އެމްއޭސީއެލް

މާލެ-ފުނަދޫ-ހުޅުލެ ގުޅާލުމަށް މޮނޮރެއިލް އަޅަން ހަވާލުކޮށްފި

މާލެ-ފުނަދޫ-ހުޅުލެ ގުޅާލުމަށް މޮނޮރެއިލް އެޅުމަށް އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. ބީޔޫސީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއި އެވެ.

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ) އިންނެވެ.

ކ. ފުނަދޫގައި ހަދަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނާއި، ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރުމުގެ ޕްލޭނާއި އަދި މާލެ-ފުނަދޫ-ހުޅުލެ ގުޅާލުމަށް އަޅަން ނިންމާފައިވާ މޮނޮރެއިލް މަޝްރޫއު މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އިއުލާން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުންނަމަ ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެއް ތަރައްގީކުރުމަށްފަހު މާލެ އާއި ހުޅުލެ މޮނަރެއިލް އަކުން ގުޅާލާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު މިހާރު ނިމުމަކާ ގާތްވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ވަނީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުވެސް އިފްތިތާހްކޮށްދެއްވާފަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް މިސަރުކާރުން އެކުލަވާލަން ނިންމާފައިވާ މާސްޓާ ޕްލޭންގެ ދަށުންނެވެ.

ވީއައިއޭގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ނިމުމުން އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތްދެވޭއިރު ގަޑިއަކު 4،000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. މި މަޝްރޫއުގެ ތެރެއިން ޑޮމެސްޓިކް ޓާމިނަލް 35،000 35000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑުކޮށް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ގަޑިއަކު ހިދުމަތް ދެވޭ 300 މީހުންގެ އަދަދު 2،000 މީހުންނަށް އިތުރުކުރެވިގެންދާނެ އެވެ. ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް އަށް ގޭޓް ޑޮމެސްޓިކް އެއާޕޯޓުގައި ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.