ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

"ދޮވެމި" އިން ގުޅަބަޖިޔާ ނުވިއްކޭނެ: ނިހާދު

Jan 4, 2021
15

ވިޔަފާރިތައް ހުޅުވުމާއެކު ސަރުކާރު ކުންފުނިތަކުން ކުދި ވިޔަފާރިތައް ހިންގުން ހުއްޓުވައި ކުދި-މެދުފަންތީގެ ވިޔަފާރިތަކަށް ޖާގަ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، ކަން ހިނގައިދާ ގޮތަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާދު ވިދާޅުވީ ވިޔަފާރިތައް 24 ގަޑި އިރަށް ހުޅުވައިލަން ޖެހޭ ކަމަށެވެ، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ކުދި ވިޔަފާރިތައް ހުއްޓުވަން ވެސް ޖެހޭ ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ތެދުވާނެ ޖާގަ ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ،

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލަށް ވެސް ނިހާދުގެ ފާޑު ވިދާޅުވުން އަމާޒު ކުރެއްވި އެވެ. ވިދާޅުވީ އެ ކުންފުނި ޗޮކްލެޓާއި ކޮސްމެޓިކާއި އަވިއައިނާއި އެނޫން ވެސް އެފަދަ ބާއްވަތްތައް ބަލްކްކޮށް ޑިއުޓީ ފްރީގެ ނަމުގައި ގެނެެސް އާންމު ރައްޔިތުންނަށް ވިއްކާ ވިޔަފާރި ކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއަށް އަމާޒު ކުރައްވާ ނިހާދު ވިދާޅުވީ މި ވާކަތައް މިހެން ދައްކައިގެން ވިޔަސް މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށާއި މިހާރު ހިނގައިދާ ގޮތަށް ކަންކަން ނުކުރިޔަސް އެެކޮނޮމިކް މިނިސްޓްރީއަށް ގާނޫނުގެ ދަށުން ރެގިއުލޭޓް ކުރެވޭނެ ކަމަށެވެ.

ނިހާދު ވިދާޅުވީ އެއާޕޯޓްގެ "ދޮވެމި" ފިހާރަ އަކީ ޑިއުޓީ ފްރީގެ ދަށުން ލައިސަންސް ދީފައި ހުންނަތަނެއް ކަމަށާއި އެ ތަނުން ދިވެހިންނަށް ގުޅަބަޖިޔާ ނުވިއްކޭނެ ކަމަށެވެ. ކުދި ވިޔަފާރިތައް ސަލާމަތް ކުރުން ލާޒިމް ވާނެ ކަމަަށެވެ.

"ދޮވެމި" އަކީ ވެލާނާ ވީއައިއޭގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ ޑިއުޓީ ފްރީ ފިހާރައެކެވެ.

އަލުން މި މައްސަލަ ނަންގަވައި ނިހާދު ފާޑުވިދާޅުވި އިރު ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރަތައް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ނުވަދެ، ވިޔަފާރީގެ އުސޫލުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އެމްއޭސީއެލް އަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ޖުލައި 28، 2020 ގައި އަންގާފައި ވެއެވެ. އެ އެންގުން އެންގީ "ދޮވެމި" ޑިއުޓީ ފްރީ ފިހާރައިން އާންމުކޮށް މުދާ ވިއްކައި ޑެލިވަރީ ކުރަން އުޅޭ ކަމުގެ ޝަކުވާ ފެންމަތިވެގެނެވެ.