ޓޫރިޒަމް

ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް 144،279 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާކިޔާއިރު 15 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 125،424 ފަތުރުވެރިންނެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ފަތުރުވެރިން އެންމެ މަދުން އަންނަ އެއް ދުވަސް ވަރަކީ ޖޫން، ޖުލައި ދުވަސްވަރެވެ. އެކަމަކު މިއަހަރުގެ މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ މިވަގުތު އޮތީ ޗައިނާ އެވެ.

ޗައިނާއިން 153،180 ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެއީ 123،153 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. 103،051 ފަތުރުވެރިންނެވެ. މިލިސްޓުގެ ހަތަރުވަނައިގައި 85،661 ފަތުރުވެރިންނާއެކު އޮތީ އިޓަލީ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެވްރޭޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،000 އެއްހާ ފަތުރުވެރިން މިހާރު އާދެ އެވެ.

މިވަގުތު ރާއްޖޭގައި 182 ރިސޯޓެއް ހިންގަމުންދާއިރު 14 ހޮޓަލަކާއި، 867 ގެސްޓްހައުސް އެއް އޮޕަރޭޓް ކުރެ އެވެ. އަދި 152 ސަފާރީ އުޅަނދު ފަތުރުވެރިކަމުގައި ބޭނުންކުރެ އެވެ.