ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ އިން އާ ރިކޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިމަހުގެ ހަތް ވަނަ ދުވަހު އެއާ ޓްރެފިކް މޫވްމެންޓް، އެއާޕޯޓް ބޭނުން ކުރި އަދަދުގެ އާ ރެކޯޑެއް ހަދައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތް ވަނަ ދުވަހު އެއާޕޯޓްގައި ޖުމްލަ 856 އެއާ ޓްރެފިކް މޫވްމެންޓް ހަދާފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ 102 އިންޓަނޭޝަނަލް މޫވްމެންޓާއި 114 ޑޮމެސްޓިކް މޫވްމެންޓްގެ އިތުރުން 35 ޖެނެރަލް އޭވިއޭޝަން މޫވްމަންޓާއި 605 ސީޕްލޭން މޫވްމެންޓެވެ.

ވީއައިއޭ ރަންވޭ މޫވްމެންޓް ރިކޯޑެއް މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ވަނީ ހަދާފަ އެވެ.

އެ ދުވަހު 104 އިންޓަނޭޝަނަލް ފްލައިޓާއި 104 ޑޮމެސްޓިކް ފްލައިޓްގެ އިތުރުން 20 ޖެނެރަލް އޭވިއޭޝަންއާއެކު 228 ފްލައިޓް ވީއައިއޭގެ ރަންވޭ ބޭނުންކުރި އެވެ.

މަތިންދާބޯޓު ޖެއްސުމަށް ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށީ އޮކްޓޫބަރު 2022ގަ އެވެ. އެއާއެކު މަތިންދާބޯޓު އެއާޕޯޓްގައި ޖެއްސުމަށާއި ޕާކް ކުރުމަށް ހޭދަވާ ވަގުތު ވަނީ ކުޑަވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖެއަށް 5،523 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖެއަށް މިހާރު 21 ގައުމަކުން 30އަށްވުރެ ގިނަ އެއާލައިނުން ދަތުރުކުރެ އެވެ.