މި އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސް، ޓޫރިޒަމަށް 45 ޕަސެންޓުގެ އިތުރުވުމެއް އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 210،184 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ އައި ޓޫރިސްޓުންގެ އަދަދަކީ 145،046 އެވެ. އެހެންވެ މިއީ މި އަހަރާ އަޅާބަލާއިރު 45 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މި އަދަދު 2020 އަދި 2019 އަށް އަޅާ ކިޔާނަމަ ނިސްބަތުން ދަށެވެ.
ހަ އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުން
- 2019: 252،906 ފަތުރުވެރިން
- 2020: 257،910 ފަތުރުވެރިން
- 2021: 145،046 ފަތުރުވެރިން
- 2022: 210،186 ފަތުރުވެރިން
ޓޫރިޒަމްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިމަހުގެ މިހާތަނަށް ޖުމްލަ 78،420 މީހުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާނަމަ 48.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޖެނުއަރީއަށް ވުރެ އެވްރެޖު ސްޓޭ ދަށް
މި އަހަރުގެ މިހާތަނަށް ބަލާއިރު މިމަހު އެވްރެޖުކޮށް ރާއްޖޭގެ ޑެއިލީ އެރައިވަލްސް- ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު- އުޅެނީ 4،901 ގައެވެ. އަދި ތިން އަހަރަށް ބަލާނަމަ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ނުވަތަ އެވްރެޖު ސްޓޭ ވަނީ އިތުރުވެފަ އެވެ. ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު މިދިޔަ މަހާ އަޅާބަލާނަމަ ނިސްބަތުން ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު އެވްރެޖު ސްޓޭ ހުރީ ނުވަ ދުވަހުގަ އެވެ. މިހާރު މި އަދަދު ވަނީ 8.7 އަށް ވެއްޓިފަ އެވެ.
ތިން އަހަރުގެ އެވްރެޖު ސްޓޭ
- 2019: 6.2 ދުވަސް
- 2020: 7.2 ދުވަސް
- 2021: 8.7 ދުވަސް
މި އަހަރުގެ މިހާތަނަށް ބަލާނަމަ ރާއްޖޭގެ ޓޮޕް މާކެޓުގެ ގޮތުގައި އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އެ ގައުމުން މި އަހަރު 33،191 މީހުން އައިސްފައިވެ އެވެ. އަދި ދެވަނަ އަށް އުޅެނީ އިނގިރޭސިވިލާތެވެ. އެ ގައުމުން 24،010 މީހުން އައިސްފައިވެ އެވެ. އަދި ތިން ވަނާގައި 18،044 އާއެކު އޮތީ އަވަށްޓެރި އިންޑިއާ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު 1.7 މިލިއަން މީހުން އަންނާނެ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އަންދާޒާ އަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.