ޖުމްހޫރީ ޕާޓީގެ ސިޔާސީ މަސައްކަތްތައް ވަރުގަދަކޮށްލާ، އިންތިހާބުތަކުގެ ކުރިން ހަރަކާތްތެރިކަން ބޮޑުވެއްޖެނަމަ އޭރަކު އޮންނަ ސަރުކާރަކުން ބޮޑެތި ލޮޓިތައްދީ އަނިޔާތައް ދެމުން ގެންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ހަޔާތުން 13 އަހަރު ފާއިތުވެގެންދާއިރު އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެންމެ ހެޔޮ ގޮތްތައް ހޯދުމަށް ކަމަށެވެ. ޖޭޕީ މިހާރު ފެންނަނީ ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ގާސިމް ވަނީ ކޮންމެ ފަހަރަކުވެސް ޖޭޕީގެ ހަރަކާތްތައް ހުއްޓެނީ ސަބަބުތަކަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ސިޔާސީ މަސައްކަތްތައް ވަރުގަދަކޮށްލާ، އިންތިހާބުތަކުގެ ކުރިން ހަރަކާތްތެރިކަން ބޮޑުވެއްޖެނަމަ އޭރަކު އޮންނަ ސަރުކާރަކުން ބޮޑެތި ލޮޓިތައްދީ އަނިޔާތައް ދެމުން ގެންދާ ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ. އަދި 2008 ފެށިގެން މިހާ ހިސާބަށް ފެންނަން އޮތީ އެ މަންޒަރު ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް އަދި ދީނަށްޓަކައި، ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތް ކުރާ ބަޔަކަށް ވާހިނދު އެ މަސައްކަތްތައް ކުރަމުންދާއިރު ވާގޮތަކީ މިހާރުއްސުރެ ފަށައިގެން ފަށައިގެންފިއްޔާ އަޅުގަނޑަށް އެބައާދޭ ވަރަށް ބޮޑެތި ލޮޓިއާ، ބޮނޑިއާއި އަނިޔާ. އެކަން ތިބޭފުޅުންނަށް އޮންނާނީ ފެނިވަޑައިގެންފައި މިވޭތިވެދިޔަ 2008 އަހަރުން ފެށިގެން މިހާ ހިސާބަށް، އަދި އޭގެ ކުރިންވެސް އަޅުގަނޑުމެންނަށް އޮތީ ލިބިފައި."
އަޅުގަނޑުމެން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް އަދި ދީނަށްޓަކައި، ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތް ކުރާ ބަޔަކަށް ވާހިނދު އެ މަސައްކަތްތައް ކުރަމުންދާއިރު ވާގޮތަކީ މިހާރުއްސުރެ ފަށައިގެން ފަށައިގެންފިއްޔާ އަޅުގަނޑަށް އެބައާދޭ ވަރަށް ބޮޑެތި ލޮޓިއާ، ބޮނޑިއާއި އަނިޔާ. އެކަން ތިބޭފުޅުންނަށް އޮންނާނީ ފެނިވަޑައިގެންފައި މިވޭތިވެދިޔަ 2008 އަހަރުން ފެށިގެން މިހާ ހިސާބަށް، އަދި އޭގެ ކުރިންވެސް އަޅުގަނޑުމެންނަށް އޮތީ ލިބިފައިގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު
ގާސިމް ވިދާޅުވީ މަދު ބަޔަކު ގަބޫލުނުކުރި ނަމަވެސް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަން ހޭބުއްދިހުރި ކޮންމެ މީހަކު ގަބޫލުކުރާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތްތަކުން ބޮޑެތި އަނިޔާތައް ލިބެމުންދާ ކަމަށާ އެ މަސައްކަތް ނުކޮށް ހުންނަވާނަމަ އާއިލާއާއި އަނބިދަރިން އަދި މުދަލަށްވެސް ފައިދާއާއި ރައްކާތެރިކަން ބޮޑުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ހޭބުއްދިހުރި މީހަކު، ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފިނަމަ ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައިކަން، ދިވެހި ރައްޔިތުންނަށްޓަކާކަން. ހަމަ އެކަނި ނަމަކުން ނޫންކަން، ކަމުންވެސް ބަހުންވެސް އަމަލުންވެސް އެކަން ސާބިތުވާކަން، ހަތަރު ފަރާތުން ފަރިވެފޮޅެނީ އެ ކަންތައްކަން. އެއީ ދައުލަތުގެ މުއައްސަސާއަކަށް ކަމަށްވިޔަސް، އެއީ ދައުލަތުގެ ރައްޔިތަކަށްވިޔަސް ކޮންމެ ދިވެހި ރައްޔިތަކަށް މިކަން ސާފުކޮށް އެނގިގެންދާނެ. އަޅުގަނޑަށް ފައިދާ ބޮޑީ، އަޅުގަނޑުގެ އަމިއްލަ ނަފްސާ އަނބިދަރިންނަށް، އަޅުގަނޑުގެ މުދަލަށް ރައްކާތެރިކަން ބޮޑީ އަޅުގަނޑު މި ދައްކާ ވާހަކަތައް މި ގޮތަށް ނުދައްކާ، އަޅުގަނޑު މިކުރާ މަސައްކަތް މިގޮތަށް ނުކުރުންކަން." ގާސިމް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތުން ކިތަންމެ ހުރަސްތަކަކާއެކު ނަމަވެސް ނަތީޖާ ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެން ކަމުން އަނިޔާ ލިބުނު ނަމަވެސް ހިތްއެދެނީ އިސްލާހީ މަސައްކަތުގައި ހުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ފެންނަމުންދާ މަންޒަރުތަކާމެދު ވިސްނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑަައިގެންފައެވެ. އަދި ފަނާކުރަނިވި ފިކުރުތަކާއި ދުރުވެ، ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާވާން ބަޔަކާއެކު ތިބުމަށް ގާސިމް ގޮވާލެއްވިއެވެ.
"އަޅުގަނޑަށް އަނިޔާތަކެއް އެބަލިބޭ، މާއްދީގޮތުން، ނަފްސާނީގޮތުން، ޖިސްމާނީގޮތުން، ރޫހާނީގޮތުން އަދި އޭގެ އިތުރުން އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށްވެސް ނުހުރުއްޕާންކޮށް ދުއްތުރާ ކުރަމުން އެބަގެންދޭ. އެކި ގޮތްގޮތުން ބަހުންނާއި އަމަލުން އަދި އެ ނޫންވެސް ސިފަސިފާގައި ކުރެވެންހުރި ހުރިހާ ދުއްތުރާތަކެއް އެބަކުރޭ."
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބެން އޮތީ ޖުމްހޫރީ ޕާޓީން ކަމަށެވެ. ޖޭޕީން މިހާރު ތައްޔާރުވަމުންދަނީ އެ ޕާޓީގެ އަވަސް ކޮންގްރެސްއަކަށް ކަމަށް ވިދާޅުވެ އެއީވެސް ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ލިބޭނެ ރަނުގެ ފުރުސަތަކަށްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ފުރުސަތު ނަންގަވާ ނުލައްވާށޭ، ގުޅިވަޑައިގަންނަވާށޭ ޖުމްހޫރީ ޕާޓީއަށް، ވަގުތު އެބައޮތޭ، ފުރުސަތު އެބައޮތޭ."