އެމްއޭސީއެލް

އާ ޓާމިނަލްގެ މަސައްކަތް ފިނިހަކަ ދުވެލީގައި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީގެ ގިން މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށް އެބަދެ އެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މައި އެއާޕޯޓްގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނާނީ އާ ބަދަލުތަކުގެ މަންޒަރެވެ. ހާއްސަކޮށް ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފައިވާ ރަންވޭގެ މަސައްކަތް ފެތުރިގެންފައިވާ ބާރު މިނަށް ތައުރީފު ހައްގެވެ. އެކަމަކު، އެއް ކަމެއް އެބަ ފާހަގަވެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ފެންނަނީ "ފިނިހަކައިގެ ދުވެލީ" ގައި ފިރުކޭ ތަނެވެ. މަސައްކަތް މާ ބޮޑަށް ވެސް ލަހީ އެވެ. ޓާމިނަލްގެ އެ މަސައްކަތަށް ނަޒަރު ހިންގައިލުމުން އެނގެނީ އެއާޕޯޓުގެ އެންމެ ބޮޑު ބައި، ނުނިމި މަޑުޖެހިފައިވާ ކަމެވެ.

"މި ބަލަނީ ޓާމިނަލްގެ މައިގަނޑު މަސައްކަތް 2018 ވަނަ އަހަރު ނިމޭނެ ކަމަށް. ޓާމިނަލް އުންމީދު ކުރި ވަރަކަށް ވުރެ ތަންކޮޅެއް ލަސްކޮށް މި ހަވާލު ކުރެވުނީ،" އާ ޓާމިނަލްގެ މަސައްކަތާ ބެހޭ ގޮތުން، މޭ 30، 2016 ގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "އަވަސް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެއާޕޯޓުގެ، ޓާމިނަލް އަޅަން ހަވާލުކޮށްފައިވަނީ ސަރުކާރާ އެންމެ "ގާތް" ކަމަށް ބުނެވޭ ސައޫދީ އަރަބިއްޔާގެ ކުންފުންޏަކާ އެވެ. މަހުޖަނުން ގިނަ ސައޫދީގެ، ބިންލާދިން ގްރޫޕަށް މި މަޝްރޫއު ހަވާލުކުރީ 300 މިލިއަން ޑޮލަރަށް، މެއި 21، 2016 ވަނަ އަހަރު އެވެ.

މި ބަލަނީ ޓާމިނަލްގެ މައިގަނޑު މަސައްކަތް 2018 ވަނަ އަހަރު ނިމޭނެ ކަމަށް. ޓާމިނަލް އުންމީދު ކުރި ވަރަކަށް ވުރެ ތަންކޮޅެއް ލަސްކޮށް މި ހަވާލު ކުރެވުނީ
އެމްއޭސީއެލްގެ އެމްޑީ، އާދިލް މޫސާ

މައި އެއާޕޯޓުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްއޭސީއެލް އިން އިއްޔެ ވަނީ ނޫސްވެރިންނަށް ދީފަ އެވެ. ނޫސްވެރިން އިއްޔެ އެއާޕޯޓަށް ގެންގޮސް ބޭލީ، އަލަށް އޭޕްރަން ހަދާ ސަރަހައްދަށެވެ. އެ ތަނުގައި ހުރެ މާލެއާ ދިމާލަށް ބަލައިލުމުން އެ ފެންނަނީ އާ ޓާމިނަލް އަޅާ ސަރަހައްދެވެ. އެ ސަރަހައްދު ފެންނަނީ ކުރެވޭ މަސައްކަތް "މަދު" ކޮށެވެ. އެ ތަނުން އަދި އާ އިންޓަނޭޝަލް ޓާމިނަލްގެ މައި އިމާރާތުގެ ހިލަމެއްވެސް ނުވެ އެވެ. މުޅި އެ ސަރަހައްދުން އަދި ފެންނަނީ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ސަރަހައްދުގެ މައި ތޮށި ހެދުމުގެ މަސައްކަތެވެ. އެތަނުގައި ޝީޓްޕައިލްކޮށް، ތޮށިލައި ނިންމަނީ އެވެ.

ޓާމިނަލްގެ މަސައްކަތް މި އަހަރު ނިމޭނެތޯ އަވަސް އިން އިއްޔެ ސުވާލު ކުރުމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ "އެ މަސައްކަތް ވެސް ނިމޭނެ" ކަމަށެވެ. އިތުރު ޖަވާބެއް ހަސަން އެ ސުވާލަކަށް ނުދެއްވަ އެވެ. ނަމަވެސް، އެ ކުންފުނީގެ އެހެން އޮފިޝަލަކު މިދިޔަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވިދާޅުވި ގޮތުގައި "ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ޝެޑިއުލާ އެއްގޮތަށެ" ވެ.

މި މަޝްރޫއާ ބެހޭ ގޮތުން، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މެއި 30، 2016 ގައި ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއަށް އެ ކުންފުނިން ގިނަ ތައްޔާރީ ތަކެއް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ދެ ޕްރޮޖެކްޓް [ރަންވޭ އާއި ޓާމިނަލް] މަޝްރޫއު ފެށިގެންދާއިރު އެންމެ ޕީކް ޕީރިއަޑްގައި 4،000 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް. ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ،" އާދިލް އޭރު ވިދާޅުވި އެވެ.

ސުވާލަކީ ބިންލާދިން ގްރޫޕުންވީ ތައްޔާރީ ތަކަކީ ކޮބައި ހެއްޔެވެ؟ އެ ވީ ތައްޔާރީއެއްގެ ނަތީޖާ ފެނޭ ހެއްޔެވެ؟

މި ވަރަށް ޓާމިނަލްގެ މަސައްކަތް ލަސްވުމުން މިހާރު އުފެދޭ ސުވާލަކީ ބިންލާދިން ގްރޫޕަކީ މި މަޝްރޫއު ހިންގުމުގެ ގާބިލް ކުންފުންޏެއް ބާއެވެ؟

ސަރުކާރުން ބުނެފައިވާ ގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހާ ފައިސާ އެއް ވަނީ ހަމަވެފަ އެވެ. މި މަޝްރޫއު ހިންގަން ބޭރުގެ ހަ އިދާރާއަކުން ވަނީ ލޯނު ނަގާފަ އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައިވާ ގޮތުން، ވީއައިއޭ ތަރައްގީ ކުރުމަށް ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރޭގައި ޗައިނާގެ އެގްޒިމް ބޭންކާއި އަބޫ ދާބީ ފަންޑު އަދި ކުވެއިތު ފަންޑާއި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް (އޮފިޑު) ގެ އިތުރުން ސައޫދީ ފަންޑު ހިމެނެ އެވެ.

އަބޫ ދާބީ ފަންޑުން ނެގި 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 614 މިލިއަން ދިވެހި ރުފިޔާ) އާއި އޮފިޑުން ދެ ފަހަރެއްގެ މަތިން ނެގި، 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 768 މިލިއަން ދިވެހި ރުފިޔާ) ގެ އިތުރުން، ޓާމިނަލްގެ މަސައްކަތަށް ސައުދީ ފަންޑުން ނެގި، 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ދިވެހި ރުފިޔާ) އާއި އޮފިޑުން ނެގި، 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ޔޫއޭއީއަށް ކުރެއްވި ދަތުރު ފުޅުގައި ވެސް ވަނީ ލޯނު އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

އެއާޕޯޓަށް ނެގި ލޯނުތައް

* އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރު
* އޮފިޑުން ދެ ފަހަރެއްގެ މަތިން، 100 މިލިއަން ޑޮލަރު
* ސައޫދީ ފަންޑުން، 50 މިލިއަން ޑޮލަރު
* ޔޫއޭއީ އަށް ރައީސް ކުރެއްވި ދަތުރުގައި ވެސް ސޮއި ކުރެއްވި (އަދަދު ހާމަ ނުކުރޭ)

އިންޓަނޭޝަނަލް ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނެއްގެ ގޮތުގަ އެވެ. މިހާރު އެއާޕޯޓްގައި ހިދުމަތް ދެވޭ އެންމެ މަތީ އަދަދަކީ ގާތްގަނޑަކަށް ހަތަރު މިލިއަން ދަތުރުވެރިންނެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

* ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

އާ ޓާމިނަލްގެ މަސައްކަތުގެ ޓައިމް ލައިން، ހަބަރު ސުރުހީ ތަކުން ބަލައިލުމުން ފެންނަނީ މަސައްކަތް ލަސްވުން އައިސްފައިވާ ގޮތެވެ. އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނީ އޮކްޓޫބަރު 31، 2016 ވަނަ ދުވަހު އެވެ.

ވީއައިއޭ މާސްޓަ ޕްލޭންގެ މައުލޫމާތު ދިނުމަށް އެމްއޭސީއެލް އޮފީހުގައި ވާހަކަ ދައްކަވަމުން، އާދިލް އޭރު ވިދާޅުވެފައިވާ ގޮތުގައި އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ ޑިޒައިން މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އަދި ބައެއް ދިރާސާތައް ފަށާފައިވެ އެވެ.

އެކަމަކު އަދިވެސް އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މައި އިމާރާތުގެ މަސައްކަތެއް ނުފެނެ އެވެ. އެހެންވެ މިހާރު ގާތްގަނޑަކަށް ޔަގީން ވަނީ ވީއައިއޭ މަޝްރޫއުގެ އެންމެ ބޮޑު ބައި ކަމަށްވާ އާ ޓާމިނަލް މި އަހަރު ނުނިމޭނެ ކަމެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މި އަހަރު ނިމޭނެ ކަމަށް ބުނި ނަމަވެސް، "ފިނިކަހަ ދުވެލީ" ގައި އެކަން އަވަހެއް ނުވާނެ އެވެ.