ސީޕްލޭން ޓާމިނަލްގެ މައްސަލަ

ސަރުކާރަށް އެމްއޭސީއެލްގެ ބޯޑަށް އިތުބާރު އެބަ އޮތް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމްއޭސީއެލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް އެ ކުންފުނީގެ ބޯޑުން ކުރިއަށް ގެންދާނީ ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ކަމަށާއި އެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެމްއޭސީލްގައި ސަރުކާރުގެ ހިއްސާ އޮތްއިރު އެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ އަދި ސަރުކާރުން ކަނޑައަޅާފައިވާ މެންބަރުން އެބަ ތިބި ކަމަށެވެ.

އެހެންކަމުން، އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެ ކުންފުނީގެ ބޯޑުން ކުރިއަށް ގެންދާނީ ސަރުކާރުން އެ މައްސަލާގައި މިހާރު ނިންމާފައިވާ ފަހުގެ ހުށަހެޅުމާ އެއް ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ވިދާޅުވީ އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އަމީރު ވަނީ އެމްއޭސީއެލްގެ ބޯޑު މެންބަރުން އެ ގޮތަށް ކުރިއަށް ނުގެންދާނަމަ އެ ބޯޑު ބަދަލު ކުރުމުގެ ބާރު ސަރުކާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

"މާލިއްޔަތު ކޮމިޓީގައި އަޅުގަނޑު ފާހަގަ ކުރީ އެމްއޭސީއެލްގައި ސަރުކާރުގެ ހިއްސާ އޮތުމުން އެ ކުންފުނީގެ ބޯޑު ބަދަލު ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް. ސަރުކާރުން ބޭނުންވާ ގޮތަށް އެ ބޯޑުން ކުރިއަށް ނުދާނަމައޭ. އަޅުގަނޑު ހަމަ ޔަގީންކަން ދެން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެމްއޭސީއެލް އިން ކުރިއަށް ދާނެ ކަމަށް." އަމީރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ސަރުކާރުގެ ނިންމުމާ އެއް ގޮތަށް އެމްއޭސީއެލްގެ ބޯޑުން ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށެވެ. ދެން އޭނާ ވަނީ މި މައްސަލައާ ގުޅުވައި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ ކުރީގެ ސަރުކާރުގައި ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް ވެސް މިނިވަންކަމެއް ނޯންނަ ކަމަށާއި ކަންކަން ކުރަން ޖެހިފައި އޮތީ ސަރުކާރުގެ އިސްވެރިން އަންގާ ގޮތަކަށް ކަމަށެވެ. އެހެންކަމުން ދައުލަތަށް ގެއްލުން ވާ ގޮތަށް ސީޕްލޭން ޓާމިނަލް ދޭން އުޅުނީ އެމްއޭސީއެލްގެ ބޯޑުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ކަން ކުރަން އުޅުނީ ސަރުކާރުގެ އިސް ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއޭސީއެލްގެ ބޯޑަށް އިތުބާރު އެބަ އޮތް. އަޅުގަނޑުމެން ދެކެނީ ސަރުކާރުން ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް އެމްއޭސީއެލްގެ ބޯޑުން ކުރާނެ ކަމަކަށް ނުދެކެން. އޭރުވެސް އެމްއޭސީއެލްގެ ބޯޑުން އެ ކަމެއް ކުރި ކަމަކަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުމާ އެއް ގޮތަށް އެމްއޭސީއެލްގެ ބޯޑު ކުރިއަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ބޯޑުގެ މެންބަރަކު އިތުރުފުޅު ހެއްދެވި ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

މުޅި ސީޕްލޭން ޓާމިނަލް ވަކި އޮޕަރޭޓަރަކަށް ދޭން އުޅޭ ކަމަށް އަޑު ފެތުރިފައިވަނިކޮށް މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ވެއްދީ އެ ކޮމިޓީގައި އިންނަވާ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ. އޭނާގެ މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ މައްސަލާގައި ރަނގަޅު ނިންމުމަކާ ހަމައަށް އައީ ވެސް މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބެލުމުން ކަމަށެވެ.

އަދި އެ މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތަށް ތާއީދު ކުރެވުނަސް އެމްއޭސީއެލްގައި މިހާރު އެ އޮތް ބޯޑާ މެދުގައި ވެސް އޭނާއަށް އިތުބާރު ކުރެވެން ނެތުމުން ކަމަށެވެ. އެއީ އެމްއޭސީއެލްގެ ބޯޑުގެ މެންބަރަކު ކޮމިޓީގައި އިތުރުފުޅު ހައްދަވާފައިވާތީ ކަމަށެވެ.

އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު އިތުރަށް ސުވާލު ކުރުމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮމިޓީގައި އިތުރުފުޅު ހައްދަވާފައިވާނަމަ އެ ގޮތަށް އަމަލު ކުރެއްވި މެންބަރެއްގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންވިޔަސް އެމްއޭސީއެލްގެ ބޯޑުން ކުރިއަށް ދާނީ ސަރުކާރުގެ ނިންމުމާ އެއް ގޮތަށް ކަމަށެވެ.