ރިޕޯޓް

ރާއްޖެ އަންނަ މަހުޖަނުންގެ ޖެޓްތަކަށް ޖާގަ ނުލިބިގެން ކޮލަމްބޯއަށް!

ޔޫރަޕަށް ފިނި ގަދަވާ ވަރަކަށް އެންމެންގެ ނަޒަރު މިހާރު ހުއްޓިފައި ވަނީ ދިވެހި ރާއްޖެ އަށެވެ. އާ އަހަރުގެ އުފާވެރި ދުވަސްތައް ރާއްޖޭގައި ހޭދަ ކޮށްލުމަކީ ގިނަ ބައެއް ޝައުގުވެރިވާ ކަމެވެ. އެހެންވެ، ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވެފަ އެވެ. ހާއްސަކޮށް ދުނިޔޭގެ ބޮޑެތި މަހުޖަނުންނާއި މަޝްހޫރު މީހުންގެ ގިނަ ބަޔަކު ރާއްޖެ މި ދުވަސްވަރު އާދެ އެވެ. އެކަމަކު މި އަހަރު ފެންނަނީ ތަފާތު މަންޒަރެކެވެ. ކުރީގެ އަހަރުތަކަށްވުރެ ރާއްޖެ އަންނަން މަހުޖަނުން މިވަނީ އިތުރުވެފަ އެވެ. އެހެންވެ، ޖެޓްތައް ހަޔާކޮށްދޭ ކުންފުނިތަކަށް ލިބޭ އާމްދަނީ މަތިވެގެން ގޮސްފައިވާއިރު، ރާއްޖެއަށް އޮތް ޑިމާންޑު ވެސް ވަނީ އާދަޔާ ހިލާފަށް މަތި ވެގެން ގޮސްފަ އެވެ.

ނަމަވެސް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ ޕްރައިވެޓް ޖެޓު ބާއްވައި ދޭނެ ޖާގަ ނެތުމެވެ. ރާއްޖައި ޖެޓު ޕާކު ކުރެވޭ ހުރިހާ އެއާޕޯޓެއް ފުލްވެ، ޖެޓުތައް މިހާރު ގެންދަން ޖެހިފައި ވަނީ އަވަށްޓެރި ގައުމުތަކަށެވެ. މީގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރި މިވަނީ ރާއްޖޭން ބޭރު ވެގެން ދާން ފަށާފަ އެވެ.

"ރާއްޖޭގެ އެއް ވެސް އެއާޕޯޓަކުން މިހާރު ޖާގައެއް ނުލިބޭ. އެހެންވެ، އަޅުގަނޑުމެން މިހާރު ޖެޓުން މީހުން ބާލާފައި ޕާކު ކުރަން މި ފޮނުވާލަން ޖެހެނީ ކޮލަމްބޯ އަށް،" ރާއްޖެއަށް އެންމެ ގިނަ ޕްރައިވެޓް ޖެޓް ގެންނަ އެއް ކުންފުނި ކަމަށްވާ ސްކައި ޓްއާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިމް އަވަސް އަށް ވިދާޅުވި އެވެ.

އަވަސް އަށް ވާހަކަ ދެއްކި، ޕްރައިވެޓް ޖެޓު ހަޔާކޮށްދޭ ގިނަ ކުންފުނި ތަކުން ބުނި ގޮތުގައި މިހާރު ޖެޓުތަކުގައި އަންނަ މީހުންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު މިހާރުގެ ޝަކުވާއަކީ ޖާގަ ނުލިބުމެވެ. މި ވިޔަފާރިއަށް ބޭނުންވާ ހިދުމަތް ލިބެން ރާއްޖޭން ލިބެން ނެތުމެވެ.

ހަމައެކަނި ސްކައި ޓުއާސްގެ މައުލޫމާތު ތަކަށް ބަލާއިރު މިއަދުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ގާތްގަނޑަކަށް ހަ ޖެޓާއި 14 ޖެޓާ ދެމެދު އަދަދެއް ރާއްޖެ އަންނާނެ އެވެ. އެހެންވެ، އެ ކުންފުނިން އެންމެ މަދުން ބެލި ނަމަވެސް މި އަހަރުގެ ނިޔަލަށް 72 ޖެޓާއި 160 ޖެޓާއި ދެމެދުގެ އަދަދަކަށް ޕްރައިވެޓް ޖެޓް ރާއްޖެ ގެންނާނެ އެވެ. ޖެޓެއް ޕާކުކޮށްފައި ބާއްވަން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2،000 ޑޮލަރު ނަގަ އެވެ. އަދި އެހެންވެ މިއީ ހިސާބުކޮށްލާނަމަ މިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. ނަމަވެސް މީހުންކޮޅު ބާލައި ޖެޓު ފުރައިގެން ދާން ޖެހުމަކީ މި ވިޔަފާރީގެ ބޮޑު ބައެއް ގާދޫ ކޮލުން ބޭރު ވެގެން ދިއުމެވެ.

ސްކައިޓުއާސްގެ އެމްޑީ އަބްދުﷲ ވިދާޅުވި ގޮތުގައި ޖެޓު އަންނަ އަދަދު އިތުރުވުމުން މިހާރު އެ ކުންފުނީގެ އޮޕަރޭޝަން 24 ގަޑިއިރަށް ހިންގަމުން ދެ އެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ އެވެ.

"މި ޕެންޑެމިކް [ކޮވިޑް-19] ގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި ވަރަށް ބޮޑަށް ހީނަރުވި. އެކަމަކު މި ވޭތުވެދިޔަ ތިން މަހު މި ދަނީ ވަރަށް ރަނގަޅަށް. މިހާރު ވަރަށް ރަނގަޅު،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގައި ޕްރައިވެޓް ޖެޓަށް ހިދުމަތްދޭ ޔުނިވާސަލް އޭވިއޭޝަންގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު އަހުމަދު އިޖާޒު ވިދާޅުވި ގޮތުގައި މި މަހުގެ 25 އިން ޖަނަވަރީ އަށް ވަނަ ދުވަހުގެ ނިޔަލަށް ޖާގަ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައި ވެއެވެ. އަދި މިހާރު ޖެޓު ޖައްސަން ބޮޑު ޑިމާންޑެއް އެބައޮތެވެ.

"ގިނަ އެއާޕޯޓުތަކުގައި ޖެޓް ޕާކު ކުރުމަށް ޖާގައެއް ނެތް. ދަތިތައް އެބަހުރި. އައްޑޫގައި ވެސް ޖާގަ އެއް ނެތް. ވީއައިއޭގައި ވެސް ޖާގައެއް ނެތް،" އިޖާޒު ވިދާޅުވި އެވެ.

ގިނަ އެއާޕޯޓުތަކުގައި ޖެޓް ޕާކު ކުރުމަށް ޖާގައެއް ނެތް، ދަތިތައް އެބަހުރި. އައްޑޫގައި ވެސް ޖާގަ އެއް ނެތް. ވީއައިއޭގައި ވެސް ޖާގައެއް ނެތް
އަހުމަދު އިޖާޒު | ޔުނިވާސަލް އޭވިއޭޝަންގެ ކަންޓްރީ މެނޭޖަރު

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މިހާރު ވެސް 40 އަށްވުރެ ގިނަ ޖެޓު ޖައްސަން ސްލޮޓް ހޯދަން ބޭނުންވެ އެވެ.

"މިދިޔަ އަހަރާ އަަޅާ ބަލާއިރު ވެސް ބޮޑު ޑިމާންޑެއް އެބައޮތް،" އިޖާޒު ވިދާޅުވި އެވެ.

ޖެޓަށް އެކަށީގެންވާ ހިދުމަތެއް ނުލިބޭ

ރާއްޖޭގައި ޕްރައިވެޓް ޖެޓު ޖައްސާނެ ޖާގަ ލިބޭ ފެންވަރުގައި ހަދާފައި ވަނީ ވީއައިއޭގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ވީއައިއޭ އަދި ދާލު އެއާޕޯޓް އާއި މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ވީއައިއޭ ނޫން ތަނަކުން ތެޔޮ އެޅުން ފަދަ ހިދުމަތްތަކެއް ނުލިބެ އެވެ. އެހެންވެ ޓޫރިޒަމްގެ މިފަދަ ސީޒަނެއްގައި މި ފްލައިޓް ތަކަށް ހިދުމަތް ހޯދަން ދަތިވެ އެވެ.

ޕްރައިވެޓް ޖެޓް ޕާކު ކުރެވޭ އެއާޕޯޓެއް ކަމަށްވާ ދާލު އެއާޕޯޓުގެ ސީއީއޯ މުހައްމަދު ހަލީލް އަވަސް އަށް ވިދާޅުވި ގޮތުގައި ދ. އެއާޕޯޓަށް އެންމެ ބޮޑަށް ކޭޓާ ކުރެވޭ ވަރަށް ހިދުމަތް ދޭނެ އެވެ. މި ސީޒަންގައި އެ އެއާޕޯޓު ވެސް ފުލްވާނެ ކަމަށް ބެލެވޭ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މިހާރު ވަރަށް ރަނގަޅު. ގިނައިން މިހާރު ރާއްޖެ މި އަންނަނީ މަހުޖަނުން. އަޅުގަނޑުމެންގެ އެއާޕޯޓަކީ މަންޓާ އެއާގެ އޮޕަރޭޝަން ވެސް ކުރި އަށް ދާ ތަނެއް. އެހެންވެ ފުލް ކެޕޭސިޓީގައި ޖެޓަށް ދޫކޮށްފިނަމަ މަންޓާގެ އޮޕަރޭޝަނަށް ބުރޫ އަރާނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބީޗް ގިނަ ޑެސްޓިނޭޝަންތައް ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އޮތް ޑިމާންޑް އިންތިހާއަށް މައްޗެވެ.

"ބާލީ އާއި ތައިލެންޑް ފަދަ މަންޒިލްތައް މިއޮތީ ބަންދު ކޮށްފައި. އެހެންވެ ރާއްޖެ އެކަނި ހުޅުވުމުގެ ބޮޑު ޑިމާންޑެއް އެބައޮތް. ރާއްޖެއަކީ އެންމެ ސޭފް ޑެސްޓިނޭޝަން،" ހަލީލް ވިދާޅުވި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި މާމިގިލީ އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓްތައް ޕާކު ކުރަމުންދެ އެވެ. އަދި ޖެޓު ޕާކު ކުރުމަށް ބޮޑު ޑިމާންޑެއް ވެސް އެބައޮތެވެ. ކުރިއަށް އޮތްތަނުގައި މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން މިފަދަ ޖެޓްތަކަށް ފުރިހަމަ ހިދުމަތް ދެވޭ ފަދަ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދެއެވެ.

މާފަރަށް އެކަނި 100 ޖެޓް

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ، ނ. އަތޮޅުގައި ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ވެސް އޮތީ ގާތްގަނޑަކަށް ފުލްވެފަ އެވެ. ގައުމީ އެއާލައިން، މޯލްޑިވިއަނުން މެނޭޖު ކުރާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މި މަހު އެ އެއާޕޯޓަށް ޖައްސާ ޖެޓުގެ އަދަދު އުޅޭނީ 40 ގަ އެވެ. ނަމަވެސް ޓޫރިޒަމް މައި ސީޒަނާއެކު ރާއްޖޭގެ ޑިމާންޑް އުފުލެމުން ދިއުމާއެކު ރާއްޖެ އަންނަ ޖެޓުގެ އަދަދު އިތުރުވެ މިހާރު 100 ޖެޓު ޖައްސާނެ އެވެ. އެހެންކަމުން ޖެޓު ޕާކުރުމުގެ ޖާގަ ގާތްގަނޑަކަށް އެ އެއާޕޯޓުގައި ވެސް ފުލްވެފައި ވެއެވެ.

ލައުންޖުން ޖާގަ ނުލިބުމުގެ ޝަކުވާ

ރާއްޖެ އަންނަ މަތީ ފަންތީގެ އިއްޒަތްތެރިންނާއި މަހުޖަނުންނަށް ހިދުމަތް ދޭން އޮންނަ ވީއައިއޭގެ ވީއައިޕީ ލައުންޖުގެ ޖާގަ ވެސް އޮތީ ގާތްގަނޑަކަށް ފުލްވެފަ އެވެ. އޭގެ ސަބަބުން ބައެއް ފަރާތް ތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.

މަންޓާ އެއާގެ ސީއީއޯ ހަލީލް ވިދާޅުވި ގޮތުގައި މި ހާލަތަށް އަންނަންވާއިރަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނެތެވެ.

"މި ހާލަތު އަންނަން ވާއިރަށް އަލަށް ހެދި ސީއައިޕީ/ ވީއައިޕީ ޓާމިނަލް ނިމުނު ނަމަ ލުޔެއް ލިބުނީސް،" ހަލީލް ވިދާޅުވި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވި ގޮތުގައި ވީއައިއޭއަށް ވެސް ޕްރައިވެޓް ޖެޓާއި ޓްރެފިކަށް ޑިމާންޑް މަތިވެފައި ވެއެވެ. އަދި މައި އެއާޕޯޓުގައި ހުރި ކެޕޭސިޓީ ބޭނުން ކޮށްގެން މެނޭޖު ކުރަމުންދެ އެވެ. ވީއައިއޭގައި ބޯޓް ޕާކު ކުރުމަށްޓަކައި ހަދަމުންދާ އޭޕްރަންތައް އެއްކޮށް ނުނިމެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ލޯޑާއެކު ވީއައިއޭއަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލު ކުރަން ފިޔަވަޅު އަޅަމުންދާނެ އެވެ. އެގޮތުން އިމިގްރޭޝަން ކައުންޓަރުތަކުގެ ޖާގަ އާއި އެނޫން ވެސް ދިމަދިމާލުން ހިދުމަތް ރަނގަޅު ކުރަން ބަދަލު ގެންނަމުން ދާނެ އެވެ.

މަޝްހޫރު ގިނަ މީހުނާއި މަހުޖަނުން ރާއްޖޭގައި

ރާއްޖޭގެ ޕްރައިވެޓް އައިލެންޑުތަކާއި އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ މިހާރު އުޅެނީ ގާތްގަނޑަށް 80 ޕަސެންޓުގަ އެވެ. ބައެއް ރަށްރަށް އަންނަ ހަފުތާގައި އޯވަ ބުކްގެ އެއްކޮށް ފުލްވެގެން ދާނެ އެވެ. މިހާރު ވެސް ރާއްޖޭގައި ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކާއި މަހުޖަނުންގެ ސަފުގައި ތިބި ގިނަ ބަޔަކު އެބަ ތިއްބެވެ. މިގޮތުން ގއ. ކޫއްޑޫގައި ގަތަރުގެ ޝާހީ އާއިލާގެ އިސް މެންބަރުން ތަކެއް އައިސްފައިވާ ޖެޓެއް އިއްޔެ ވަނީ ޖައްސާފަ އެވެ.

ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި އެ އެއާޕޯޓަށް ވެސް މި ދުވަސްވަރު ލޯޑު ބޮޑެވެ.

"ކޮންމެ ދުވަހަކު ވެސް އެތަށް ޕްރައިވެޓް ޖެޓެއް އެބަ ޖައްސާފަ ފުރައިގެން އެބަދޭ. އަޅުގަނޑުމެން ޖާގަ އޮތް މިން ވަރަކުން އަންނަ ފަރާތްތަކަށް ހިދުމަތް ދެމުން މިދަނީ. ހިދުމަތްވެސް ދެވޭނެ،" ޖަނާހު ވިދާޅުވި އެވެ.

ކޮވިޑް-19 އަށްފަހު ދުނިޔެ ހުޅުވުމާއެކު ރާއްޖެއަށް އޮތް ޑިމާންޑް މަތިވަމުންދާއިރު، ރާއްޖޭން ބޭނުންވާ ހިދުމަތް މި ވިޔަފާރި ތަކަށް ލިބޭކަށް ނެތެވެ. ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ފުލްވެފަ އެވެ. މައި އެއާޕޯޓު ހިމެނޭ ގޮތަށް ހުރިހާ އެއާޕޯޓެއްގައި ޕާކިން ސްޕޭސް ނެތުމުން ޖެޓުތައް ކޮލަމްބޯގައި ޕާކު ކުރަން ޖެހުމަކީ ގެއްލިގެންދާނެ ފައިދާގެ ބޮޑު އަދަދެކެވެ.