ރިޕޯޓް

އާ ރަންވޭ: އަވާ މެންދުރެއް ނޫން، ހަގީގަތެއް!

  • މަސައްކަތުގެ އަގު 400 މިލިއަން ޑޮލަރު
  • އާ ރަންވޭގެއަކީ އެއާޕޯޓުގެ އެންމެ މުހިންމު ބައި
  • ރަންވޭގެ މަސައްކަތް އަންނަ އަހަރު ނިމޭނެ

މީގެ އަށެއްކަ މަސް ކުރިން އަހަރެން މި ތަނަށް އައިއިރު ފެންނުނީ ވެލި ފުންޏެކެވެ. ސަރާސަރު ފެތުރިފައި އޮތީ ހުޅުމާލޭގެ ފަޅުން އޮޔާ ލައްވާ ސާމާނެ އެވެ. މިތަން ފަޅު ފިލުވައިދެނީ ދުނިޔޭގެ އެންމެ ބޮޑު މޫދައްޖަސާ ބޯޓު ދުއްވާ ކުންފުނީގެ މޫދައް ޖައްސާ ބޯޓުތަކުގެ "ބޫން" އަޑެވެ. އޭރަކު މިތަނަކު ވަކިން ހާއްސަ ކަމެއް ނެތެވެ. އެ ދުވަހު އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަޅުގަނޑު ކައިރީ ވިދާޅުވި އެއްޗެއް ކުއްލިއަކަށް ހަނދާ ވެއްޖެ އެވެ.

"އަފްރާހުމެން ދެން އަންނައިރު މި ތަނުން ފެންނާނީ އެހެން މަންޒަރެއް، ބަލާތި! މުޅިތަން އޮންނާނީ ބަދަލު ވެފަ." އޭގެ ބަރާބަރު އަށް މަސް ފަހުން މިއަދު މި ފެންނަނީ އެ މަންޒަރެވެ. އާދިލް ވިދާޅުވިއަސް، އޭރު ގަބޫލުކުރީ އެއީ އަވާ މެންދުރަކަށް ވާނެ ކަމަށެވެ. މިކަމެއް ނުވާނެ އެވެ! އެކަމަކު މިއަދު ގަބޫލުރަންޖެހެނީ މިއީ އުންމީދެއްގެ ގޮތުގަ އެވެ. މިއީ ހަގީގަތެއްގެ ގޮތުގަ އެވެ.

ވެލާނާ އެއާޕޯޓު ތަރައްގީގެ އެންމެ މުހިންމު އެއް ބަހާ، ކަމަށްވާ ޒަމާނީ އާ ރަންވޭ އަޅާ ސަރަހައްދު މިއަދު މިއޮތީ ހިއްކައި ނިންމާލާފަ އެވެ. ބޯޓު ޖައްސަން ފައްކާކުރާ މުޅިންއާ ރަންވޭ އެޅުމަށް 62 ހެކްޓަރު ހިއްކައި ނިމިއްޖެ އެވެ. ބިމުގެ ސައިޒުން ބަލާނަމަ މިއީ ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑުގެ ބޮޑު ސަރަހައްދެކެވެ. މިހާރު ރަންވޭ ބިންގާ އަޅައި، އެ ދަނީ ބިންގަނޑު އެއްވަރުކޮށް ހަރު ކުރަމުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައި މަސައްކަތް ފެށި މަޝްރޫއު މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެމްއޭސީއެލް އިން އިއްޔެގެ އެންމެ ހޫނު ގަދަ ގަޑީގައި ނޫސްވެރިން ގޮވައިގެން އެތަނަށް އަރައިފި އެވެ.

ގަދަ ހޫނުގައި، ފިނި ތަޖުރިބާ

ފުރަތަމަ މިތަން ދައްކާލަން މެންދުރުގެ ގަދަ ހޫނުގައި ގެންދާ ވާހަކަ ބުނާއިރަށް ބައެއް ނޫސްވެރިން ޝަކުވާ ކުރި އެވެ. "ދެން މިއީ ކޮން ގަޑިއެއް މިއޮތް ރޯދަ މަހު އެތަނަށް ގެންދަން... އަހަރެމެން ހަނާ ވާނީ؟" އެއް ނޫސްވެރިއަކު ބުންޏެވެ. އެކަމަކު މި ފަސްގަނޑުގައި ފައި ޖެހުމާއެކު، މަންޒަރު ބަދަލުވީ ފެނުނު މަންޒަރުންނެވެ. ކުރިން، ނޭޝަނަލް ޖިއޮގްރަފިކް ޗެނުން ފެންނަ ފަދަ "މެގަ ސްޓްރަކްޗާ" ބިޔަ މަޝްރޫއެއްގެ ފުރިހަމަ ތަސްވީރު މިހާރު ވެލާނާ އެއާޕޯޓުން ފެންނާނެ އެވެ. ބަހުގައި ނޫސްވެރިން ގެނެސް މި ތަނަށް އަޅާލުމާއެކު، ނޫސްވެރިންނަށް ހީވީ މާވަހަރެއް ފެނުނުހެންނެވެ. ކެމެރާތައް ކޮޅަށް ޖަހައި، ލެންސުތަކުގެ ކަވަރު ނައްޓާލައިފި އެވެ. އެންމެ މޮޅަށް ފޮޓޯއެއް ނަގަން ދުއްވައި ގަތް ގޮތަށް އަނގަ ވަތަށް ނުވެއްޓުނީ ވެސް ހަމަކިރިޔާ އެވެ. މިކަމުގެ މަޖާގަނޑުގައި އެމްއޭސީއެލްގެ އެސޯސިއޭޓެޑް ޖެނެރަލް މެނޭޖަރު ހަސަން އަރީފު "އެކްޓިވް" ވެއްޖެ އެވެ. އޭނާ މިތަނަށް އައި ދިޔަ ޗެނަލް 13 ގެ ކުއްޖާއަށް ހިންދީ ބަހުން ޒާތެއްގެ ނަމެއް ވެސް ހަދައިފި އެވެ.

"ތިޔަ ބޭފުޅުން ބައްލަވާށޭ، މިތަން އަދި ސުރެން، ސުރެން ހިއްކާފައި އޮންނާނެއޭ ގޮވާ ހަޅޭލަވައި، ހުޅުމާލެއާ ދިމާލަށް އަތް އުކަން ފަށައިފި އެވެ...! އަދި މިވަރުން ހަސަނު ނިމުނީއެއް ނޫނެވެ.

"އަދި ބަލާށޭ މިތަނުގައި ސެލްފީ ޕޮއިންޓެއް ވެސް އިނާނެއޭ ވެސް އޭނާ ގޮވަ އެވެ"

ރަންވޭ އެޅުން އާދައިގެ ކަމެއް ނޫން!

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ. އާ ރަންވޭ އަޅަނީ އާދައިގެ ކުންފުންޏެއްް ނޫނެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގައި ވެސް އޮތް މި ބާވަތުގެ މަސައްކަތް ކުރުމަށް އެންމެ ގާބިލް އެއް ކުންފުނި ކަމަށްވާ، ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން އެވެ. އެ ކުންފުނީގެ ތައާރަފަކަށް ދާނަމަ މަޝްހޫރު ބާޑްނެސްޓް ސްޓޭޑިއަމް އާއި ބެއިޖިން އިންޓަނޭޝަނަލް އެއާޕޯޓުވެސް ތަރައްގީ ކުރީ މި ކުންފުނިންނެވެ. މި މަސައްކަތް ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަން އެ ކުންފުނިން ހަވާލުކޮށްފައިވާ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. މި މަސައްކަތް ކުރަނީ ވެލި އަޅާ ގޮތް ބަލައިގެން، ހާއްސަ ކެމެރާ އަކުން ލެވަލްކޮށްގެންނެވެ.

ބީޔޫސީޖީއިން މި މަޝްރޫއަށް ކަނޑައަޅުއްވާފައި ހުންނަވާ، ޑިރެކްޓަރު ޖެނެރަލް ފްރޭންކް ވިދާޅުވީ އެ ކުންފުނިން ކަނޑައަޅައިފައިވާ ލަނޑު ދަނޑިއަށް މަޝްރޫއު ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ސަރުކާރާއި އެމްއޭސީއެލް ބޭނުންވާ ދުވަހަށް މަޝްރޫއު ނިމާލެވޭނެ ކަމަށް،" ފްރޭންކް ވިދާޅުވި އެވެ.

އާ ރަންވޭގެ ބޭނުމަކީ ކޮބާ؟

ގާތްގަނޑަކަށް ހަތަރު ސަތޭކަ މިލިއަން ޑޮލަރު ހޭދަކޮށްގެން އާ ރަންވޭއެއް އެޅުމުގެ ބޭނުމަކީ ކޮބައިހޭ ބަޔަކު ހީކޮށްފާނެ އެވެ. ޖީއެމްއާރުން އެއާޕޯޓު ތަރައްގީ ކުރިއިރު އެމީހުންގެ ޕްލޭންގައި ރަންވޭގެ ވާހަކަ ނުވެސް ހައްދަވަ އެވެ. އެކަމަކު މިއީ ރާއްޖެއަށް މިހާރު އެންމެ މުހިންމު އެއް ތަނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

މިހާރު ވީއައިއޭގައި އޮންނަނީ އެންމެ ރަންވޭ އެކެވެ. މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ޖައްސާ ނަގާ ބޯޓު ފަހަރަށް ޖާގަ ނުލިބުމެވެ. ރަންވޭއިން ޖާގަ ނުލިބިގެން ނުޖެއްސި، ނުވަތަ ނުފުރިފައި އޮންނަން ޖެހުމެވެ. މިކަން ހައްލު ވެއްޖެނަމަ އެއާޕޯޓަށް ޖައްސާ ފްލައިޓުތަކަށް ގާތްގަނޑަކަށް 30 މިނެޓު ވަރު އަވަސް ވެގެންދާނެ އެވެ. އޭރުން މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ކޮންމެއަކަސް އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ މުހިންމު ބައި ކަމަށްވާ އާ ރަންވޭގެ މަސައްކަތް ފެށިއްޖެ އެވެ. އަދި އަންނަ އަހަރު މިތަން ހުޅުވުން ވެންދާނީ މުޅިރާއްޖެއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ނޫނީ ނުވާނެ އެވެ.