ހަބަރު

އިމިގްރޭޝަން ގާނޫނަށް ގެންނަ ބަދަލުތަކުން ވިސާ ދިނުން އަވަސްވާނެ: މިނިސްޓަރު

އިމިގްރޭޝަން ގާނޫނަށް ގެންނަ ބަދަލު ތަކުންގެ ސަބަބުން، ވިސާ ދިނުން ވެސް އަވަސް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން 2020 އިން 2024 އަށް އެކުލަވާލި ސްޓްރެޓެޖިކް ޕްލޭން (އެސްއޭޕީ) ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު އިމިގްރޭޝަން ގާނޫނަށް ގެނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ވިސާ ދިނުން އަވަސްވެ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅާފައިވާނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުކޮށް، ލުއި ފަސޭހަކޮށް ހިދުމަތް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

"މިހާރު ގެނެވުނު ބަދަލުތަކުގެ ތެރެއިން ވެސް ބުނާ ކަހަލަ އަންނާށޭ. ކުރިން ވެއްޖިއްޔާ ވަރަށް އަރުކަށި އުސޫލަކުން އޮންނަނީ. ބޯޑަރު ކޮންޓްރޯލް ކުރަން ޖެހޭ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ. އެކަމަކު ބެލެންސްކޮށް ބެލެހެއްޓޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު، (ހަނަފީ) ވިދާޅުވި ގޮތުގައި މުޅި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ބަދަލު ކުރަމުންދާ ކަމަށާ، އަދި މިހާރު ގެންގުޅެނީ ހޯލް އޮފް ގަވަރުމަންޓް އެޕްރޯޗެއް ކަމަށެވެ. މީގެ ނަތީޖާ ފެންނަމުންދާ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.