ހަބަރު

މަޖީދިރަންގައި ބައިވެރިވުމުގެ ދައުވަތު ކުރީގެ ރައީސުންނަށް

May 9, 2022

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ "މަޖީދިރަން"ގައި ބައިވެރިވުމަށް ރާއްޖޭގެ ކުރީގެ ރައީސުންނަށް ދައުވަތު ފޮނުވަން ފަށައިފި އެވެ.

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުހައްމަދު އަމީން ފިޔަވާ ކޮންމެ ބޭފުޅަކީ ވެސް މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވި ބޭފުޅުންނެވެ.

މަޖީދިއްޔާ ސްކޫލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ރައީސުންގެ ތެރެއިން ބައެއް ރައީސުންނަށް ރަންގެ ދައުވަތު ފޮނުވާފައިވާ ކަމަށާއި އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ބައެއް ރައީސުން ދެއްވާފައިވާ ކަމަށެވެ.

މަޖީދިރަން މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ އެ ސްކޫލުގެ ކިޔެވުން އެންމެ ފުރަތަމަ ފެށިގެން އައި ދާރުލްއުލޫމު އިމާރާތުގެ ތެރެއިންނެވެ.

އޭގެފަހުން ރަންގެ ބައިވެރިން މާލޭގެ ކުޅިވަރު އެކުވެނި ސަރަހައްދު ކަމުގައިވާ ދުވާ ޓްރެކަށް ދިއުމަށްފަހު ދުވުމުގެ ބާކީ ބައި ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ޓްރެކްގަ އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާ ގުޅިގެން ރަން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 95 ގަޑިއިރަށެވެ.

ރަންގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލާފައިވީ ނަމަވެސް ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރަން ޖެހެ އެވެ.

މަޖީދިރަން ނިންމާލުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ އިސް ދަރިވަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ދުވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.