ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރާނީ ސީޕްލޭން ދުއްވާ ތަނަށް: ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް އެކުލަވާލާފައިވާ މާސްޓާޕްލޭންގެ ދަށުން ސީޕްލޭން މިހާރު ހިންގާ ތަން މުސްތަގުބަލްގައި ބޭނުންކުރާނީ ޑޮމެސްޓިކް ޓާމިނަލަކަށް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ މާސްޓާޕްލޭނަކީ 20 އަހަރަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. ސަރުކާރުން މިދިޔަ ޖެނުއަރީ މަހު މި ޕްލޭން އިފްތިތާހްކޮށް ޕްލޭންގައިވާ ބައެއް ބައިތައް އާންމުކޮށްފައިވެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލާއި އެތަނުން ދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރުމަކީ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ ސަރުކާރުން މިހާރު ނިންމާފައިވަނީ ސީޕްލޭން ޓާމިނަލް ހުރި ތަނުގައި ޑޮމެސްޓިކެޓް ޓާމިނަލް އެޅުމަށް ކަމަށް ވިދާޅުވި އެވެ. އަދި ސީޕްލޭން ޓާމިނަލް ބަދަލުކުރާނީ ހުޅުމާލެ އާއި ޖެހިގެން އޮތް ފުލްމޫން ރިސޯޓަށް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ހިންގާ [ސީޕްލޭން] ޓަމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް. އެތަނުގެ މޫދު ހިއްކާފައި، އެތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ޑޮމެސްޓިކް ޓާމިނަލް ތަރައްގީކޮށް ނިމުމުން އެ ތަނުން ގަޑިއަކު 2،000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ސަރުކާރުގެ ޕްލޭންގައިވާ ގޮތުން ވީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެ ލަނޑުދަނޑި ހާސިލްކުރެވޭނީ ގަޑިއަކު 4،000 ޕަސަންޖަރުންނަށް ހިދުމަތް ދެވިގެން ކަމަށްވެސް ސަރުކާރުން ދެކެ އެވެ.

ވީއައިއޭގެ ތަރައްގީގެ 20 އަހަރުގެ މަޝްރޫއު ނިމުމުން ވީއައިއޭގައި އެއްފަހަރާ 73 އެއާކްރާފްޓަށް ޕާކް ކުރެވޭނެ އެވެ. މިވަގުތު ޕާކް ކުރެވެނީ 34 އެއާކްރާފްޓަށެވެ.