ހަބަރު

ސަރުކާރު ބަދަލުނުވިނަމަ ޓާމިނަލް ވަކި ބަޔަކަށް ދިނީސް: އަމީރު

Feb 17, 2020
6

ސަރުކާރު ބަދަލުނުވިނަމަ، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް މިހާރު އޮންނާނީ ވަކި ބަޔަކަށް ދީ ނިންމާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭއަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާ ކަމަށް ވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ މައްސަލާގައި، ފިނޭންސް މިނިސްޓަރު މިރޭ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭނެކަމަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ބެއިން ކެޕިޓަލްގެ ބޭފުޅުން ބައްދަލުކުރި. އެ ބޭފުޅުން ވިދާޅުވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުއްވި އިސް ބޭފުޅުން އާ ޓާމިނަލް ދޭނެ ކަމުގެ ކޮމިޓްމަންޓް ދެއްވި ކަމަށް،" އަމީރު ވިދާޅުވި އެވެ.

އަމީރު މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ސީޕްލޭން ޓާމިނަލް ކުއްޔަށްދޭން ނިންމާފައިވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަކަށް ނޫން ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާތީ ޖިނާއީ ތަހުގީގެއް ކުރެވޭނެ ޖާގަ އޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް، ޓީއެމްއޭއަށް ކޮމިޓްމަންޓްދީ، އެމްއޭސީއެލުން ފޮނުވި ސިޓީތައް ފިޔަވައި، އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާކަން އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ޓީއެމްއޭއަށް މިހާރު ދޭން ނިންމާފައިވާ ޖާގައަކީ އެންމެ އިންސާފުވެރި އަދި އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ލިބިގެންދާގޮތަށް އޮތް ނިންމުމެއް ކަމަށެވެ.

މިރޭގެ ބައްދަލުވުމުގެ ތެރެއިން، ޓީއެމްއޭއަށް ކުއްޔަށް ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކުގެ މައުލޫމާތު ކުރިން އެނގިފައިވާ ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ބޯޑުން ދޮގު ހަދާފައިވާ ކަމުގެ ތުހުމަތުވެސް ކުރެވުނެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލެއްގެ ތެރެއިން ވިދާޅުވީ، ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތައް ބޯޑަށް ނޭނގޭކަމަށް މިއަދު ކޮމިޓީ ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އެ ސިޓީގައި ހިމެނޭ ކަންކަމުގެ މަޝްވަރާތައް ބޯޑުގައި ކުރެވެނުކަން، ޔައުމިއްޔާތަކުން ސާފުވާ ކަމަށެވެ.

"އެމްއޭސީއެލްގެ ބޯޑު މެންބަރުން 28 ޑިސެމްބަރު 2017 ގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގައި އެބަ އޮތް އެ ވާހަކަތައް،" އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭ ވާހަކަ އެންމެ ފުރަތަމަ ދައްކަވަން ފެއްޓެވި ޔައުގޫބު ވިދާޅުވި އެވެ.

އެމްއޭސީއެލުން ޓީއެމްއޭއަށް ގިނަ ސިޓީތަކެއް ފޮނުވާފައިވާއިރު، ޔައުގޫބު ހަވާލާދެއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކޮން ސިޓީއެއް ނޫނީ ކޮން ކަމަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.