މޯލްޑިވިއަން

މޯލްޑިވިއަންގެ އެއާބަސްގެ އިތުރު ދަތުރުތަކެއް އައްޑޫއަށް

މިއަހަރުގެ ކުރިއަށް އޮތް ސްކޫލު ޗުއްޓީ ދުވަސްތަކާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ބޭނުންކޮށްގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން އެ އެއާލައިނުން ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ ޗުއްޓީ ދުވަސްވަރު ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމާ ގުޅިގެން އިތުރު އަށް ދުވަހެއްގައި އެއާބަސް އޭ 320ގެ ދަތުރުތައް ގަމަށް ކުރާނެ ކަމަށެވެ.

އެއާބަހުގެ ދަތުރުތައް ގަމަށް ކުރާނީ މި މަހުގެ 15، 17، 22، 24، 29، 31 އަދި އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހާއި ހަތްވަނަ ދުވަހު ރޭގަނޑު އެވެ. މިގޮތުން މާލެ އިން އައްޑު އަށް ފްލައިޓް ފުރާނީ ރޭގަނޑު 7:25 ގައެވެ. އަދި އައްޑޫން މާލެ އަށް ބޯޓު ދަތުރުކުރާނީ ރޭގަނޑު 9:35 ގައެވެ.

ގަމަށް ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަންގެ 4-5 ފްލައިޓް ދަތުރު ކުރާއިރު، މާލެއިން ގަމަށް ދާން ނަގަނީ ގާތްގަޑަކަށް އެއް ގަޑިއިރާއި 30 މިނެޓެވެ.

ޗުއްޓީ ދުވަސްވަރާއި ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުމާ ގުޅިގެން މޯލްޑިވިއަނުން އަންނަނީ ފްލައިޓުތަކާއި ދަތުރުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ އެއާލައިނުން ވަނީ އޭޓީއާރް މަރުކާގެ އިތުރު ބޯޓެއް ވެސް ގެނެސް ބޭނުން ކުރަން ފަށާފަ އެވެ.