ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްސީއެލް) އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ދައުލަތެއް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި މިއީ އެންމެނަށް ވެސް އެންމެ އިންސާފުވެރި ނިންމުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލްގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ މުއާމަލާތް ކުރަމުން ދިޔައީ 15 އަހަރު ދުވަހުގެ މުއްދަތަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުމަށް ޓީއެމްއޭއާ ހަވާލު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
އެކަމަކު މި ސަރުކާރުން ނިިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެހެންކަމުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ. އެއީ އަކަފޫޓެއް 10.5 ޑޮލަރަށެވެ.
އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމްއޭއިން ބުނާ ގޮތުގައި، އެމްއޭސީއެލް އިން އެ ގޮތަށް ކޮމިޓްމަންޓްވެ އެ ކުންފުންޏަށް ސިޓީތަކެއް ވަނީ ފޮނުވައިފަ އެވެ.
ސަރުކާރުން މިހާރު ނިންމާފައިވާ މީގެ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަށް އޮތް ވަރުގެ ޖާގައެއް އާ ޓާމިނަލުން ވެސް ދޫކުރުމަށެވެ. އެއީ 6،300 އަކަފޫޓުގެ ޖާގަ އެކެވެ. އެ ގޮތަށް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އަކަފޫޓެއް 10.5 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ހިންގާ ގޮތަށެވެ.
އަމީރު ވިދާޅުވީ، ސަރުކާރުން މިހާރު ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަން ނިންމާފައިވާ ގޮތަށް ބަލާއިރު އަދި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް 33.7 މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ލިބޭނެ ކަމަށެވެ. އަދި ދެ އަހަރު ފަހުން އަހަރަކު 47.3 މިލިއަން ޑޮލަރު ލިބެމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، އޮޑިޓާ ޖެނެރަލް ލަފާ ކޮށްފައިވާ އަދަދަށް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގުކޮށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދަށް ވެސް އާ ސީޕްލޭން ޓާމިނަލް އިން އެމްއޭސީއެލް އިން އާމްދަނީ ލިބޭނެ ކަމަށް ސަރުކާރަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، މިހާރު ސަރުކާރުން ނިންމާފައިވާ ގޮތަށް ސީޕްލޭން ޓާމިނަލް ދޫކޮށްގެން މަދުވެގެން ވެސް 25 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ އޮޑިޓާ ޖެނެރަލް އަންދާޒާ ކުރާ އަދަދަށްވުރެ ދަށް އަދަދަކަސް އެއީ ވެސް ރަނގަޅު އާމްދަނީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޑިޓާ ޖެނެރަލް އިން ލަފާ ދީފައި ވަނީ އޭސީސީން ދީފައިވާ އަދަދަށްވުރެ ކުޑަ އަދަދެއް. އެއީ ހުރިހާ ލައުންޖެއް ކުއްޔަށް ދިނީމަ ލިބޭނެ ކަމަށް ލަފާ ކުރެވޭ އަދަދެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޭސީސީއާއި އޮޑިޓާ ޖެނެރަލް ލަފާ ކުރާ ވަރަށް ވެސް ލިބޭނެ ކަމަކަށް. އެކަމަކު ވެސް އަޅުގަނޑުމެން ގަބޫލު ކުރަން ފުދޭ ވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ދެން ވިދާޅުވީ، ފަހަރެއްގައި އެހެން ހުށަހެޅުމަކުން ދައުލަތަށް ލިބޭ ފައިދާ ބޮޑު ވެދާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ހުށަހެޅުމަކުން ގައިމު ވެސް ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، ކުރިން ނިންމާފައި އޮތް ގޮތް ބަދަލުކޮށް ލިބޭނެ އާމްދަނީ އޮތީ އަހަރަކު ފަސް މިލިއަން ޑޮލަރުން 33 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ، ގެއްލުން މިނެކުރުމުގައި ހަމައެކަނި ލިބޭނެ ފައިސާގެ އާމްދަނީއަށް ވިސްނައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓީއެމްއޭއަކީ ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ އެންމެ ބޮޑު އެއް ފޮރިން އިންވެސްޓަރަށްވީއިރު، މިފަދަ މައްސަލަތަކުގައި އިންވެސްޓަރުންގެ އިތުބާރު ނުގެއްލި އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ވިސްނަން ޖެހޭ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ އެ ކަމަށް އެންމެ ރަނގަޅު ނިންމުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް އަމީރު ވެސް ވިދާޅުވި އެވެ.