ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރީގެ ރައީސުންގެ އިނާޔަތްތައް ރިވިއުކުރަން މަޖިލީހަށް ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވޭ ބޭފުޅުންނަށް ދައުލަތުގެ ހަރަދުން ދެމުން އަންނަ އިނާޔަތްތައް ރިވިއުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ރިވިއުކޮށްދިނުމަށާއި ދައުލަތުން ހަރަދު ކުރާ ގޮތަށް އެއް އިދާރާއަށޤވުރެ ގިނަ އިދާރާއިން އިނާޔަތް ހޯދާ މީހުނަށް ކޮންމެ ވެސް އެއް ސްކީމެއް އިހުތިޔާރު ކުރަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެމުން ދަނީ މަހަކު 175،000 ރުފިޔާ އެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރަ އާއި، ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި ޗެރިޓީ މަސައްކަތްތަކަށް ހުޅުވާ އޮފީސްތައް ހިންގުމަށާ އެކު ގިނަވެގެން 175،000 ރުފިޔާ ދޭން ޖެހެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ރައީސް ކަން ކުރެއްވި ބޭފުޅުންގެ ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އަދަދަކީ 50،000 ރުފިޔާ އެވެ. އެއް ދައުރަށް ވުރެ އިތުރަށްނަމަ 75،000 ރުފިޔާ އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުރަކަށް ވުރެ ދިގު މުއްދަތެއްގައި ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ އިތުރުން ދެން ދުނިޔޭގައި މި ވަގުތު ތިއްބެވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދެވެ.

އޭގެ ތެރެއިން މަޖިލީހުގެ ރައީސަކަށް ހުންނެވި ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމައިފަ އެވެ. އެއީ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނަޔާތުން ގާތްގަނޑަކަށް 80،000 ރުފިޔާ ލިބިވަޑައިގަންނަވާތީ އެވެ. އެކަމަކު އެމަނިކުފާނަށް ވެސް ކުރީގެ ރައީސްގެ އިނާޔަތުގެ ފައިސާ ނެންގެވުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ.