ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށްފަހު ދެވަނައަށް އެންމެ ގިނައިން މީހުން ރާއްޖެއަށް އެތެރެވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އިން މި އަހަރުގެ މިހާތަނަށް 1,352 ޓޫރިސްޓުން ރާއްޖެ އެތެރެވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ހަ އެއާޕޯޓް އޮންނައިރު މިހާރު ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) މެދުވެރިކޮށް މި އަހަރުގެ މިހާތަނަށް 452,828 ޓޫރިސްޓުން އެތެރެވެފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އެތެރެވަނީ ޝެޑިއުލް ފްލައިޓްތައް އަދި ނުފަށާ އޮތް އެހެންނަމަވެސް ޕްރައިވެޓް ޖެޓުގައި ޓޫރިސްޓުން އަންނަ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ މާފަރު އެއާޕޯޓަށް ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން ބޯޑަރު ބަންދު ކުރުމާއެކު ޖެޓުގައި ގިނަ އަދަދެއްގެ މަހުޖަނުން އައިސްފައިވެ އެވެ.
މާފަރަށް ޓޫރިސްޓުން އެެތެރެވި އަދަދު
- ޖެނުއަރީ: 273 ޓޫރިސްޓުން
- ފެބްރުއަރީ: 246 ޓޫރިސްޓުން
- މާޗް: 388 ޓޫރިސްޓުން
- އެޕްރީލް: 312 ޓޫރިސްޓުން
- މެއި: 124 ޓޫރިސްޓުން
- ޖޫން: 9 ޓޫރިސްޓުން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ގޭން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި އެއާޕޯޓުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވަނީ 148 ޓޫރިސްޓުންނެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އެތެރެވި ދ. އެއާޕޯޓު މެދުވެރިކޮށް އައިސްފައިވަނީ 48 ޓޫރިސްޓުންނެވެ. އަދި މާމިގިލި އެއާޕޯޓަށް އެތެރެވެފައިވަނީ 20 މީހުންނެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް މިހާތަނަށް އެއްވެސް ފަތުރުވެރިޔަކު ރާއްޖެ އައިސްފައެއް ނުވެ އެވެ.