ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފަށަން ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނުން ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓް (ޖޭއެސްއޭ)ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ330-200 މަރުކާގެ ފްލައިޓެކެވެ. ޖުމްލަ 264 ސީޓު ހުންނަ މި ފްލައިޓްގައި ބިޒްނަސް ކްލާހުގައި 18 ސީޓު ހުންނައިރު ޕްރިމިއަމް އިކޮނޮމީގައި 36 ސީޓު އަދި އިކޮނޮމީ ކްލާހުގައި 210 ސީޓު ހުރެ އެވެ.
މި ގައުމުތަކަށް ދަތުރުތައް ފަށަން ރާވާފައިވަނީ އަންނަ އަހަރު އެވެ.
މޯލްޑިވިއަން އިން ޔޫރަޕަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު ދެކުނު އެފްރިކާއަށް ޗާޓާ ދަތުރުތައް ކުރަން ޖޭއެސްއޭގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިމަހު އިއުލާނު ކުރި އެވެ.
މީގެ އިތުރުން ޗައިނާގެ ތިން ސިޓީއަކަށް ޖެނެރަލް ކާގޯ ސޭލްސް އެޖެންޓުން ހޯދަން މިއަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނުކުރި އެވެ.