ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްތަކަށް ކުއްޔަށް ދީފައިވަނިކޮށް އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ޖީއެމްއާރް މައްސަލާގައި މިނިސްޓަރު އަމީރު ވާހަކަދެއްކެވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނީ 78 މިލިއަން ޑޮލަރު، ނަޝީދުގެ ސަރުކާރުން ބޭނުންވުމުން އެ ފައިސާ ހޯދުމަށް ކަމަށް އެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މަރިޔަމް ޒުލްފާ ވިދާޅުވުމާ ގުޅިގެންނެވެ.
ޓްވިޓާގައި ރޭގެ ވަގުތެއްގައި މިނިސްޓަރު އަމީރު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމާ ގުޅިގެން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދިވެހި ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.
"މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވި އެވެ.
މިނިސްޓާރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް އެހާތަނަށް ނިންމާނެ ކަމަށެވެ. ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު އަދިވެސް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ. އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރަށް ފާޑު ވިދާޅުވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ހުރަހަކީ މިނިސްޓަރު އަމީރު ކޮށިވިސްނުން ގެންގުޅުއްވުން ކަމަށްވެސް ވިދާޅުވި އެވެ. ޖީއެމްއާރް ބޭރުކުރެވުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ވާހަކަ މަދުކުރައްވާ، އެއާޕޯޓުގައި ނިމިފައިވާ ތަންތަން އޮޕަރޭޝަނަށް ގެނެސްދެއްވާ،" ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޖީއެމްއާރް އަތުން ދިވެހިންގެ މައި ދޮރޯށި އަތުލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ. އެކަން ކޮށްދެއްވީތީ ރައީސް ޔާމިނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދިވެހިން ތާއަބަދު ކުރާނެ ކަމަށާއި ޖީއެމްއާރަށް އެއާޕޯޓް ނުއަގުގައި ވިއްކާލީ އެމްޑީޕީގެ ތަންދޮރު ނުދަންނަ ވެރިކަމުން ކަމުގައި ވެސް ވިދާޅުވި އެވެ.
"އެއީ ދިވެހިން އަޅުވެތި ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު. ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ދިވެހިންނަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިން އަނިޔާއެއް. ކާބަފައިން އަހަރެމެންނާ ހަމައަށް ވާސިލްކޮށްދެއްވި ހަރުމުދާތައް ވިއްކުމުގެ ފެށުން. ލަދުވެތި، ގައްދާރު އަމަލެއް. ދެންހުރި މުދާތައް ތިޔަ ވިއްކަވަނީ މަނިކުފާނު. މިހާރު ސްކޫލުތައް ތިޔަ ރަހުނު ކުރަނީ! ހުންނަ ލަދުކުޑަކަން ނިކަން ދެކިބަލަ. ރައީސް ޔާމީން ތިޔަ އެއާޕޯޓް ސަލާމަތް ނުކުރެއްވި ނަމަ ދިވެހިން މިހާރު ތިބޭނީ އަޅުދާސްކަންމަތީގައި. ލަދުކޮބާ" އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވެފައިވެ އެވެ.
ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އިގްތިސޯދާ އެއްވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގުޅިފައިވަނީ ރާއްޖޭގެ މިނިވަންކަމާ ކަމަށެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ބޮޑުތަނުން ދައުލަތް ދަރުވައި ފައިސާކޮޅެއް ހޯދުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏަކަށް ދިވެހިންގެ މައި ދޮރޯށި ދިނުމުގެ ނުބައި ވިސްނުމެއް ކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވި އެވެ.
"ރައީސް ސޯލިހް ކޮން އަޖުމައެއް ބައްލަވަންތޯ މިނިސްޓަރު އަމީރު ލައްވާ ޓްވީޓް ކުރައްވަނީ،" ޝިޔާމް ވިދާޅުވެފައިވެ އެވެ.
އެމްއެންޕީގެ އެއް މުއައްސިސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ މިފަހުގެ ތާރީހެއްގަައި ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ. އެއީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށް ފައިދާ ހުރި ނިންމުމެއް ކަމަށްވެސް ސިފަކުރެއްވި އެވެ.
އުޝާމު ވިދާޅުވީ ޖީއެމްއާރުން ބޭނުންވި ގޮތަށް އެއާޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތު ދިންނަމަ، އެއާޕޯޓްގައި ދެވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮށް ބަންދުވީސް ކަމަށާއި އިތުރު ރަންވޭ އަކާ ނުލައި ޑިމާންޑާ އެއްވަރަށް އެއާޕޯޓަށް އިތުރު އެއާލައިންތައް ގެނައުމުގެ ފުރުސަތު ވެސް ބަންދުވީސް ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލިއިރު އެމްއޭސީއެލް އޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށެވެ. އެކަމަކު 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އަކީ އަހަރަކު 4.5 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ އަދި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދަމުން ދިޔަ ކުންފުނި ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
"އެއާޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސް ކުރާ ޕްރޮޖެކްޓެއް ކަމަށް ބުނުމަކީ ހަގީގަތާހިލާފް ވާހަކައެއް. މިޕްރޮޖެކްޓްގެ ލޯނުތަކަކީ އެމްއޭސީއެލް އިން ނަގާފައިވާ އެ ކުންފުނިން ފައިސާ ދައްކާ ލޯނުތަކެއް. އެކުންފުންޏަށް އެވަރުގެ ލޯނުތަކެއް ލިބުނީ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރީމަ،" އަމީރަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެން ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.
ޖީއެމްއާރްގެ އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ދިވެހި ސަރުކާރުން އިސްވެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ހުރިހާ ފައިސާ އެއް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމި، 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ޔާމީންގެ ސަރުކާރުން ދެއްކީ އެއް ފަހަރާ އެވެ. އެގޮތަށް އަމަލުކުރީ ޖީއެމްއާރުން ނަގާފައި އޮތް ލޯނަކަށް އިންޓަރެސްޓްތަކެއް އަރަމުންދާތީ އެކަމުން ދައުލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ނޮވެމްބަރު 15، 2016 ގައެވެ.
ބަދަލުގެ ގޮތުގައި ދެއްކި 271 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އެކްސިސް ބޭންކުން ނެގި ލޯނަށް ދެއްކި 185 މިލިއަން ޑޮލަރާއި، ޖީއެމްއާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ހަރަދާއި، ޓާމިނޭޝަން ކޯސްޓާއި، އާބިޓްރޭޝަން ހަރަދު ހިމެނޭ ގޮތުން ދެއްކި 86 މިލިއަން ޑޮލަރެވެ.