ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްތަކަށް ކުއްޔަށް ދިނީ ރާއްޖޭގެ އިގްތިސޯދު ދެގުނަ ކުރަން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކުގެ އެހީގައި ޓެންޑާކޮށް ކާމިޔާބު ހޯދީ ޖީއެމްއާރުން ކަމަށެވެ. އިންޑިއާގެ އެ ކުންފުންޏާއި އެއާޕޯޓް ހަވާލު ކުރީ ރާއްޖޭގެ އިގްތިސޯދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.
"އޭރުވެސް، މިހާރުވެސް މާހިރުން ބުނަމުން ދިޔައީ ބޭނުން ވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާ ކުރުމަށް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖީއެމްއާރް މައްސަލަ މިހާރު ފެންމަތިވެފައި ވަނީ ވީއައިއޭ އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނީ 78 މިލިއަން ޑޮލަރު، ނަޝީދުގެ ސަރުކާރުން ބޭނުންފުޅު ވުމުން އެ ފައިސާ ހޯދަން ކަމަށް ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ޑރ. މަރިޔަމް ޒުލްފާ ވިދާޅުވުމާއި ގުޅިގެނެވެ.
ފިނޭންސް މިނިސްޓަރު އަމީރު އާންމު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމާ ގުޅިގެން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ދިވެހި ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ. އަދި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީރުގެ ބަޔާނަށް ތާއީދު ކުރައްވާ ނަޝީދު ރޭ ވިދާޅުވީ " އާދެ މިނިސްޓަރު އަމީރު، ވަރަށް ބޮޑު ތެދުފުޅެއް." ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެން ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.