600-72 ބޯޓުގެ ފުރަތަމަ ދަތުރު ކުރާނީ މިއަދު 3:40ގައި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އައްޑޫ ސިޓީ ގަން އިންޓާނޭޝަނަލް އެއާޕޯޓަށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ އަލަށް ގެނައި އޭޓީއާރު މަރުކާގެ ދެ ބޯޓު ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކަށް ކަމަށެވެ. މި މަހުގެ ތެރޭގައި ދެވަނަ ބޯޓުގެ އުދުހުންތައް ވެސް ފެށިގެންދާނެ ކަމަށް މުޝްއިލް ވިދާޅުވި އެވެ.
"ދެވަނަ ބޯޓުގެ ދަތުރުތައް ވެސް މި މަހުގެ ތެރޭގަ ފެށިގެންދާނެ. އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަނީ އެތެރޭގެ އުދުހުންތަކަށް،" މުޝްއިލް ވިދާޅުވި އެވެ.
މުޝްއިލް އިތުރަށް ވިދާޅުވީ އެ އެއާލައިނުން ގެންނަ ތިން ވަނަ ބޯޓުގެ މެނުފެކްޗަރިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މޯލްޑިވިއަނުން އޭޓީއާރު 600-72 ގެ ދެ ބޯޓު ރާއްޖެ ގެނައީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. މި ދެ ބޯޓަކީ 70 ފަސެންޖަރުންގެ ޖާގައިގެ ދެ ބޯޓެވެ.
ގައުމީ އެއާލައިންގެ ފްލީޓުގައި މިހާރު 50 ފަސެންޖަރުންގެ ޖާގައިގެ ޖުމުލަ އަށް ބޯޓު ހިމެނެ އެވެ. އަދި 37 ފަސެންޖަރުންގެ ސީޓުގެ 2 ބޯޓު ހިމެނެ އެވެ. މީގެ އިތުރުން ޖުމުލަ 11 ސީޕްލޭން އާއި އެއް އެއާބަސް ހިމެނެ އެވެ.