އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސުކޫލަށް އޮތީ ބޭއިންސާފުގެ އިންތިހާ!

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) އެވެ. ފެބްރުއަރީ 8، 1987 ގައި އަރަބިއްޔާ ސުކޫލު ހުޅުވިގެން ދިޔައީ ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ މައްޗަށް ތައުލީމާއި ތަރުބިއްޔަތު ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް އޭރުގެ ސަރުކާރަށް ގަބޫލު ކުރެވޭތީއެވެ. 90 ދަރިވަރުންނާއެކު ފެށުނު އަރަބިއްޔާ ސުކޫލަށް 34 އަހަރުވީއިރު މިއަދު އެ ސުކޫލުގައި 800 ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މިދިޔަ މުއްދަތުގައި ގުރޭޑް އެކަކުން ބާރަށް ބަރާބަރަށް ކިޔަވައި ދެމުން އައި ނަމަވެސް ރައީސް މައުމޫންގެ ވެރިކަމަށް ފަހު މި ހޭދަވި 13 އަހަރުގެ ތެރޭގައި އަރަބިއްޔާއަށް މުޅީންހެން ކުރިމަތިވެފައިވަނީ ގޮންޖެހުމާއި ބޭއިންސާފެވެ.

މަޖީދީމަގުގައި ޓާޓާ ފްލެޓްތައް ހުރި ސަރަހައްދަކީ އަރަބިއްޔާ ސުކޫލުގެ ފެށުމެވެ. އެތަނުގައި އެ ސުކޫލު ހިންގަމުން ދަނިކޮށް އެތަނުން ނިކުންނަން ޖެހުނީ އިމާރާތް ބާވެ ބޮލަށްވެއްޓެން ކައިރިވުމުންނެވެ. މައުމޫންގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން ސުކޫލުގެ ހާލަތު ދިޔައީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހަމައަށް ހިއްސާކުރަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެ ޝަކުވާ އާއި ކަންބޮޑުވުން ސަރުކާރުގެ ސަމާލު ކަމަށް ގެނައެވެ. ނަމަވެސް އެކަމަށް ސަމާލު ކަމެއް ނުދީ ވަނިކޮށް އެއް ރެއެއްގައި އަރަބިއްޔާގެ އިމާރާތުން ބޮޑު ކޮންކްރީޓްގަނޑެއް ކަނޑައިގެން ނިކަގަސް މަގަށް ވެއްޓުނެވެ.

އަރަބިއްޔާގެ ދަރިވަރުން އެ އިމާރާތުން ނެރެން މަޖުބޫރުވީ އެ ހާދިސާގެ ފަހުންނެވެ. އޭގެ ފަހަށް އެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ފެށުނީ މާލޭ އިންގްލިސް ޝުކޫލް (އެމްއީއެސް) ހިންގި އިމާރާތުގައެވެ. ނަމަވެސް އޭރު މާލޭގައި އެންމެ ނަން ވިދާލި އެމްއީއެސްގެ ތާރީހު ލިޔެ ނިމި އެ ސުކޫލު ބަންދުވެއްޖެ އެވެ. އޭރު އެ ތަނުގައި ހިނގަމުން އައީ މަންދު ކޮލެޖެވެ. އިންޓަނޭޝަނަލް ސުކޫލެއް ހިންގަން އެ ކޮލެޖަށް އިމާރާތް ހަވާލުކުރި ނަމަވެސް ވަރަށް އާދައިގެ ގޮތަކަށް އަހަރު ދުވަހަށް ނޫނީ ސުކޫލެއް އެ ތަނުގައި ނުހިންގައެވެ.

އަރަބިއްޔާގެ ދަރިވަރުންނަށް އެ ފަހަރު ޖެހުނީ މަންދު ކޮލެޖްގައި ކިޔަވާ ދަރިވަރުންނާއެކު އެ އިމާރާތް ޝެއާ ކޮށްގެން ބޭނުން ކުރާށެވެ. ދެ މެނޭޖްމަންޓް އެއް އިމާރާތެއްގައި މަސައްކަތް ކުރާށެވެ. އެކަމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި ކުރިމަތިވި އެތައް އެތައް މައްސަލަތަކެއް އިއްޔެވީ ކަމެއް ފަދައިން އަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސުކޫލުގެ ޓީޗަރުން ހަނދާން ހުންނާނެ އެވެ.

އަރަބިއްޔާގެ ދަރިވަރުންނަށް އޭރު އޮތްހާވެސް ފުރުސަތަކީ މަޑުމަޑުން ހިނގާލާފައި ގޮސް ކުލާހަށް ވަދެ ތިބެ ކިޔެވުމުގެ ފުރުސަތެވެ. ސުކޫލު ހޯލާއި ގްރަންޑް ބޭނުން ކުރުން މަނަލެވެ. ކެންޓީނުގެ ހިދުމަތް ފަދަ ދަރިވަރުންނަށް މުހިންމު ހިދުމަތްތައް ދެވޭނެ ގޮތެއް ނެތެވެ. ލައިބްރަރީގެ ހިދުމަތާއި ކޮމްޕިއުޓަރު ލެބްގެ ހިދުމަތް ދެވޭނެ ޖާގައެއް ނުލިބެއެވެ.

މުޅި ރާއްޖޭގައިވެސް އެންމެ ހަރަކާތްތެރި ސުކައުޓް ގްރޫޕެއް އޮތް އެ ސުކޫލުގެ ސްކައުޓުން އަދި އެހެން ހަރަކާތްތަކުގެ ދަަރިވަރުންވެސް ހޯލްގައި އެއްވެސް ކަމެއް ކުރަން ބޭނުން ނަމަ ދެ ހަފްތާ ކުރީން ބައެއް ފަހަރު މަސް ދުވަސް ކުރީން މަންދުގެ ހުއްދަ ހޯދަން ޖެހެއެވެ. ހޯލް ލިބެނީ ކަމެއް ނެތް ނަމައެވެ. އޭގެ ފަހުން ހޯލް ދޫކުރެވޭނީ ކަނޑައެޅިފައިވާ އަގެއް ދެއްކުމުން ކަމަށްވެސް އަރަބިއްޔާގެ މެނޭޖްމަންޓަށް އެ ކޮލެޖުން އެންގިއެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި އަރަބިއްޔާ ސުކޫލަށް އައު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށިއެވެ. އޭގެ ކުރީން އަރަބިއްޔާގެ އައު އިމާރާތް އަޅަން ދޭނެ ބިމަކާމެދުވެސް އެހާ ބޮޑު ބަހުސެއް ހިނގިއެވެ. ރައީސް ނަޝީދުގެ ސަރުކާރުން ބޭނުންވީ އަރަބިއްޔާ ހިންގި ބިން ސަރުކާރަށް ނަގާ އެތަނުގައި ފްލެޓް އަޅާށެވެ. އެ ނިންމުމާއި އެއްގޮތަށް ފްލެޓް އަޅާ މިހާރު އެއީ އެތައް ބަޔަކު ދިރިއުޅޭ ތަނެކެވެ. ބިމެއް ދޭން ސަރުކާރުން ފާޅުގައި ދެކޮޅު ހެދިއެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން އަރަބިއްޔާއަކީ އިސްލާމީ ތައުލީމު ދޭ ތަނެއް ކަމަށްވާތީ އަރަބިއްޔާއަށް ބިން ލިބޭނީ އުޑުން ކަމަށްވެސް ވިދާޅުވެ ފުރައްސާރައިގެ ބަސްތައް ރައްދުކުރިއެވެ.

އެންމެ ފަހުން އަމީނިއްޔާ ސުކޫލުގެ ކުރީމަތީން އަރަބިއްޔާގެ އައު އިމާރާތް އަޅަން ބިން ދިނީ އެތައް ޖެެއްސުމަކާއި ބަހުސަކަށް ފަހު އެވެ. ވަހީދުގެ ވެރިކަމުގައި އެ އިމާރާތް އަވަހަށް ނިންމަން މަސައްކަތްތަކެއް ކުރިއެވެ. އަދި އިމާރާތުގެ މަސައްކަތް މުޅީން ނުނިމެނީސް އެތަނަށް ދަރިވަރުން ކިޔަވަން ދާން ފެށިއެވެ. އެއީ އެމްއީއެސް ހިންގި އިމާރާތުގައި ކުރާން ޖެހުނު ހިތްދަތި ތަޖުރިބާގެ ސަބަބުންނެވެ.

އަރަބިއްޔާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވީ ސެޕްޓެންބަރު 19، 2013 ގައެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގައި އަރަބިއްޔާގެ އިމާރާތް ހުޅުވުމަށް އެމަނިކުފާނު ވަޑައިގެންނެވި ފަހުން ރައީސަކު އަރަބިއްޔާ ސުކޫލަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސް ވަހީދު އެ އިމާރާތް ހުޅުވައިދެއްވުން ތާރީހުގެ ތެރެއަށް ވަންނަނީ އެ ސަބަބާއި ގުޅިގެންނެވެ.

އަރަބިއްޔާއަށް ދާއިމީ އިމާރާތެއް ލިބުމަކީ އެ ސުކޫލާމެދު ފޮނި އުންމީދެއް ކުރާ އަދި އެ ސުކޫލުގެ ވެރިންނާއި މުދައްރިސުން އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެެކެވެ. ނަމަވެސް އެ ހިތްހަމަޖެހުން އެ ގޮތުގައި އޮތީ މަދު ދުވަސްކޮޅަކުއެވެ. ވިއްސާރަވެއްޖެނަމަ ސީލިންކުން ފެން ފައިބައެވެ. އިމާރާތުގެ ފެންވަރު ދަށްވެ ބޮޑެތި ރެނދު އަޅައި އެއީ ތިބެން ނުރައްކާތެރި ތަނަކަށް ބަދަލުވެގެންދާން ނެގީ ދެތިން އަހަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެ ސުކޫލަށް ވަޑައިގެން ސުކޫލުގެ ހާލަތު ބައްލަވާލެއްވިއެވެ. އެއީ ވަރަށް ބޮޑަށް ވިއްސާރަވި ދުވަހެއްގައި ސުކޫލުގެ ބައެއް ކްލާސްރޫމްތަކަށް ވާރޭވެހި ސީލިންގް ވެއްޓުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުންނެވެ. ވަގުތީ ހައްލުތަކެއް ގެނެސް ދިނުން ފިޔަވާ މާބޮޑު ކަމެއް އެ ސަރުކާރަކަށްވެސް ކުރެވޭ ގޮތެއް ނުވިއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ދުވަހެއް ދުވަހަކަށް އިމާރާތުގެ ހާލަތު ގޯސްވެ އެންމެ ފަހުން އެތަނުގެ އެސެސްމަންޓެއް ހަދަން މަޖުބޫރު ހާލަތަށް ދިޔުމުން އެސެސްމަންޓެއް ހެދިއެވެ. އޭގެ ނަތީޖާއަކީ އެ ތަނަކީ ދަރިވަރުން ތިބެން ހެޔޮވާވަރަށް ވުރެ މާ ނުރައްކާތެރި ތަނެއް ކަމެވެ. ކޮންމެ ވަގުތެއްގައިވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމެވެ. ނަމަވެސް އެ ރިޕޯޓް އާންމުކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ ރިޕޯޓް ފޮރުވައިގެން ގެންގުޅެވޭތޯ އެވެ. ބުނަމުން އައީ އިމާރާތުގައި އަދި ދުވަސްކޮޅަކު ތިބެވިދާނެ ކަމަށެވެ. ތިބެން ހެޔޮނުވާ ވަރަށް އިމާރާތް ދެރަ ނޫން ކަމަށެވެ.

އެސެސްމަންޓް ރިޕޯޓްގައި އޮތް އެއްވެސް ސާފުކޮށްދިނީ ބަޔަކު އެ ރިޕޯޓްގެ ބައެއް އާންމުކުރުމުންނެވެ. އެހެން ވީމަ އަނެއްކާވެސް އަރަބިއްޔާގެ ދަރިވަރުން މަގުމަތި ވުމުގެ ބިރު އުފެދުނިއްޔެވެ. ބޭއިންސާފުގެ ނިމުމެއް ނެތް ދަތުރު އަރަބިއްޔާއިން އަލުން ފަށަން ޖެހުނީއެވެ.

ސަރުކާރުން ނިންމީ އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން އަނެއްކާވެސް އެމްއީއެސް ހިންގި އިމާރާތަށް ބަދަލު ކުރާށެވެ. އަރަބިއްޔާ މަގުވުމުން އެ ނޫން ހައްލެއް އޮތް ކަމަކަށް ފެނުނު ސަރުކާރެއް ނެތެވެ. މިފަހަރު އެ އިމާރާތަށްދާން ޖެހުނުއިރު ކުރީން އޮތް ހާލަތަށް ވުރެވެސް ހާލަތު އޮތީ ގޯސްކޮށެވެ. އެއީ މިހާރު އެތައް ސަތޭކަ ދަރިވަރުން ކިޔަވާ ސުކޫލެވެ. މާލޭގެ އިއްޒުއްދީން ސުކޫލެވެ.

ކުރީން ކުރަން ޖެހުނު ތަޖުރިބާގެ އަލީގައި އަރަބިއްޔާގެ މެނޭޖްމަންޓާއި ޓީޗަރުން އަދި ބެލެނިވެރިން އެޑިއުކޭޝަންގެ އެ ނިންމުމާ ފާޅުގައި ދެކޮޅު ހެދިއެވެ. އަދި ދަރިވަރުން އިއްޒުއްދީން ސުކޫލަށް ނުފޮނުވާން ނިންމިއެވެ. އިއްޒުއްދީން ސުކޫލާއި އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް އެއް އިމާރާތެއް ހިއްސާ ކުރެވޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް ބެލެނިވެރިން ނުދެކެއެވެ. އެކަން އެހެން ކޮށްފިނަމަ ދެ ސުކޫލުގެ ދަރިވަރުންނަށްވެސް އޮތީ ގެއްލުމެވެ.

ބެލެނިވެރިން އެގޮތުގައި އާދޭސް ކުރަނިކޮށް އެޑިއުކޭޝަނުން ބަޔާނެއް ނެރެ ސަރުކާރުގެ ރަސްމީ ނިންމުން ހާމަކުރިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނާ ގޮތުން އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަން ދާންވީ އިއްޒުއްދީން ސުކޫލް ހިންގާ އިމާރާތެވެ. ދެ ސުކޫލުގެ ދަރިވަރުން އެ އިމާރާތް ހިއްސާކޮށްގެން ބޭނުން ކުރާނީއެވެ. އަރަބިއްޔާއަށް އޮތް ދާއިމީ ހައްލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ސުކޫލުތަކުގެ ތެރެއިން ސުކޫލެކެވެ.

އެ ނިންމުމާ ދެކޮޅު ހަދާ އަރަބިއްޔާގެ ބެލެނިވެރިން ހުކުރު ދުވަހުގެ ހަވީރު އެ ސުކޫލުގައި ހާއްސަ ބައްދަލްވުމެއް ބޭއްވިއެވެ. އަދި ބައްދަލްވުމަށް ފަހު އެޑިއުކޭޝަންގެ ނިންމުން ބަދަލުކޮށްދޭން އެދި ހިމޭން އިހުތިޖާޖެއް ކުރިއަށް ގެންދިޔައެވެ. އަދި ދެ ފަހަރު ސިޓީ ހުށައަޅައިގެންވެސް ރައީސް ސޯލިހާ ބައްދަލްވާން އެދުނު އެދުމަށް އެންމެ ކުޑަމިނުން ޖަވާބެއްވެސް ނުދެއްވާތީ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ނާއިބު ރައީސާއެކު ހިލާލީގޭގައި އަރަބިއްޔާގެ ޕީޓީއޭގެ އިސް ބޭފުޅުން ބައްދަލުކޮށް ޝަކުވާތައް އޮއްސާލިއެވެ. އަރަބިއްޔާގެ ދަރިވަރުންނަށް އަބަދުވެސް ބޭއިންސާފުން ކަންކަން ކުރިމަތިކުރުވާތީ ޝަކުވާކުރިއެވެ. އެ ބައްދަލްވުމުގައި ނާއިބު ރައީސް ވަނީ އިތުރު ގޮތެއް ނެތުމުން އެޑިއުކޭޝަންގެ ނިންމުން މުރާޖައާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން އާދިއްތަ ދުވަހު އަރަބިއްޔާ ސުކޫލަށް އެޑިއުކޭޝަނުން އެންގުމެއް އައެވެ. ބެލެނިވެރިންގެ ބައްދަލްވުންތައް ބޭއްވުން މަނާ ކަމުގެ އެއްގުމެވެ. އެކަމުން މައްސަލަ އިތުރަށް ހޫނުވެ ހާލަތު ގޯސްވާތީ އެ ފުރުސަތު ނުދޭން މެނޭޖްމަންޓަށް އެންގިއެވެ. މިއީވެސް އަރަބިއްޔާއަށް ވީމަ ދިމާވި ގޮތެވެ. އަރަބިއްޔާއަށް އޮތް ބޭއިންސާފާ ދެކޮޅަށް ހިޔާލުފާޅުކޮށް ވާހަކަ ދެއްކުންވެސް މަނާވީއެވެ.

އަރަބިއްޔާ ސުކޫލަށް އޮތް ބޭއިންސާފުގެ މިސާލެއް އެ ސުކޫލުގެ ބެލެނިވެރިން ގެންނަނީ މި ގޮތަށެވެ. ދަރުމަވަންތަ ސުކޫލު ހިންގި އިމާރާތުގެ ހާލަތު ގޯސްވެ އެ އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަނުން ނިކުންނަން ޖެހުނެވެ. ސަރުކާރުން ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަގުތީ އިމާރާތެއް ހަދާ އެ ދަރިވަރުން ފެންވަރު ދަށް އިމާރާތުން ނެރެ ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އެ ހާލަތުގައި އެހެން އިމާރާތަކަށް ބަދަލުކޮށް ދެ ސުކޫލެއްގެ ދަރިވަރުންނަށް އެއް އިމާރާތެއް ބޭނުން ކުރާކަށް ނުޖެހުނެވެ.

ދައުލަތުން ފައިސާ ހަރަދުކޮށްގެން ފެންވަރު ރަނގަޅު އެހެނަސް ވަގުތީ އިމާރާތެއް ހެދީއެވެ. އަދި މާލެ ޖަލާ އިންވެގެން އޮތް ބޮޑު ބިން ދަރުމަވަންތަ އައު އިމާރާތް އެޅުމަށް ހާއްސަކޮށް މަސައްކަތް ފެށީއެވެ. އިމާރާތުގެ މަސައްކަތް އެހެރަ ބާރަށް ކުރިއަށް ދަނީއެވެ. މައްސަލައެއް ޝަކުވާއެއް ނެތެވެ. ހައްލު ހޯދާ ނުދެވުނު ކަމެއް ނެތެވެ. ނަމަވެސް އަރަބިއްޔާވީމަ އެހެނެއް ނުވެއެވެ. ވަރަށް ތަފާތެވެ.

މިއީ ހަމައެކަނި މި ސަރުކާރުގައި އަރަބިއްޔާއަށް ކުރިމަތި ކުރުވި ބޭއިންސާފެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައިވެސް ކަން ވަނީ އެއް ގޮތަކަށެވެ. ކުޑަ ތަފާތެއް އައިނަމަ އެކަމަކީ ބައެއް ސަރުކާރުތަކުން އަރަބިއްޔާ އިތުރަށް ނިކަމެތިކޮށްލަން މަސައްކަތް ކުރުމެވެ. އިތުރު އަނިޔާތަކާއި ތުރާ އެ ސުކޫލުގެ ދަރިވަރުންނަށް ކުރިމަތި ކުރުމެވެ. އަރަބިއްޔާއަށް އޮތީ ނިމުމެއް ނުވާ ބޭއިންސާފުގެ ދަތުރެއް ކުރާން ޖެހިފައެވެ.

މިއަދުވެސް ސުކޫލުގެ 800 ވުރެ ގިނަ ދަރިވަރުންގެ ބެލެނިވެރިން އެ ތިބީ އެ ދަރިވަރުންނަށް ދެން ވާނެ ގޮތެއް ނޭންގި ކަންބޮޑުވުމުގައެވެ. ކުރިއަށް ދެން އޮތީ ކިހާ ވަރެއްގެ ބޭއިންސާފެއްކަން ނޭންގި ބިރުވެރި ކަމެއްގެ ތެރޭގައެވެ.

ނަމަވެސް މިއީ ކަން ހިނގައިގެންވާނެ ގޮތެއް ނޫނެވެ. އަރަބިއްޔާ ސުކޫލަކީ ހުރިހާ ގޮތަކުންވެސް ރާއްޖޭގައި ފުރުސަތު އޮންނަން ޖެހޭ ސުކޫލެވެ. އެއީ ރާއްޖެ އޮތްހާ ހިނދަކު ހިނގަ ހިނގާ ހުންނަން ޖެހޭ ސުކޫލެކެވެ. އަރަބިއްޔާއަށް އޮތް ބޭއިންސާފުން އެ ސުކޫލު ސަލާމަތްކުރާން ޖެހެއެވެ.